ކޮލަމް

އިޖްތިމާއި އޮނިގަނޑު ބައްޓަން ކުރުން

May 12, 2020
4

ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކިދުވަސްވަރު ދިމާވާ އެކި ހާލަތްތަކަށް ރިއާޔަތްކޮށް އިޖްތިމާއި ފޭރާމާއި ހިންގުމުގެ ނިޒާމް ބަދަލުވަމުން ދެއެވެ. މިއަދު ދުނިޔެއަށް ދިމާވެގެން މިއުޅޭ ބަލިމަޑުކަމަށް ފަހު، އަދި އިގްތިސޯދީ ހީނަރު ކަމަށް ފަހު ކުރިން އުޅުނު ގޮތަށް އަނބުރާ އިއާދަވުމާއިމެދު މިހާރު ގިނަގުނަ ސުވާލުތަކެއް އުފައްދަ އެވެ.

މިކަމަކީ ގައުމީ ފެންވަރެއްގައި އުސޫލުތަކެއް ކަނޑައެޅި އިޖްތިމާއި އޮނިގަނޑު ކުރިމަގަށް ބައްޓަން ކުރަންވީ ވަގުތުކަމަށް ދެކެމެވެ. އިޖްތިމާއީ އޮނިގަނޑު ހަރުދަނާ ކުރުމަށް މުއައްސަސާތަކުގެ ދައުރަކީ ވެސް މިކަމާ ގުޅިލާމެހިފައިވާ މައިގަނޑު އެއް ބިނާއެވެ. އޭގެ ތެރެއިން މުއައްސަސާތަކުގެ އެހީގައި ރައްޔަތުންނަށް ބޭނުންވާ އިރުޝާދުތައް ދިނުމާއި ގައުމީ ފެންވަރެއްގައި ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރު ކޮށްދީގެންނެވެ.

މިކަން މިހެން ކުރުމުން ގައުމު ދައްކާ މަގުން ރައްޔަތުން ގެންދިއުމުގެ ފުރުސަތު ބޮޑުވެ ހަރުދަނާ ނިޒާމެއްގެ ދަށުން ގައުމު ހިންގުމަށް ފަސޭހަވެދެ އެވެ. މިހެން ބުނުމުން ކޮންމެ ކަމަކަށް މުއައްސަސާއެއް އުފެއްދުން މީއީ ކުޅަދާނެކަމެއް ބާވައޭ، ސުވާލު އުފެދިދާނެ އެވެ. ނަމަވެސް މިސުވާލު އެހެން ލިޔުމަކަށް ދޫކޮށްލުމަށްފަހު، މުއައްސަސާތައް ބޭނުން ކޮށްގެން އިޖްތިމާއީ ބަދަލުތައް ގެނެވޭނެކަމުގެ މައްޗަށް މިލިއުމުގައި އަލިއަޅުވާލާނަމެވެ.

ކުރިމަގުގައި ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށާއި ގައުމެއްގެ ސިޔާސަތުތަކަށް އެހީތެރިވެދޭފަދަ އިޖްތިމާއި އޮނިގަނޑެއް ބައްޓަން ކުރުވޭނީ މިކަމަށް މަގުފަހިވާ ގޮތަށް މުއައްސަސާތައް ބަދަލު ކޮށްގެން، ނޫނީ މުއައްސަސާތައް ބޭނުން ކޮށްގެން ޒިންމާދާރު އިޖުތިމައުއެއް ބިނާ ކޮށްގެންނެވެ. މި ދެބައިގެ ގުޅުން ދެނެގަތުމަށް އާއްމުކޮށް ގައުމުތަކުގައި ފެންނަ މަންޒަރުތަކަށް ބަލާލުމަކީ ގައުމެއްގެ ކުރިމަގަށް އިޖްތިމާއީ އޮނިގަނޑު ބައްޓަންކުރުމަށް އެހީއެއް ވެދޭނެކަމަށް ގަބޫލު ކުރެވޭތީ، މިކަމަކީ މުހިއްމު ކަމެއްގެގޮތުގައި ދެކެމެވެ.

މިދެބައި އެކަތި އަނެކައްޗަށް ބާރުފޯރާކަން އެއީ ސާބިތުވާ ކަމެކެވެ. ފަރުދުން މުއައްސަސާތަކަށް ބަރާސޯވާ ބީދައިން މުއައްސަސާތަކަށް ފަރުދުންގެ ވެސް އެއްބާރުލުން ބޭނުން ވެއެވެ. މި ދެބައި އެކުގައި މަސައްކަތް ކުރުމުން އިދާރީ ހިންގުންފަސޭހަވެ ގައުމުގެ ދުވެލި ހަލުވިވުމަށް އެހީތެރިވެދެ އެވެ. އަމިއްލަ އެދުންތައް ކުޑަކޮށް މުއައްސަސާތަކަށް ފަރުދުންގެ މައްޗަށް ބާރުހިންގުމަށް ޖާގަ ދިނުމާއި މިކަމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އަދި މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދީގެންނެވެ. އެހެންނޫނީ ފެނިގެންދާނީ އެއްވެސް އުސޫލަކަށްނުވާ ގޮތަކަށް ތަންފީޒީ މުއައްސަސާއަކުން އެބައެއްގެ ވަޒީފާ ފުރާލުމަށް މަސައްކަތްކުރާ މަންޒަރާއި ޚިދުމަތްލިބެންވާ ފަރާތްތަކާމެދު އިހުމާލުވެ ޒިންމާއަދާނުކުރެވި ފަރުދުން އެކަމާއި ނުރުހުން ފާޅުކުރަމުންދާ މަންޒަރެވެ. އެއާއިހިލާފަށް، ފަރުދުން ކިޔަމަންތެރިވެ މުއައްސަސާތަކުން އަންގާ އެންގުންތަކަށް ތަބާވެ، އެއްބާރުލުންދޭނަމަ ފެނިގެންދާނީ ވިޔާފާރިތައް ކުރިއަރައި، ގައުމުގެ އިގްތިސޯދުގައި ބޭނުންވާ ކުލަޖެހި ހަރުދަނާ އިގްތިޞޯދީ ނިޒާމެއް ތަންފީޒުވާ މަންޒަރެވެ. މިހެންވަނީ އިޖްތިމާއި އޮނިގަނޑު ހަރުދަނާވެ ފަރުދުން އެކުވެރި އެއް މުޖުތަމައެއްގެ ގޮތަށް މަސައްކަތް ކުރާ ހިސާބުންނެވެ.

މުއައްސަސާތަކާއި ފަރުދުންގެ ދެމެދު ފެންނަންހުންނަ ބައެއް ގުޅުންތައް

1 - އަމުރުވެރިކޮށް: މިގޮތަށް ފަރުދުން އިހްތިޔާރުތައް ދޫކޮށް މުއައްސަސާތަކަށް ތަބާވަނީ ލިބޭނެ އަދަބާއި ނިކަމެތިކަން ތަސައްވަރު ކުރެވި އެފަދަ ބާރެއް އަނެއްފަރާތައް ލިބިގެން ވާތީ އެވެ. މިސާލަކަށް؛ މިލިޓަރީ ޑިކްޑޭޓާޝިޕް، ބާރު ބޭނުން ކުރަނީ އަމުރު މައުރޫފު ހިންގުމަށް. އަމިއްލަ ފަރުދުންގެ އިހްތިޔާރުތައް ދޫކޮށްލަނީ އުފެދިފައިވާ ބިރުވެރި ކަމެއްގެ ސަބަބުންނެވެ. އިންސާނުންނައްވީތީ ނަފްސަށް ނުވަތަ ހަށިގަނޑަށް ގެއްލުންދޭގޮތަށް އަމުރުހިންގުން މިއީ އެދެވޭގޮތްތޯ ސުވާލު އުފެދިދާނެ މިންވަރަކަށެވެ. އެހެނަސް މިކަން ކުރަނީ ބާރުވެރިކަން ދެއްކުމާއި، ބާރުގެ ބޭނުން ކޮށްގެން އަވަސް ނަތީޖާއަށްވެސް ވާސިލުވާތީއެވެ. ވަރުގަދަ އުސޫލުތަކެއް ފެނިގެން ދިއަޔަސް ގިނަފަހަރު އާއްމު ދުޅަހެޔޮކަން ދައްވާތައް ފެނިގެން ދާކަން ދިރާސާތަކުން ދައްކައެވެ. އެހެނަސް ބައެއް މުފައްސިރުންގެ ހޯދުންތަކުން ފެންނަގޮތުގައި އިންސާނީ ތޮބިއްޔަތުގައި ނުކިޔަމަންތެރިކަން ހުރުމުން، މުޖުތަމައެއް ފުޅާވާ ވަރަކަށް ގިނަކަންކަން ބޮއްސުންލައި ހަމަނުޖެހުން އާންމު ވެދެއެވެ. މިކަމުގެ ހައްލަކަށް، އަމުރު މައުރޫފު ހިންގުން މުހިންމު ވެދެއެވެ. މުޖުތަމައެއްގެ ގިނަބަޔަކަށް ބުރަބޮޑުވެ، މަދު ބަޔަކު ބާރުގައި ތިބެމެ ދުވަސްވާ ވަރަކަށް މުޖުތަމައުގައި ތަފާތު ބޮޑުވާ މަންޒަރުވެސް ފެނިގެންދިއުން އެކަށީގެންވެއެވެ. އިޖްތިމާއި އޮނިގަނޑަށް ބަލާލާނަމަ ފެނިގެންދާނީ މުޖުތަމައުގައި އެއްބައެއްގެ މައްޗަށް އަނެއްބަޔަކު ވަރަށްބޮޑަށް ބަރޯސާވެފައި ތިބޭ މަންޒަރެވެ. އިލްމު އުނގެނުމާއި، ވަޒީފާހޯދުމާއި ދިރިއުމުމުގެ ހުރިހާ ކަމެއްހެންވެސް ނިމޭނީ ބާރުވެރި ފަރާތައް ބަރޯސާވާ މިންވަރަށެވެ.

2 - ދެފަރާތުގެ ފައިދާއަށް: ފަރުދުން މުއައްސަސާއަކަށް ބައިއަތު ހިފަނީ ފަރުދުންނަށްވެސް މިކަމުން އެދެވިގެންވާ ފައިދާއެއް ގެއްލުމަށްވުރެ ބޮޑަށް ލިބޭތީއެވެ. ކޮންމެ ފަރުދެއްވެސް އެމީހަކަށް ލިބޭ ފައިދާ ބޮޑުކުރުމަށް މަސައްކަތްކުރާ ތަންފެނިގެން ދާނެއެވެ. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން އިތުރު ވެގެންދާތަން ފެނިގެންދާނެއެވެ. މުއައްސަސާތައް ބައްޓަންވެފައިހުންނާނީ ބޮޑަށް ފަރުދުން އެބައިމީހުން ފުދުންތެރިކުރުމަށް ފަހިކޮށްދޭގޮތަކަށެވެ. އިގްތިސޯދީ ނިޒާމެއްގައި ޑިމާންޑް އަދި ސަޕްލައި ފަންކްޝަން ހިނގާގޮތަށް ގައުމުބައްޓަންވެ، ވަގުތާއި މުދާ ހޭދަކުރާނީ ފައިދާވާ މީންވަރަށް ބަލައިގެންނެވެ. މިހާރުގެ ގިނަ ތަރައްގީވެފައިވާ ދައުލަތްތަކުން ވަރަށްފުރިހަމައަށް މިކަން ފެނިގެން ދާނެއެވެ. އުފެއްދުންތެރިކަމާއި ހުނަރުދަށް ފަރުދުން ފެތިގެންދާނީ މުޖްތަމައެއްގެ ދަށުފަންތީގެ ގޮތުގައެވެ. އިޖްތިމާއިގޮތުން ފަރުދުން އެކަތިގަނޑެއްހެން އެއްބާރުލުން މުއައްސަސާތަކަށްދެނީ ބަދަލުގައި ލިބޭނެ ރައްކާތެރިކަމާއި ކުރިއެރުމުގެ ވިސްނުމުގައެވެ. ގައުމުތަކުގައި ގާނޫނުން ހައްގުތައް ކަށަވަރުކޮށްދެނީވެސް މިކަހަލަ އުސޫލުތަކެއްގެ މަތިންނެވެ. މިހެންމިކަން ނުހިގާނަމަ، ފަރުދުން މުއައްސަސާތަކުގެ މައްޗަށް ނުކިޔަމަންތެރިކަން އިސްކުރަން ފަށާފާނެތެވެ. ދެކޮޅަށްވެސް ހަމަހަމަކަން ކަށަވަރުކުރުމަކީ މިފަދަ ނިޒާމެއްގައި އެންމެ މުހިންމު އެއް ކަމެއްކަމުން މިނިވަން މުއައްސަސާތައް އުފެދި އިދާރީ ހިންގުން ހަމަހަމަ ކުރުމަށް މަސައްކަތް ކުރާމަންޒަރު ފެނިގެންދާނެއެވެ. އެހެންކަމުން އިންތިހާބުތަކެއް މެދުވެރިކޮށްގެންވިޔަސް މަގާމުތަކަށް ވަކިފަރުދުން އިސްކުރެވި ވަކި ދައުރެއްކަނޑައެޅިގެން ހިނގާ ނިޒާމެއް ފެނިގެން ހިގައިދާނެއެވެ.

3 - އާދަކާދަ ނުވަތަ ދީނީ އުސޫލު: މިފަދަ ނިޒާމެއްގައި ފަރުދުން އިސްކަންދެނީ މިހިދަށްވުރެ އާހިރުގައި ލިބޭނެ ނަތީޖާ އުޖާލާކުރުމަށެވެ. އަދި އާދަކާދައިގައިވާ އުސޫލުތަކުގައި ހިފަހައްޓައިފިނަމަ ރަގަޅުނަތީޖާ އަބަދުވެސް ލިބޭކަން ގަބޫލުކުރެވޭތީއެވެ. މިފަދަގުޅުންތަކުގައި އާންމުހިދުމަތްތަށް ގިނަވެ، ހިލޭ ސާބަހަށް ފަރުދުން މަސައްކަތް ކޮށްދޭ މަންޒަރު ފެނިގެންދާނެއެވެ. އަދި ބަދަލެއްގެ ބޭނުން ދަށްވެ، ހަމަހަމަ އުސޫލުތަކަށް ލޯބިކޮށް ފަރުދުން ކަންކަމަށް ބަރޯސާވުން ކުޑަވެ އަމިއްލަ އިސްނެގުމާއިއެކު ދިރިއުޅުން ފާގަތި ކުރުމަށް މަސައްކަތްކުރާ މަންޒުފެނިގެން ދެއެވެ. މިހެންމިކަން ހިންގާނީ ރަނގަނޅާއި ނުބައި އެއީ މިންގަނޑަށް ބާލާތީއެވެ. މިފަދަ ނިޒާމުތައް މިހާރުގެ ދުނިޔެއިން ފެނުންމަދެވެ، ކުރިން ބުނެވުނު ދެ ވައްތަރުން ކުރެ ކޮންމެވެސް އެއްގުޅުމަކާއި ވައްތަރުވެއެވެ. މިފަދަގުޅުންތައް މިހާރުގެ ދުނިޔެއިން ފެނުން މަދުވާ ސަބަބެއްކަމަށް މުފައްސިރުން ހާމަކުރަނީ، އިންސާނުންގެ ބޭނުންތައް ގިނަވެ މުދާވެރިކަން އިންސާނީއަތަށްވުރެ މުހިންމުކަމަށް ދެކުމާއި ފަރުދުންގެ އެއްބާރުލުން ހަމަހަމައަށް ދެމެހެއްޓެނިވިގޮތަކަށް ލިބުމަކީ ނާދިރުކަމެއްކަމަށް ހޯދުންތަކުން ފެންނާތީއެވެ. މިފަދަ މުޖުތަމައެއްގައި ފަރުދުން ދީނުގައިވާ ނުވަތަ އާދާކާދަގައިވާ އުސޫލުތައް އިސްކުރެއެވެ.

ބުނެވުނު ތިން ގޮތުންކުރެ ގޮތަކަށް މުއައްސަސާތަކާއި މުޖުތަމައެއްގެ ގުޅުން އޮވެއްޖެނަމަ ވަރަށް ތަފާތު ތިންގޮތަކަށް އިޖްތިމާއީ އޮނިގަނޑު ބިނާވެގެންދާނެއެވެ. މިހާރުގެ ދުނިޔެއިން މިހުރިހާ ގުޅުމެއްވެސް އެކުގައި ގައުމުތަކުން ފެނިގެންދެއެވެ. ބައެއްފަހަރު އެއްވައްތަރެއްގެ ގުޅުން ބޮޑުކޮށް ނޫނީ ކުޑަކޮށެވެ. މިސާލަކަށް؛ ފަރުދުން ވަޒީފާއަކަށް ދަނީ ރަގަޅު ހަލާލު ގޮތުގައި ދިރިއުޅުމުގެ ރިޒުގު ހޯދުމުގެ ނިޔަތުގައި، ނުވަތަ އެއްބަސްވި މުސާރަ ލިބޭތީ، ނޫނީ ނުގޮސްފިނަމަ އަދަބެއްލިބި ނުކިޔަމަންތެރި މީހަކަށް ވެދާނެތީއެވެ. ދިވެހިރާއްޖެއަށް ދިމާވި އެކިއެކި ހާދިސާތަކަށް ނަޒަރުހިންގާލުމުންވެސް ފެނިގެންދަނީ ގިނަގުނަ ބަދަލުތަކެއް މުޖުތަމައަށް އެކިފަހަރުމަތިން އައިސްފައިވާކަމެވެ. ވުމާއިއެކު، ދިމާވާ ހާދިސާތަކަށް އަދި މުޖުތަމައަކަށް އަންނަ ބަދަލުތަކާއި އެކުވާފަދަ އިޖްތިމާއި އޮނިގަނޑެއް ބައްޓަންކުރުގެ މުހިންމުކަމަށް، މިލިއުމުގައި އަލި އަޅުވާލެވިއްޖެކަމަށް އުންމީދު ކުރަމެވެ.

މިލިޔުން ބިނާވެފައިވަނީ އާންމު މުޖުތަމައެއްގެ ނިސްބަތް އެއީ އިޖްތިމާއީ އުސޫލު ދައްކުވައިދޭ މިންގަނޑުކަމަށް ބަލައިގެންނެވެ. މިއީ ފިކުރީ ލިޔުމަކަށް ވުމުން މީގައި ތަފާސް ހިސާބު ގެނެސްފައި ނުވާނެއެވެ.