އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެން ނެތުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ބަލައިގަންނަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވާފައިވާ ކުއްލި މައްސަލައަށް ތަޅުމުގައި ބަހުސް ކުރުމަށް ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެ އެވެ.
އައްޑޫގައި ޓެސްޓް ނުކުރެވޭތީ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފައިވަނިކޮށް، މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުންނާ އެކު ސަރުކާރުން ވަނީ އޮންލައިން ބައްދަލުވުމެއް ބާއްވައިފަ އެވެ. އައްޑޫގެ ދާއިރާތައް ތަމްސީލު ކުރައްވާ ހަތް މެންބަރުންނަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންނެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ޓެސްޓް ހެދުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައިވާ ގޮންޖެހުންތައް ވިދާޅުވެފަ އެވެ. އަދި އެ ކަންކަން އެންމެ އަވަހަށް ހައްލުކޮށް އައްޑޫގައި ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމައްޖެސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދާދި ފަހަކުން ވަނީ އައްޑޫން ބަލި ހާލު ބޮޑުވެގެން މާލެ ގެނައި މީހަކު ޓެސްޓް ކުރުމުން އެންމެ ފުރަތަމަ އެ މީހާ ކޮވިޑް ބައްޔަށް ޕޮޒިޓިވްވި އެވެ. އެކަމާ ގުޅިގެން އައްޑޫ ސިޓީ ލޮކްޑައުން ވެސް ކުރި އެވެ. އެކަމަކު ފަހުން ޓެސްޓް ކުރުމުން ނަތީޖާ ނެގެޓިވްވުމުން ފަހުން އެ ސިޓީ ލޮކްޑައުން އިން ނެގި އެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖޭން 897 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 31 މީހަކު ބަލިން ރަނގަޅުވިއިރު ތިން މީހަކު މަރުވެފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.