ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ޕްރިމިއާ ލީގް ޖޫން އެކެއްގައި ފަށަނީ

އިނގިރޭސި ޕްރިމިއާ ލީގްގެ އަންނަ މަހު އެއް ވަނަ ދުވަހު ފެށުމުގެ ފެހި ސިގުނަލް އިނގިރޭސި ސަރުކާރުން ދީފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ލީގް ފެށުމުގެ ހުއްދަ ދޭން އިނގިރޭސި ސަރުކާރުން ނިންމީ، އިއްޔެ ގާނޫނު ހަދާ މަޖިލީހަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ހުށަހެޅި ރިޕޯޓްގައި ފާހަގަ ކޮށްފައި ވުމުންނެވެ. "ގައުމު އަލުން ބިނާ ކުރުމުގައި އަހަރެމެންގެ ޕްލޭން" ނަމުގައި އެކުލަވާލާފައިވާ 60 ސޮފްހާގެ ރިޕޯޓް އިއްޔެ ބޮރިސް ޖޯންސަން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެ ޕްލޭންގެ މަރުހަލާތައް ބަހާލަފައިވާއިރު ދެ ވަނަ މަރުހަލާގައި ވަނީ ޓީމު ސްޕޯޓްސް އަލުން ފެށުމުގެ މައްޗަށެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގް ވެސް ހިމެނޭނެ އެވެ. ސަރުކާރުން ހުއްދަ ލިބުމުން ޕްރިމިއާ ލީގުން، ދަނީ ޖޫން އެކެއްގައި އަލުން ސީޒަން ފެށުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް އެކަމަށް ރަސްމީ ގޮތުން ހުއްދަ ލިބޭނީ، އިނގިރޭސި ސިއްހީ މާހިރުންނާއި މަޝްވަރާ ކުރުމަށް ފަހު ކެބިނެޓް މިނިސްޓަރުންގެ ލެވެލްގައި ނިންމުމަށް ފަހު އެވެ.

އިނގިރޭސި ލީގް ޖޫން އެކެއްގައި ފެށިޖެނަމަ، އެ ލީގް ވެގެން ދާނީ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގްގެ ތެރެއިން ދެ ވަނަ އަށް ފަށާ ލީގަށެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލި ލީގްގެ ތެރެއިން އެންމެ ފުރަތަމަ ފަށާ ލީގަކީ ޖަރުމަންގެ ބުންޑެސް ލިގާ އެވެ. އެ ލީގްގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ.

ސްޕެއިންގެ ލަލީގާއިން ބުނަނީ، އަންނަ މަހު 12 ގައި ލީގް ފެށުމަށް މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް ސްޕެއިންގެ ސިއްހީ ވުޒާރާއިން ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމިފައި ނުވާ ކަމަށެވެ. ލަލީގާގެ ޓީމުތައް ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ޕްރެކްޓިސް ފެށުމުގެ ކުރިން ހުރިހާ ޓީމެއްގެ ކުޅުންތެރިން ޓެސްޓް ކުރި އިރު ފަސް ކުޅުންތެރިޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓްވި ވެފަ އެވެ.

އިޓަލީގެ ސޭރިއާގެ ކުލަބުތަކުން ވެސް މި މަހު 18 ގައި ޕްރެކްޓިސް ފެށުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެހެންނަމަވެސް އަދި ލީގް ފެށޭނެ ދުވަހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.