މެސީ

އެދެނީ މެސީ ބާސާގައި ދެމިހުންނަން: ގާޑިއޯލާ

އަންނަ ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވާ، އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބާސާގައި މަޑުން ކުރަން އެދޭ ކަމަށް ބާސާގައި މެސީ އަށް ކުރިން ކޯޗް ކޮށްދިން، މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އަންނަ ސީޒަނަށް ފަހު މެސީގެ ކޮންޓްރެކްޓް ހަމަވުމުން، ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް މީޑިއާ އިން ވަނީ ފަތުރާފަ އެވެ. މެސީގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު ޖޫން 30 ގަ އެވެ.

މެސީ ސިޓީއަށް ޓްރާންސްފާ ވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ގާޑިއޯލާ ވަކި ޖަވާބެއް ނުދެ އެވެ.

"ސީޒަން ނުނިމެނީހެއް އަހަރެން ޓްރާންސްފާ އާ ބެހޭގޮތުން ވާހަކައެއް ނުދައްކާނަން،" ގާޑިއޯލާ ވާހަކަ ދެއްކި އެވެ. "އަހަރެން އެދޭ އެދުމަކީ އަބަދުވެސް މެސީ ބާސާގައި ދެމިހުރުން."

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓެމިއު، މިދިޔަ އާދިއްތަ ދުވަހު ވިދާޅުވީ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް މެސީ އާއެކު ދައްކަމުން ދާ ކަމަށެވެ. އަދި ވާހަކަތައް މިހާރު ގޮސްފައިވާ ހިސާބު ކޮންމެހެން ކިޔައިދޭން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.