ކޮވިޑް-19 އިގެ ވަބާގެ ސަބަބުން ގައުމުތަކުގެ މީހުން ދަތި ހާލުގައި އުޅެން ޖެހިފައިވާއިރު އުމުރުން ދުވަސްވީ މީހުންނާއި ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް އަދި މާ ބޮޑެވެ. މި ވަބާގެ ސަބަބުން ދުވާލަކު އެތައް ހާސް ބަޔަކު މަރުވަމުންދާއިރު އަނެއްބަޔަކު ބަނޑުހައިހޫނުކަމާއި ތަފާތު ބަލިތަކުގައި ދަނީ ހަނާ ވަމުންނެވެ.
މިފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ދީލަތި މީހުންގެ ތެރޭގައި 85 އަހަރުގެ ކޭ. ކަމަލާތަލް ފާހަގަ ކޮށްލަން ޖެހެ އެވެ. ޓެމިލް ނާޑޫގެ ކޮއިމްބަތޯރުގައި ދިރިއުޅޭ މި އަންހެންމީހާ އަކީ ފަގީރު މީހުންނަށާއި ކާން ބޯން ނުލިބޭ މީހުންނަށް އިޑްލީ (ހަނޑޫފުށުން ހަދާ ކާއެއްޗެއް) ހަދައިގެން ރުފިޔާއަކަށް އެއްޗެއް ވިއްކާ މީހެކެވެ.
އުމުރުން މިހާ ދުވަސްވެފައިވާއިރު ވެސް އޭނާ ކޮންމެ ދުވަހަކުވެސް ކުރަމުންދާ މަސައްކަތެއް ހުއްޓައެއް ނުލަ އެވެ. ހެނދުނު ފަތިހާ ހޭލައިގެން ތާޒާ އިޑްލީ ތައްޔާރުކޮށް ބޭނުންވާ މީހުންނަށް ވިއްކަން ތައްޔާރު ކުރެ އެވެ.
ފާއިތުވީ 30 އަހަރުއްސުރެ އޭނާ މި މަސައްކަތް ކުރަމުންދާއިރު 30 އަހަރު ތެރޭގައި އިޑްލީ ވިއްކާ އަގަކަށް އޭނާ އެއްވެސް ބަދަލެއް ނުގެނެ އެވެ. ސަބަބަކީ އޭނާ އިޑްލީ ތައްޔާރުކުރަނީ ވިއްކައިގެން ފައިދާ ހޯދުމަށް ނޫން ކަމަށް ވާތީ އެވެ. އެ ތަކެތި ތައްޔާރުކުރަން އެއްޗެތި ގަންނަން އޭނާއަތުން ވެސް ފައިސާ ޚަރަދުވެ އެވެ. އޭނާ ރުޕީސް އަކަށް އިޑްލީއެއް ވިއްކަނީ އެހެންވެ އެވެ.
މި ދުވަސްވަރު ގިނަ ބަޔެއްގެ ވިޔަފާރިތައް ބަނގުރޫޓުވެ ހާލުގައި ޖެހިފައި ވިޔަސް މި އަންހެންމީހާ ވިއްކާ އިޑްލީގެ އަގު ބަދަލުކުރަން އޭނާ ބޭނުން ނުވަނީ މިއީ ފަގީރުންނާއި ނިކަމެތިންގެ ބަނޑުފުރާނަމުއްތިކުރަން ކުރާ ކަމަކަށް ވާތީ އެވެ.
އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން 85 އަހަރުގެ މާމަ ބުނީ މިހާރު ހާލަތު ހުރި ގޮތުން ރުޕީސް އަކަށް އިޑްލީއެއް ވިއްކައިގެން އޭނާއަށް ވަނީ ގެއްލުމެވެ. ސަބަބަކީ އިޑްލީ ތައްޔާރުކުރަން ބޭނުންވާ އެއްޗެތީގެ އަގު ބޮޑުވަމުން ދާތީ އެވެ. ކޮންމެ ފަދަ ގުރުބާނީ އެއް ވެގެން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކާން ބޯން ނުލިބިފައި ތިބި ފަގީރުންނަށް އެހީއެއް ފޯރުކޮށްދެވިއްޖެނަމަ އޭނާ ހިތްހަމަޖެހޭނެ އެވެ.