ފިހާރަތަކުން ވިޔަފާރި ކުރާ ބައެއް މީހުން ކޭޝްކާޑު މެދުވެރިކޮށް ފައިސާ ދައްކަން ކާޑު މެޝިނަށް ޖެހުމަށްފަހު ފައިސާ ނުކެޑެނީސް ކާޑު ދަމައިގަންނަ މައްސަލަތަކެއް އިތުރު ވެއްޖެ އެވެ.
ފިހާތަކުގެ ސޭޓުންގެ ސަމާލު ކަމަށް އެކަން ގެނައުމަށް ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ކާޑުން ފައިސާ ދެއްކުމަށް ކާޑު މެޝިނަށް ކާޑު ޖެހުމަށްފަހު ފައިސާ ނުކެނޑެނީސް ކާޑު ދަމައިގަނެ ފިހާރައިން ނިކުމެގެންދާ މައްސަލަތައް ހުށަހަޅަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ދުވަސްވަރު އެފަދަ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށާއި އެހެންކަމުން ކާޑުން ފައިސާ ކެނޑުނުކަން ޔަގީންވުމުން ނޫނީ މުދާ އެފަރާތްތަކަށް ހަވާލު ނުކުރަން ފިހާރަތަކުން ސަމަލުކަން ދޭން އެދޭ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާއިރު ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ޑެލިވަރީ ކޮށްދޭ ކަމަށް ބުނެ ފައިސާ ޓްރާންސްފާ ކުރުމުން ޑެލިވަރީ ނުކޮށްދިނުމާއި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުން ވެސް ވަނީ އިތުރުވެފަ އެވެ.