ބާސެލޯނާ

ލަޕޯޓާގެ ޓާގެޓް ގާޑިއޯލާއަށް

އަންނަ އަހަރު ބާއްވާ ބާސެލޯނާގެ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ބާސާގެ ކޯޗަކަށް އަލުން ޕެޕް ގާޑިއޯލާ ގެންނަން މަސައްކަތް ކުރާނެ ކަމަށް އެ ކުލަބުގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ އިއުލާން ކޮށްފި އެވެ.

ކުރިން 2003 ވަނަ އަހަރުން 2010 ވަނަ އަހަރަށް ބާސެލޯނާގެ ރައީސްކަން ކުރި ލަޕޯޓާއަކީ އެ ކުލަބުގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔާބު ރައީސެވެ. ބިޒްނަސް މޮޑެލްއަށް ހިނގާ ކުލަބަކަށް، ބާސާ ބަދަލު ކުރީ ލަޕޯޓާގެ ރައީސް ކަމުގަ އެވެ.

ބާސާގެ މިހާރުގެ ރައީސް، ޖޯސެފް ބާޓެމެއު އަށް ވަރަށް ބޮޑަށް ފާޑު ކިޔާ، ލަޕޯޓާ ވަނީ ބާސާގެ ރައީސް ކަމަށް އަލުން ވާދަ ކުރާނެކަން އިއުލާން ކޮށްފަ އެވެ.

ބާސާގެ ބީ ޓީމުގެ ކޯޗަކަށް، ގާޑިއޯލާ ހަމަޖެއްސައި، ސީނިއާ ޓީމަށް 2008 ގާޑިއޯލާ ޕްރަމޯޓް ކުރީ ލަޕޯޓާގެ ދުވަސްވަރު އެވެ. ބާސާއަށް 12 ތަށި ހޯދައިދިން ގާޑިއޯލާ އެ ޓީމުގެ ކޯޗް ކަމުން ވަކިވީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާ ވަނީ ޖަރުމަންގެ ބަޔާން މިޔުނިކަށް ކޯޗް ކޮށްދިފަ އެވެ.

"އަހަރެން ވަރަށް ބޭނުން ގާޑިއޯލާ ބާސައަށް އަންނަށް، އެކަމަކު އެއީ އޭނާ ނިންމަން ޖެހޭ ކަމެއް، މިވަގަުތު އޭނާ އެ ހުރީ މެންޗެސްޓާ ސިޓީގެ ކޯޗް ކަމުގައި،" ސްޕެއިންގެ ޓީވީ ތިނަކަށް ދިން އިންޓަވިއުގައި ލަޕޯޓާ ބުންޏެވެ. "ކަޓަލާންގެ ވަރަށް ގިނަ މީހުން ވެސް ބޭނުންވޭ އޭނާ ބާސާގެ ކޯޗް ކަމަށް އަންނަން، އޭނާއަކީ ބާސެލޯނާގެ ބެންޗު މާކެއް، ބާސާގެ ކޯޗް ކަމަށް 2021 ވަނަ އަހަރުން ފެށިގެން ހުންނަން އަހަރެމެން ބޭނުންވާ މީހާ އާ ވަގުތު ޖެހުނީމަ ސީދާ އަހަރެން ވެސްް ވާހަކަ ދައްކާނަން،"

މިދިޔަ މަހު ބާސާގެ ޑިރެކްޓަރުންގެ ބޯޑުން ހަ މެންބަރަކު ވަނީ އިއުސްތިއުފާ ދީފަ އެވެ. ހަ މެންބަރުން އިސްތިއުފާ ދިނީ މިހާރުގެ ރައީސް ބާޓެމެއު އާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

ބާސާގެ ކޯޗް ކަމަށް، އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ގެންނަ ވާހަކަ ވެސް ވަނީ ދެކެވިފަ އެވެ. ލަޕޯޓާ ބުނީ، ބާސާގެ ކޯޗަށް ވުމުގެ ގާބިލުކަން ޒަވީގެ ކިބައިގައި އެބަހުރި ކަމަށެވެ.

"އެހެން ނަމަވެސް 2021 ގައި ބާސާގެ ކޯޗަށް ވާން އޭނާ ތައްޔާރުތޯ ނިންމަން ޖެހޭނެ، ސަބަބަކީ އޭރުވެސް އޭނާ އާ އެކު ކުޅުނު ކުޅުންތެރިން ބާސާގައި ތިބޭނެ، އެއްކޮށް ކުޅުން ކުރީގެ ޓީމު މޭޓުންނަށް ކޯޗް ކޮށްދޭން އޭނާ ތައްޔާރުތޯ ވެސް އޭނާ ނިންމަން ޖެހޭނެ، އެއީ ފަސޭހަ ކަމަކަށް ނުވާނެ."