ރާއްޖޭގައި ރިސޯޓު ހިންގާ، ކޮކޫން ކުންފުންޏާއި އެ ކުންފުނީގެ ވިޔަފާރީގެ ބައިވެރިންގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ބައެއް ތަކެތި މިއަދު ހަދިޔާކޮށްފި އެވެ.
ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮކޫން އިންވެސްޓްމަންޓުގެ ފަރާތުން ވަނީ ރާއްޖެ އަށް ދިން އެހީގެ ސާމާނު ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. މި ތަކެއްޗާ ރާއްޖޭން ހަވާލުވީ ރާއްޖޭގެ ސަފީރު އުމަރު އަބްދުއްރަޒާގު އެވެ. އަދި ކޮކޫން އިންވެސްޓްމަންޓުގެ ފަރާތުން ތަކެތި ހަދިޔާކޮށްދެއްވީ ކޮކޫން ކުންފުނީގެ ޗެއާމަން އަސްގީ އަކްބަރަލީ އެވެ.
ކޮކޫން އިންވެސްޓްމަންޓުން ހަދިޔާ ކުރި މި ތަކެތީގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގެ ފަރާތްތަކުން ހަށި ރައްކަލަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) ގެ ސާމާނެވެ. މީގެ ތެރޭގައި ސެނެޓައިޒާ އާއި ހަޒްމަތު ޝޫޓު ފަދަ އާލާތްތައް ހިމެނެ އެވެ.
ކޮކޫން ކުންފުނިން ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. މި ރިސޯޓު ހުޅުވާފައިވަނީ ޅ. އަތޮޅުގަ އެވެ. މީގެ އިތުރުން ކޮކޫން ޔޫ އެންޑް މީގެ ނަމުގައި ރ. އަތޮޅުގައިވެސް ރިސޯޓެއް ހުޅުވާފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ސިނާއަތުގެ އެކި ފަރާތްތަކުން ދަނީ ރާއްޖެއަށް އެހީވަމުންނެވެ. މިގޮތުން މިހާތަނަށް ދީފައިވާ އެންމެ ބޮޑު އެހީއަކީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ކުންފުނި ކަމަށްވާ ޗަމްޕާ ކްރައުން އެންޑް ރިސޯޓާއި ކުރެއްދޫ ހޯލްޑިން ކުންފުނީގެ ހިއްސާ އޮންނަ ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރުން ބޭނުން ކުރަން ދިނުމެވެ. މި އެހީ ދީފައިވަނީ މި ކުންފުނީގެ އޯނަރުންގެ ޖީބުން މަހަކު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ހަރަދު ކުރާ ގޮތަށެވެ. މީގެ އިތުރުން ރާއްޖޭގައި ރިސޯޓް ހިންގާ ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ އޮންގް ވަނީ 15 ވެންޓިލޭޓަރު ހަދިޔާކޮށްފަ އެވެ.