ދީން

ފަހު ދިހައިގެ ދަރުމައަށް ގަދަ މަސައްކަތް ކުރަމާ

ރަހުމަތާއި ބަރަކާތުން ފުރިގެންވާ މަތިވެރި މައްސަރުގެ ދުވަސްތައް ވަކިވަމުންދަނީއެވެ. މިހާރު އަޅުގަނޑުމެން އިސްތިގުބާލުކުރަން ތައްޔާރުވެގެން މި ތިބީ މި މައްސަރުގެ އެންމެ ފަހު ދުވަސްތަކާއެވެ.

މިއަދާއެކު މާތްﷲގެ ރަހުމަތްފުޅުން 19 ރޯދަ ފުރިހަމަ ކުރެވުނީއެވެ. ވޭތިވެދިޔަ ދުވަސްތަކުގައި އަޅުކަމުގައި ތިމާ ދެއްކި ހީވާގިކަން އިތުރުކުރަންވީ ދިހަ ދުވަސް ބައްދަލްކުރަނީއެވެ.

ރޯދަ މަހުގެ ދުވަސްތަކާއި ރޭތައް މާތްﷲ މާތް ކުރައްވާފައިވެއެވެ. މި މައްސަރުގައި ކުރެވޭ ހެޔޮ އަމަލުތަކުގެ ދަރުމައާއި ސަވާބުވެސް އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. ރޯދަ މަސް ހާއްސަވުމުގައި ވަރަށް ގިނަ ކަންތައްތަކެއްވެއެވެ. ފުރަތަމަ ކަމަކީ ރޯދައިގެ މަތިވެރި ފަރުލު މި މައްސަރާ ގުޅިފައިވުމެވެ. ކީރިތި ގުރުއާން ބާއްވާލެއްވުމެވެ. ތަރާވީހު ނަމާދު މި މައްސަރަށް ހާއްސަވުމެވެ. އަދި ލައިލަތުލްގަދުރިވިލޭރޭ މި މައްސަރުގައި ހިމެނިފައިވުމެވެ.

އެއީ ރޯދަ މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮ ވެގެންވާ ރެއެވެ. އެ ރޭގެ މަތިވެރިކަމާއި ގުޅޭގޮތުން އެހެން ލިޔުމެއްގައި މާތްﷲގެ ވާގިފުޅާއެކު މައުލޫމާތު ގެނެސްދޭނަމެވެ. މިފަހަރު ބަލާލާނީ ފަހު ދިހައިގެ މާތްކަމާއި އެ ރޭތަކުގައި މާތް ނަބިއްޔާ އަމަލުކުރައްވާފައިވާ ގޮތަށެވެ.

އާއިޝާ ރަޟިޔަ ﷲ އަންހާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ރޯދަ މަހުގެ ފަހުދިހަ އައުމުން އެރޭތައް އިހްޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިން ހޭލައްވައެވެ. އަދި ގަދައަޅުވައި ހެޔޮކަމުގައި މަޝްއޫލުވެލައްވައެވެ. އަދި ކަމަރު ބަދެލައްވައެވެ.

އެބަސްފުޅުގައިވަނީ މިފަދައިންނެވެ. أَحْيَا اللَّيْلَ ރޭ އިހްޔާ ކުރައްވައެވެ. މިބަސްފުޅުގެ މުރާދުގައި އިބްނު ހަޖަރު ރަހިމަހު ﷲ ވިދާޅުވެފައިވެއެވެ. "އެރޭތަކުގައި އަޅުކަން ކުރެއްވުމަށް ހޭލާ ހުންނަވައެވެ." އެބަހުގެ މުރާދަކީ އެ ރޭތަކުގައި ނަމާދު ކުރެއްވުމަށާއި ރޭ އަޅުކަން ކުރެއްވުމާއި ކީރިތި ގުރްއާން ކިޔަވައި ވިދާޅުވުމުގައި މުޅި ރޭގަނޑުގެ ވަގުތައް ހޭދަކުރެއްވުން ކަމުގައިވެސް ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ.

ލައިލަތުލް ގަދްރި ވިލޭރޭގެ މާތްކަމާއި މަތިވެރިންކަން ބޮޑުވެގެންވެއެވެ. އެ ރެޔަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާ صلى الله عليه وسلم މާތް ﷲ ބަޔާންކޮށްދެއްވުމަށްފަހު، އެކަލޭގެފާނު ހަނދުމަނެތިގެން ދިޔައެވެ.

މިކަމަކީ އުއްމަތަށް ހުރި ރަހްމަތެއް ކަމުގައި އިލްމުވެރިން ދެކެލައްވައެވެ.

އާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ކީރިތި ރަސޫލާ صلى الله عليه وسلم ދުނިޔެ ދޫކުރެއްވުމަށް ދާންދެން ކޮންމެ ރަމަޟާން މަހެއްގެ ފަހު ދިހައެއްގައި އިއުތިކާފަށް އިންނަވައެވެ. އެކަލޭގެފާނަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އެ އަޅުކަމުގައި ދެމިތިއްބެވިއެވެ.

ވީމާ ރޯދަ މަހުގެ ފަހު ދިހަ ދިހާގައި އަޅުކަމުގައި ހީވާގިވުމަށް ގަދަ އަޅާ މަސައްކަތް ކުރަންޖެހެއެވެ. އިސްވެ ދިޔަ މިސާލުތަކުން އެ ދުވަސްތަކުގައި އުންމަތުގެ ނަބިއްޔާ އަމަލު ކުރެއްވިގޮތް އެވަނީ ބަޔާންވެގެންނެވެ. ވީމާ މި ދުވަސްތަކުގައި ފަރުލް ނަމާދުތަކަށް ހާއްސަ އިސްކަމެއް ދޭށެވެ. ސުންނަތް ނަމާދުުކުރުން ގިނަ ކުރާށެވެ. ގިޔާމުއްލައިލު ނުވަތަ ތަރާވީހު ނަމާދަށް ފަރުވާ ކުޑަ ނުކުރައްވާށެވެ. ކުޅަދާނަ ވެގެންވާނަމަ ދަމު ނަމާދު ކުރާށެވެ. އަދި ކީރިތި ގުރުއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރާށެވެ. ފާފަތަކުން ތައުބާވުމަށް މިއީ ރަނުގެ ފުރުސަތެކެވެ. ދުއާ ކުރުން ގިނަކުރާށެވެ. ޒިކުރުކޮށް އިސްތިގުފާރުކުރުން ގިނަ ކުރާށެވެ.

ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. އޯގާވެރިކަމާއި ދީލަތިކަން އިސްކުރާށެވެ. ފަހެ ކޮންމެ ހެޔޮ އަމަލަކުން އެތައްހާސް ގުނަ ދަރުމަ ލިބުމުގެ މަގު މިވަނީ ތަނަވަސްވެފައެވެ.

މީގެ އިތުރުން ތިމާގެ އަނބިދަރިންނާއި، ގޭގައި އުޅޭ އެހެން މީހުން ރޭގަނޑު އަޅުކަމަށް ނަގާށެވެ.

ތިބާ މި އަޅުކަންތައް މި ދިހަ ރޭ ތަކުރާރުކޮށް ކުރަމުން ގެންދާނަމަ ހަމަ ޔަގީނުންވެސް ލައިލަތުލް ގަދްރި ވިލޭރޭގެ މާތްކަން ލިބިގަނެވޭނެއެވެ. އެއީ އެއްހާސް މައްސަރުގެ ދަރުމައާއި ތަވާބު ލިބިގެންދާނެ ރެއެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ