ދީން

ނުނިދާ ހުރެ ދަމު ނަމާދު ކުރެވިދާނެތަ؟

އެންމެ ބަރަކާތްތެރި މޫސުމުގެ މި އަހަރު ފަހު ދުވަސްތައް ގުނަން ފެށުނީ އެވެ، ހެޔޮ ކަމުން ފުރިގެންވާ މޫސުމުގެ އެންމެ ހެޔޮ ދުވަސްތައް ފެށުނީ އެވެ. ބަރަކާތްތެރި ރޯދަ މަހުގެ ފަހު ދިހައެއް ފެށުނީ އެވެ.

މި ދުވަސްތައް އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެ އެވެ. ފަރުލު އަޅުކަންތަކާއި ސުންނަތް އަޅުކަންތަކަށް ހާއްސަ އިސްކަމެއް ދޭންޖެހޭނެ އެވެ. ގިނަ ވަގުުތު އަޅުކަމުގައި ހޭދަ ކުރަން ޖެހޭނެ އެވެ. އެހެންވެ މި ބަލާލަނީ ދަމު ނަމާދާއި ގުޅޭ ގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކުގެ މައްޗަށެވެ.

ނުނިދާހުރެ ދަމު ނަމާދު ކުރެވޭނެތަ؟

މިއީ ވަރަށް ގިނަ މީހުންގެ ސުވާލެކަށް ވެއެވެ. އަދި ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ދަމު ނަމާދުކުރާ މީހާ ނަމާދުގެ ކުރިން ކޮންމެވެސް މިންވަރަކަށް ނިދަން ޖެހޭނެ އެވެ.

ނަމަވެސް ނުނިދާ ހުރެވެސް ދަމު ނަމާދު ކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅު ވެއެވެ. އަދި އެ ނަމާދު ސައްހަވެސް ވާނެ އެވެ. ނަމަވެސް މީގައި ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އިޝާ ނަމާދަށް ފަހު ދަމު ނަމާދާ ދޭތެރޭ ހޭދަވާ ވަގުތުތަކުގައި ބޭކާރު ގޮތުގައި ހޭލާ ހުރުމަކީ މަކުރޫހަ ކަމެއް ކަމަށް އިލްމުވެރިން ވިދާޅު ވެއެވެ. އެހެންވީމަ ދަމު ނަމާދުކުރާ މީހާ ނަމާދުގެ ކުރިން ނިދާލުމަކީ އެދެވިގެންވާ ކަމެކެވެ.

ކުރާނީ ކިތަށް ރަކުއަތް؟

ވިތުރި ކުރި ނަމަވެސް ދަމު ނަމާދު ކުރެވުނީ އެވެ. އެއީ އެންމެ މަދު މިންވަރެވެ.

މާތް ނަބިއްޔާ ގިޔާމުއްލައިލް ނުވަތަ ރޭގަނޑުގެ ނަމާދުގެ ގޮތުގައި ކުރެއްވީ 11 ރަކުއަތެވެ. ބައެއް ރިވާޔަތްތަކުގައި އެއީ 13 ރަކުއަތް ކަމަށް ވެސް ބުނެ ވެއެވެ. އެހެންވީމަ ދަމު ނަމާދުގެ މިންވަރު މި އަދަދުތަކުގައި ހިފެހެއްޓުމަށް އިލްމުވެރިން އިރުޝާދު ދެއްވަ އެވެ.

ކީރިތި ރަސޫލާ، އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ރޯދަ މަހު މިސްކިތުގައި ގިޔާމުއްލައިލް ކުރެއްވީ ތިން ރެއެއްގަ އެވެ. ހަތަރު ވަނަ ރޭ އެކަލޭގެފާނު މިސްކިތްކޮޅަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން ނަމާދު ކުރެއްވީ ގެކޮޅުގަ އެވެ. ރޭގަނޑުގެ ނަމާދުގައި އެކަލޭގެފާނު ހަތް ގަޑިއެއްހާއިރު ހޭދަ ކުރައްވަ އެވެ. ބައެއް ރޭރޭ އެކަލޭގެފާނު އެއް ރަކުއަތުގައި ފަސް ފޮތް ވިދާޅުވާ ކަމަށް ވެއެވެ. އެއީ ސޫރަތުލް ބަގަރާ، ސޫރަތުލް އާލްއިމްރާން އަދި ސޫރަތުއް ނިސާގެ ނިޔަލަށެވެ. އަދި ރުކޫއާ، އިއުތިދާލު އަދި ސަޖިދާގައި ވެސް ހަމަ އެހާ ވަގުތު ހޭދަ ކުރައްވަ އެވެ. މިއީ މާތްރަސޫލާގެ ރީތި ނަމާދުފުޅުތަކެވެ.

ނަމަވެސް އެކަލޭގެފާނު އަދަދު އިތުރެއް ނުކުރައްވަ އެވެ.

އެެހެންވީމަ ދަމު ނަމާދު ކުރާއިރު ވީހާވެސް ގިނަ ވަގުތު ނަމާދުގައި ހޭދަ ކުރުމަކީ މުހިންމު ކަމެކެވެ. ތިމާއަށް އެނގޭ މިންވަރަކުން ގުރުއާން ކިޔަވާށެވެ. އަދި ރުކޫއާއި ސުޖޫދުގައި ގިނަ ވަގުތު ހޭދަ ކުރާށެވެ. ދެން އޮތީ ރުކޫ އަދި ސުޖޫދުގައި ގިނަ ވަގުތު ހޭދަކުރާއިރު ކުރާނީ ކޮން ޒިކުރުތަކެއް ހެއްޔެވެ.

ރުކޫ އަދި ސުޖޫދުގައި މާތްﷲ ގެ މަތިވެރިކަމުން އެ އިލާހަށް ތަސްބީހަށް ކިޔުމަށް ވަނީ އަމުރު ކުރައްވާފަ އެވެ. ރުކޫ އަދި ސުޖޫދުގައި މާތް ރަސޫލާ ވިދާޅުވި ކަމަށް ވާރިދުވެފައިވާ ވަރަށް ގިނަ ޒިކުރުތައް ވެއެވެ. ރުކޫ އަދި ސުޖޫދުގައި ދުއާ ކުރުމަކީ ސުންނަތެއް މެއެވެ. އެހެން ކަމުން ރުކޫ އަދި ސުޖޫދުގައި ކިޔަން ޖެހޭ ތަސްބީހައަށްފަހު އެފަދަ ޒިކުރުތައް ކިޔުމުގައި ވަގުތު ހޭދަކުރުން ރަނގަޅެވެ.

ބައެއް މީހުން ރުކޫ އަދި ސުޖޫދުގައި ދިވެހި ބަހުން ދުއާ ކުރެވޭނެތޯ ވެސް ސުވާލު ކުރެއެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި ސުންނަތް ނަމާދުތަކުގައި އެބައެއް މޮށެއޮޅޭ ބަހަކުން ދުއާ ކުރެވިދާނެ އެވެ. ނަމަވެސް ގިނަ އިލްމުވެރިންގެ ނަޒަރުގައި އެކަން އެގޮތަށް ނުކުރެވޭނެ އެވެ. ވީމާ މޮޅު އިތުރުވެގެންވަނީ އަރަބި ބަހުން ދުއާ ކުރުމެވެ.

ވިތުރީގައި ކިޔާނީ ކޮން ގުނޫތެއް؟

ދަމު ނަމާދު ކުރާ މީހާ ވިތުރީގެ ފަހު ރަކުއަތުގައި ދުއާ ކުރެ އެވެ. ނުވަތަ ގުނޫތު ކިޔައެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ކާފަދަރިކަލުން ހަސަން رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. "ކީރިތި ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނަށް ކަލިމަތަކެއް އުނގަންނައި ދެއްވި އެވެ. އެ ކަލިމަތައް ތިމަންކަލޭގެފާނު ވިދާޅުވަނީ ވިތުރީގެ ގުނޫތުގަ އެވެ. އެއީ " اللهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ، إِنَّهُ لَا يَذِلُّ مَنْ وَالَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ " މި ހަދީސް ރިވާކުރެއްވީ އަލްއިމާމު އަބޫ ދާވޫދާއި ތިރުމިޒީއެވެ.

މިއީ ދިވެހިން މީގެ ކުރިން ފަތިސް ނަމާދުގައި ކިޔަމުން އައި ގުނޫތެކެވެ. އެހެންވީމަ ވަރަށް ގިނަ ބަޔަކަށް މި ގުނޫތު ހިތުން ދަސްވެފައި ވާނެ އެވެ. ވީމާ ވިތުރީގެ ފަހުގައި މި ގުނޫތު ކިޔާށެވެ. އަދި ދަންނަ އެހެނިހެން ދުއާތައް ވެސް އަރަބި ބަހުން ކުރެވިދާނެ އެވެ.

ދަމު ނަމާދުގައި ކިޔުމަށް ހާއްސަ ސޫރަތެއް ވެސް ނުވެއެވެ. ތިމާއަށް ފަސޭހަވީ މިންވަރެއް ކިޔެވުމުން ފުދޭނެ އެވެ. ނަމަވެސް ވީހާވެސް ގިނަ ވަގުތެއް ދަމު ނަމާދު ކުރުމުގައި ހޭދަކުރުން މުހިންމެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ