ޕެޕް ގާޑިއޯލާ

ބާސާއާއެކު ދެން ކުރާނެ މަސައްކަތެއް ނެތް

އެފްސީ ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ދެން އޭނާ މަސައްކަތް ނުކުރާނެ ކަމަށް، ބާސާއަށް ކުރިން ކޯޗް ކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާގެ އިންތިހާބުގައި އެ ކުލަބުގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް އިއުލާންކޮށްފައިވާ ވިކްޓާ ފޮންޓް ކުރިން ވިދާޅުވެފައި ވަނީ ބާސެލޯނާގެ ކޯޗަކަށް އަލުން ޕެޕް ގާޑިއޯލާ ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ބާސާގެ ރައީސް ކަމަށް ވާދަ ކުރާނެ ކަމަށް ބެލެވޭ، އެ ކުލަބުގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ވެސް ވަނީ ބާސާގެ ކޯޗް ކަމަށް ގާޑިއޯލާ ގެނައުމުގެ އުންމީދު އޮތް ކަމަށް ވާހަކަ ދައްކާފަ އެވެ.

ބާސާގެ ބީ ޓީމުގެ ކޯޗަކަށް، ގާޑިއޯލާ ހަމަޖެއްސައި، ސީނިއާ ޓީމަށް 2008 ގާޑިއޯލާ ޕްރަމޯޓް ކުރީ ލަޕޯޓާގެ ދުވަސްވަރު އެވެ. ބާސާއަށް 12 ތަށި ހޯދައިދިން ގާޑިއޯލާ އެ ޓީމުގެ ކޯޗް ކަމުން ވަކިވީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާ ވަނީ ޖަރުމަންގެ ބަޔާން މިޔުނިކަށް ކޯޗް ކޮށްދިފަ އެވެ.

ގާޑިއޯލާ ހުރީ މެންޗެސްޓާ ސިޓީއަށް ފޯކަސް ކޮށްގެންނެވެ. ސީޒަންގައި ސިޓީއަށް އަދި ހަމަޔަކަށް އެޅޭ ގޮތެއް ނުވެ އެވެ. މި ސީޒަންގައި އޭނާ އަށް ސިޓީގައި އޮތީ އުނދަގޫ މަސައްކަތެކެވެ. ސިޓީ ފިޔަވައި އެހެން ޕްރޮޖެކްޓަކާ މެދު އޭނާ ނުވިސްނާ ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަރެން ވަރަށް ގިނަ ފަހަރަށް މިހާރު ބުނެފިން ކޯޗެއްގެ ގޮތުގައި އަހަރެންގެ ކެރިއާ މިހާރު ބާސެލޯނާގައި ނިމިފައިވާ ކަމަށް،" ބީޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ގާޑިއޯލާ ބުންޏެވެ. "ބާސާގެ ކޯޗްކަން ކުރާނެ ވަރަށް މޮޅެތި މީހުން އެބަތިބި. މިސާލަކަށް ރޮނަލްޑް ކޫމަން އަކީ ވަރަށް މޮޅު ކޯޗެއް. އެހެންވީމާ އަހަރެން އެ ޓީމުގައި ކޯޗް ކޮށްދިނުން ނިމުނީ. އަހަރެން މި ކުލަބު [މެންޗެސްޓާ ސިޓީ] ގައި މިހުރީ ހިތްހަމަޖެހިގެން."

ގާޑިއޯލާ ބުނީ، ބާސެލޯނާގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި އެ ކުލަބަށް އޮތް އެންމެ މުހިންމު މަރުހަލާ ކަމަށެވެ. އޭނާ ބުނީ ކަންކަން ހައްލު ކުރުމަށްޓަކައި ރަނގަޅު ކެނޑިޑޭޓަކާއި ރަނގަޅު އެގްޒެކެޓިވް ބޯޑެއް ބާސާއަށް އައްޔަން ކުރުމަށް ކުލަބުގެ މެންބަރުން ވިސްނަން ޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ.