ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެސްޓީއޯ

އެސްޓީއޯއަށް ވެންޓިލޭޓަރު ބިޑް ނުދިނީ އަގު ބޮޑުވުމާއި މުއްދަތް ދިގުވުމުން

May 11, 2020
7

ކޮވިޑް-19 ގެ ރޯގާއާއި ގުޅިގެން ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ހަވާލުކޮށްފައި ނުވަނީ އެ ކުންފުނިން ހުށައެޅި އަގު ބޮޑުވުމާއި ވެންޓިލޭޓަރުތައް ގެނެސް ދެވޭނެ މުއްދަތު ދިގުވުމުން ކަމަށް އެނގިއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ 200 ވެންޓިލޭޓަރު ގެނައުމަށް މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ނިންމާފަ އެވެ. އެ ތަކެއްޗަކީ ވީހާ ވެސް އަވަހަށް ބޭނުންވާ ތަކެތި ކަމުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން މެޑް ޓެކްނިކް އާއި ނާޑް މޯލްޑިވްސް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އަދި ރާއްޖޭގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސްއާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގުތައް ބަލައި ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން މެޑް ޓެކްގެ ފަރާތުން މިހާރު ވަނީ 18 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައެވެ.

މި މަސައްކަތަށް އެސްޓީއޯއިންވެސް ވަނީ ކުރިމަތިލާފައެވެ. އެހެން ނަމަވެސް ހުރިހާ ކުންފުނިތަކަށްވުރެ އެ ކުންފުނިން ހުށައެޅި އަގުތައް ބޮޑެވެ. ނަމަވެސް އެ ކުންފުނިން ވަނީ ތިން ގޮތެއް ސަރުކާރަށް ހުށައަޅާފައެވެ. އެ ތިން ގޮތް ހުށައެޅުމުންވެސް އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރަން ނުފެންނަ ކަމަށް ބިޑް ކޮމެޓީން ވަނީ ނިންމާފައެވެ.

އެކަމާއި ގުޅިގެން އެސްޓީއޯއިން ވަނީ އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުނުކުރި ސަބަބު ސާފުކޮށް ދިނުމަށް އެދި ހެލްތް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެ ސިޓީއާއި ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ އެކަން ސާފުކޮށްދީ ސިޓީއެއް ފޮނުވާފައެވެ.

އަވަސްއަށް ކޮޕީ ލިބިފައިވާ މި ސިޓީގައި ތިން ހުށައެޅުން ގަބޫލުނުކުރެވޭ ސަބަބުތައް ވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން ފުރަތަމަ ހުށައެޅުމުގައި 15 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށައަޅާފައިވަނީ 13،177،125 ރުފިޔާއަށް ކަމަށާ އެއީ ވެންޓިލޭޓަރެއް 878،475 އަށެވެ.

ދެވަނަ ހުށައެޅުމުގައި 15 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށައަޅާފައިވަނީ 3،100،000 ރުފިޔާއަށް ކަމަށާ އެއީ ވެންޓިލޭޓަރެއް 206،666.67 ރުފިޔާއަށް ކަމަށް ހެލްތްގެ ސިޓީގައިވެއވެ. އަދި ތިންވަނަ ހުށައެޅުމުގައި 15 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށައަޅާފައިވަނީ 6،447،015 ރުފިޔާއަށް ކަމަށާ އެއީ ވެންޓިލޭޓަރެއް 429،801 ރުފިޔާއަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ހެލްތްގެ ސިޓީގައި މީގެ ތެރެއިން ދެވަނަ ހުށައެޅުމުގައިވާ ވެންޓިލޭޓަރަކީ އެ މިނިސްޓްރީން އެދިފައިވާ ނިއުނޭޓަލް އޮޕްޝަން ހިމެނިފައިނުވާ ތަކެތިކަން ވަނީ ފާހަގަކޮށްފައެވެ. ނިއުނޭޓަލް އޮޕްޝަން ކޮންމެހެން ހިމަނަން ޖެހެނީ ކޮވިޑް ބަލީގައި އެންމެ ތުއްތު ކުދިންނަށްވެސް ފަރުވާދޭން ޖެހޭ ހާލަތުގައި ނިއުނޭޓަލް ވެންޓިލޭޓަރުތައް ކޮންމެހެން ބޭނުން ކުރަން ޖެހޭތީ ކަމަށްވެސް އެ ސިޓީގައިވެއެވެ

"އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ވެންޓިލޭޓަރު ލިބުމަކީ އިންތިހާއަށް އުދަގޫކަމެއް ކަމެއް ކަމަށްވެފައި ވެންޓިލޭޓަރު އަލުން ހޯދުމަކީ ގޮންޖެހުން ބޮޑުވެދާނެ ކަމެކެވެ. އެހެން ކަމުން އޮޕްޝަން ދޭގައި ހުށައަޅާފައިވާ ތަކެއްޗަކީ މި މިނިސްޓްރީން ދީފައިވާ ޓެކްނިކަލް ރިކުއާމަންޓަށް ނުފެތޭ ތަކެތި ކަމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ވަނީ ނިންމާފައި." މިނިސްޓްރީގެ ސިޓީގައިވެއެވެ.

މީގެ އިތުރުން ފުރަތަމަ ހުށައެޅުމާއި ދެވަނަ ހުށައެޅުމުގައިވާ އަގުތަކަކީ އެހެން ކުންފުނިތަކުން ހުށައަޅާފައިވާ އަގަށްވުރެ ބޮޑު އަގުތަކަށްވުމާއި، މުހުލަތު ދިގުވުމުން އެކަންކަމަށް ބަލާ މި ވަގުތަށް ހޯދަންޖެހޭ ވެންޓިލޭޓަރުތައް ސަޕްލައިކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުނުކުރަން ނިންމީ ކަމަށްވެސް ވަނީ ބުނެފައެވެ.

ކުރިން ހަވާލުކުރި ވެންޓިލޭޓަރުތައް ނުގެނެވޭ

ހެލްތް މިނިސްޓްރީން އެސްޓީއޯއަށް ފޮނުވާފައިވާ ސިޓީގައި އެ މިނިސްޓްރީން ހަތަރު ހޮސްޕިޓަލަކަށް 25 ވެންޓިލޭޓަރު ގެނައުމަށް 17،237،865 ރުފިޔާއަށް މި އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ތަކެތި ހަވާލުކޮށްފައިވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ގައުމުތައް ލޮކްޑައުން ކުރުމުގެ ކުރިން ކަމަށާ ނަމަވެސް މިހާތަނަށް އޭގެ ތެރެއިން ގެނެވިފައިވަނީ 10 ޔުނިވާސަލް ވެންޓިލޭޓަރު ކަމަށް ވަނީ ފާހަގަކޮށްފައެެވެ. އަދި އެތައް މަހެއް ފާއިތުވެގެންދިޔައިރު ދެން ހުރި ވެންޓިލޭޓަރުތައް އަދިވެސް ގެނެސްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.