ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫގައި ޓެސްޓް ނުކުރެވޭތީ މަޖިލީހަށް ކުއްލި މައްސަލައެއް

މާލެ ސަރަހައްދަށް ފަހު އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެން ނެތުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ، އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތެއް ނެތުމުން އެ ސިޓީން ނަގައި ކޮންމެ ސާމްޕަލެއް ޓެސްޓް ކުރަން ފްލައިޓް ޗާޓަރު ކޮށްގެން މާލެ ގެންނަން ޖެހުމަކީ ބޮޑު ހަރަދެއް ވެސް ހިނގާނެ ކަމެއް ކަމަށެވެ.

އައްޑޫ ސިޓީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުން ކުރުމަށް ސަލާމަތީ ވަސީލަތްތައް ނެތް ކަމުގެ ޝަކުވާ ވެސް ކުރަމުންދާ ކަމަށާއި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އެ ސިޓީގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ވެފައި ނެތް ކަމަށް ވެސް ޝިޔާމްގެ ކުއްލި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައި ނުވާއިރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފިނަމަ މީހުން ކަރަންޓީނުކޮށް ފަރުވާ ދިނުމުގެ ރަނގަޅު ޕްލޭނެއް ނެތިއްޖެނަމަ ނުރައްކާތެރި ހާލަތަކަށް ވެސް ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށް އެ ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.

މާދަމާ ހެނދުނު 11:00 ޖަހާއިރު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުއްލި މައްސަލައެއް މެންބަރަކު ހުށަހަޅައިފިނަމަ އެ މައްސަލައަށް ބަހުސް ކުރާނީ މެންބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި ފުރަތަމަ ކަމަކަށް މައްސަލައަށް ބަހުސް ކުރުމާ މެދު ވޯޓެއް ނަގާނެ ކަމަށް ބެލެވެ އެވެ.

އައްޑޫ ސިޓީން ބަލި ހާލު ބޮޑުވެގެން މާލެ ގެނައި މީހަކު ޓެސްޓް ކުރުމުން އެންމެ ފުރަތަމަ އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެކަމާ ގުޅިގެން އައްޑޫ ސިޓީ ލޮކްޑައުން ވެސް ކުރި އެވެ. އެކަމަކު ފަހުން ޓެސްޓް ކުރުމުން ނެގެޓިވްވުމުން ފަހުން އެ ސިޓީ ލޮކްޑައުން އިން ނެގި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 862 މީހަކު ފެނިފައިވާއިރު 31 މީހުން ވަނީ ބަލިން ރަނގަޅު ކުރެވިފަ އެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ޕޮޒިޓިވް މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް ރާއްޖޭން ބައްޔަށް ޕޮޒިޓިވް ގިނަ ބަޔަކު ދަނީ ފެންނަމުންނެވެ.