ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ޓްރޭނިންއަށް ނެރުމުގެ ކުރިން ޒްލަޓާން ކަރަންޓީނަށް

އޭސީ މިލާންގެ ޓްރޭނިންއަށް ނުކުތުމުގެ ކުރިން ޒްލަޓާން އިބްރޮހިމްވިޗް 14 ދުވަސް ވަންދެން ކަރަންޓީންގައި މަޑު ކުރަން ޖެހިއްޖެ އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އިޓަލީ ލީގް މެދު ކަނޑާލުމުން އިބްރޮހިމްވިޗް ދިޔައީ އޭނާގެ އަމިއްލަ ގައުމު ސްވިޑުން އަށެވެ. އޭނާ އެނބުރި މިލާނަށް ދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.

ސްވިޑެންގައި ވައިރަސް އާ ގުޅިގެން ލޮކްޑައުންގެ ހަރުކަށި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެހެންވެ އިބްރޮހިމްވިޗް ވަނީ ފިޓްކޮށް ހުރުމަށްޓަކައި އޭނާގެ ހިއްސާ އޮންނަ، ސްވިޑެންގެ ކުލަބު ހާމަބީގެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.

ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމް އަށް ނިސްބަތްވާ ކުލަބުގެ 25 ޕަސަންޓް ހިއްސާ މިދިޔަ އަހަރު އިބްރޮހިމްވިޗް ވަނީ ގެނެފަ އެވެ. އޭނާ ވަނީ ވައިރަސް އާ ގުޅިގެން އަމިއްލަ ގައުމުގައި ހޭދަވި މުއްދަތުގައި އެ ކުލަބުގެ އަންހެން ޓީމާއި ފިރިހެން ޓީމުގެ ޓްރެއިންއަށް ވެސް ނުކުތެވެ. އަދި ޓްރޭނިން މެޗުތަކެއް ވެސް ވަނީ ކުޅެފަ އެވެ.

އިޓަލީގެ ގިނަ ކުލަބުތަކެކޭ އެއްގޮތަށް، މިލާނުން ވެސް ވަނީ ކުޅުންތެރިން ޕްރެކްޓިހަށް ނެރެ އިންޑަވިޖުއަލް ޕްރެކްޓިސް ފަށާފަ އެވެ. މުޅި ޓީމު އެކުގައި ޕްރެކްޓިސް ކުރެވޭނީ މިމަހު 18 ގެ ފަހުންނެވެ. އިބްރޮހިމްވިޗް ކަރަންޓީން ވާން ޖެހުމުން އޭނާއަށް ކުޅެން ނުކުމެވޭނީ އެހެން ކުޅުންތެރިންނަށް ވުރެ ލަހުންނެވެ.

ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. އެ ގައުމުގެ ލީގް ފަށާނެ ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެ އެވެ.

އެމެރިކާގެ މޭޖާ ލީގްގެ ލޮސްއެންޖަލިސް ގެލެކްްސީ އަށް ކުޅުމަށް ފަހު، ޒްލަޓާން މިލާންއަށް ދެ ވަނަ ފަހަރަށް ބަދަލުވީ ޖަނަވަރީ ޓްރާންސްފާގަ އެވެ. މީގެ ކުރިން ވެސް މިލާން އަށް ކުޅުނު އިބްރޮހިމްވިޗް ވަނީ މި ސީޒަންގެ ނިޔަލަށް މިލާނާއެކު ކޮންޓްރެކްޓް ހަދާފަ އެވެ.

އެ ކޮންޓްރެކްޓް ޖޫން 30 ގެ ނިޔަލަށް އޮތް ނަމަވެސް، ކޮރޯނާ ވައިރަސް އާ ގުޅިގެން އެ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަން ނިމެންދެން އޮޓަމެޓިކުން އެކްސްޓެންޑް ވާނެ އެވެ. މިލާން އިން ބޭނުން ވެއްޖެނަމަ 38 އަހަރުގެ ފޯވަޑް އިތުރު އަހަރަކަށް އެ ޓީމުގައި މަޑު ކުރުމުވުގެ ހައްގު އެ ކުލަބަށް އެބައޮތެވެ.