ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް އަދި ގައުމުތައް ލޮކްޑައުންކޮށް ގޭގެއިން ވެސް މީހުން ބޭރަށް ނުކުތުން މަނާ ކޮށްފައި އޮންނަތާ މިހާރު މަހަކަށް ވުރެގިނަ ދުވަސް ވެއްޖެ އެވެ. ކޮރޯނާވައިރަހުގެ ވަބާގެ ބިރުވެރި ކަމުންނެވެ. އެ ނުރައްކާތެރި ބަލިން ސަލާމަތް ވެވޭނެ އެކަށީގެންވާ ވެކްސިނެއް ބޭހެއް ނެތީމަ އާއި ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާތީ އެވެ.
އެތައް ހާސް ޑޮކްޓަރުންނާއި ނަރުހުންނެއް އެމީހުންގެ ފުރާނައިން ގުރުބާން ވެފައިވާއިރު ސިއްހީ އެހީތެރިންގެ ތެރެއިން ގިނަ ބަޔަކު މިހާރު ދަނީ މި ބައްޔާ ހަނގުރާމަ ކުރަމުންނެވެ.
ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، ގާތްގަނޑަކަށް ތިން ލައްކަ އާ ކައިރިކުރާ މިންވަރަކަށް މި ބަލީގައި މީހުން މަރުވެފައި ވެއެވެ. އެހެންކަމުން ކޮންމެ މީހެއްގެ ވެސް ދުއާ އަކީ އަދި ހިތާހިތުން އެދޭ އެދުމަކީ މި ބައްޔަށް އެކަށީގެންވާ ވެކްސިނެއް ވީ އެންމެ އަވަހަކަށް ލިބުމެވެ.
ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ސައިންސްވެރިންގެ އެކި ޓީމުތަކުން ރެއާ ދުވާލު ވަރަށް ބުރަކޮށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ގާތްގަނޑަށް 100 ވަރަކަށް ރިސާޗް ގްރޫޕުން މިހާރު ވެކްސިން ހޯދުމައި ވެކްސިން ޓެސްޓްކުރުމާއި އުފެއްދުމުގެ މަސައްކަތް ކުރަމުން ދެއެވެ.
އާއްމުގޮތެއްގައި ވެކްސިނެއް އުފައްދައި އެ ޓެސްޓްކޮށް އިންސާނުންނަށް އޭގެ ބޭނުން ކުރެވެން ފެށެނީ ވަރަށް ގިނަ އަހަރުތަކެއްގެ މަސައްކަތުންނެވެ. އެހެންވެ މަދުވެގެން އަހަރެއްހާ ދުވަސް ނުވަނީސް ވެކްސިނެއް އުފެއްދުމަކީ ސައިންސްވެރިން ގަބޫލުކުރާ އުސޫލެއް ނޫނެވެ. ނަމަވެސް ކޮރޯނާވައިރަހަށް ވެކްސިނެއް އެއަށް ވުރެ އަވަހަށް ނުއުފައްދާ ވާނެ ގޮތެއް ވެސް ނެތެވެ. އެއަށްވުރެ ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުން މާ ގިނަ އެވެ. ގައުމުތަކުގެ އިގްތިސާދުތައް ވަނީ އިނދަ ޖެހިފަ އެވެ.
ގިނަ ބަޔަކު ބަނޑަށް މަރުވަމުންދާއިރު ފަގީރު ގައުމުތަކުން އިތުރު އެތައް މިލިއަން ބަޔަކު ބަނޑަށް މަރުވުމުގެ ބިރުވެސް އެބައޮތެވެ. އެހެންވީމާ ސައިންސްވެރިންނަށް މިހާރު ޖެހިފައިވަނީ ވަގުތާ ދެކޮޅަށް ބާރު ސްޕީޑެއްގައި ދަތުރުކޮށް ވެކްސިނެއް އުފައްދާށެވެ.
ވެކްސިން އުފެއްދުމުގެ މަސައްކަތް ސައިންސްވެރިންގެ ޓީމުތަކުން ކުރަމުންދާއިރު މި ރޭހުގައި އެންމެ ކުރީގައި ހަތަރު ޓީމެއް އެބައޮތެވެ.
ފުރަތަމަ ޓީމަކީ ދުނިޔޭގެ މަޝްހޫރު އޮކްސްފޯޑް ޔުނިވަސިޓީގެ ޓީމެވެ. މި ޓީމުން ވަނީ ތިން މަސް ތެރޭގައި ކޮރޯނާވައިރަހަށް އެކަށީގެންވާ ރަނގަޅު ވެކްސިނެއް ހޯދާފަ އެވެ. މިއީ އާއްމުކޮށް ޖެހޭ އަރިދަފުސް ރޯގާ ޖެހުމަށް މެދުވެރިވާ އެޑިނޯވައިރަސްގެ ބަލިކަށި ސްޓްރެއިން އާއި ޖެނެޓިކް މެޓީރިއަލް އެއްކޮށްގެން ތައްޔާރުކުރި ވެކްސިން އެކެވެ. ހަށިގަނޑަށް ވަންނަ ކޮރޯނާވައިރަހުގެ ސްޕައިކް ޕްރޮޓީން ދެނެގަތުމުގެ ގާބިލްކަން މި ވެކްސިން އަށް ލިބިގެން ވެއެވެ. މި ވެކްސިން މިހާރު ވަނީ ސިއްހަތު ރަނގަޅު ވޮލަންޓިއަރުން ތަކަކަށް ދީފަ އެވެ. އަދި ވެކްސިންގެ ގާބިލްކަމާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން މި މީހުން ޗެކްކޮށްގެން މައުލޫމާތު ދަނީ އެއްކުރަމުންނެވެ.
އެމެރިކާގެ މެސަޗޫސެޓްސްގެ ބައޯޓެކް ކުންފުނި މޮޑާނާ އިން ވެސް މިހާރު ދަނީ އާރްއެންއޭ ބޭސްޑް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ވެކްސިން ކެންޑިޑޭޓުންނަށް ދީގެން ފުރަތަމަ ފޭސް ފުރިހަމަ ކޮށް ދެ ވަނަ ފޭސް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. އާރްއެންއޭ ވެކްސިން އިންސާނުންނަށް ދިނުމުން ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަދެ އެވެ. އަދި ވައިރަލް ޕްރޮޓީންއެއް އުފެއްދުމަށް ބޭނުންވާ އިރުޝާދުތަކެއް މި ވެކްސިންގެ ޒަރިއްޔާއިން ސެލްތައް ލިބޭނެ އެވެ. ހަށިގަނޑަށް މި ވައިރަލް ޕްރޮޓީން އެނގޭ ހިސާބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވައިރަސް އުޅޭކަމުގެ މެސެޖު ލިބި މަސައްކަތް ފަށާނެ އެވެ.
ތިން ވަނަ ވެކްސިން ތައްޔާރުކުރަމުންދަނީ ޗައިނާގެ ސައިންސްވެރިންނެވެ. މި ސައިންސްވެރިން ބުނެފައި ވަނީ އެ ޓީމުން ތައްޔާރުކުރި ވެކްސިން ރާމާމަކުނަށް ދީގެން ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ކަމަށެވެ. ޗައިނާގެ ބައޯފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ސިނޮވެކް ބައޮޓެކް އިން އުފެއްދި މި ވެކްސިން ރާމާމަކުނުތަކަށް ދިނުމަށްފަހު އެ ސޮރުމެން ކޮރޯނާވައިރަހަށް ވެސް ހުށަހަޅުވަ އެވެ. އަދި މި ޓްރައަލް އިން ދެއްކި ގޮތުގައި ވެކްސިން ދީފައިވާ މަކުނުތަކުގެ ބޮޑު ބަޔަކަށް ކޮރޯނާވައިރަހުން ދިފާއުވެފައި ވެއެވެ. މި ވެކްސިން ވެސް މިހާރު އިންސާނުންނަށް ދީގެން ޓްރައަލްތައް ކުރިޔަށް އެބަ ގެންދެ އެވެ.
އެމެރިކާގެ ފައިޒާ ފާމަސޫޓިކަލް ކޮމްޕެނީ އާއި އެ ކުންފުނީގެ ޖަރުމަން ޕާޓްނާ ބައޮއެންޓެކް އިން ވެސް ވެކްސިން އުފެއްދުމުގެ މަސައްކަތް އެބަ ކުރެ އެވެ. މި ވެކްސިން ސިއްހަތު ރަނގަޅު 360 ވޮލަންޓިއަރުންނަށް ދިނުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
މިނޫނަސް އިންޑިޔާ ފަދަ ގައުމުތަކުން ވެސް ވެކްސިން އުފެއްދުމުގެ މަސައްކަތްތައް ކުރާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް މީގެން އެންމެ އަވަހަށް އިންސާނުންނަށް ދޭން ފެށޭނެ ކަމަށް ބެލެވެނީ އޮކްސްފޯޑް ޔުނިވަސިޓީން ތައްޔާރުކުރާ ވެކްސިން އެވެ.
އެ ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅޭ ސައިންސްވެރިންއަކު ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ވެކްސިންގެ އަދި ކުރިޔަށް ދަނީ ޓްރައަލް މަރުހަލާތައް ކަމަށް ވިޔަސް މި ވެކްސިން އަކީ ކާމިޔާބު އެއްޗަކަށް ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ. އެހެންވެ މިހާރުއްސުރެ އެތައް މިލިއަން ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ވެސް ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ވެކްސިންގެ ކާމިޔާބުކަން 100 ޕަސެންޓް ކަށަވަރު ކުރެވޭ ހިސާބުން ވެކްސިން އުފައްދަން ފަށާނަމަ އަދި އެތައް މަހެއް އެކަމަށް ހޭދަވާނެތީ އެވެ.
މިހާރުއްސުރެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށަނީ ވަގުތުގެ ނާޒުކުކަން ހުރި މިންވަރުންނެވެ. މި ވެކްސިން އަކީ އިންސާނުންނަށް ދޭން އެކަށީގެންވާ އެއްޗެއްކަން ޓްރައަލްތަކުން ދައްކައިފިނަމަ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމެއް ލިބޭނެކަން އެނގޭ ހާލަތުގައި ވެސް އެކަން ކުރަނީ އެނޫން ގޮތެއް ނެތިގެން ކަމަށް ސައިންސްވެރިޔާ ވިދާޅުވި އެވެ.