މުހައްމަދު ސައީދު

ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ: ސައީދު

ސަރުކާރު މިއަދު ދަތުރު ކުރަމުން ދަނީ ދެމިގެންދާނެ އިގްތިސޯދީ ހަލާކަކާ ދިމާއަށް ކަމަަަށާ ސިޔާސަތު އެކަށައެޅުމުގަައި ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މާލީ ހާލަތު ދަށްވެ ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީތެރިވުމުގެ ގޮތުން އޭނާ ހުށަހެޅުއްވި ބިލު ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން ވެސް އެ ބިލު އެޖެންޑާ ނުކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ބިލް ބޭރުކޮށްލެވުމާ ގުޅިގެނެވެ.

ސައީދު ވިދާޅުވީ އޭނގެ އިސްލާހް ބަލައިގަނެ އެއަށް ތާއީދު ލިބޭނެ ކަމަށް އަދިވެސް އުންމީދު ކުރައްވާ ކަމަށެވެ.

‏"ކޮވިޑް19 އިގެ އެހީތެރި ކަމުގެބިލް" ގެ އިސްލާހުތައް މަޖިލިސްގެ ރިޔާސަތުން ބައްލަވަން ވާވަރަށް ނުބަލައި ފާޑު ވިދާޅުވުމަކީ ހިތާމައެއް ކަމަށާ އެ ބިލުގައި ހިމެނޭނީ ނިކަމެތި އެތައް ރަތްޔިތެއްގެ ހައްގު ކަމަށް ވެސް ސަައީދު ވިދާޅުވި އެވެ.

ސައީދުގެ އެ ބިލަކީ ގޭ ކުއްޔާއި ބިމާއި ގޯތިގެދޮރާއި މަސްވެރިންނާއި ދަނޑުވެރީން އަދި ވަޒީފާގެ ހައްގު ހޯދައި ދިނުމަށް ހުށައެޅި ބިލެކެވެ.

ސަައީދު ވިދާޅުވީ ފުރަތަމަ ބިލް ހުށައެޅުމުން އެޖެންޑާ ކުރަން ދެކޮޅު ހައްދަވާ އެ ބިލާއި ގުޅޭ ގޮތުން ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެ ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަަަށެވެ.

އަދި ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް ލިބޭނެ ގޮތެއް ހަދަައި ދިނުމަކީ އެ ބިލްގެ ވަރަށް ބޮޑު މަގުސަދެއް ކަމަށާ އެމްޑީޕީން ބޭނުންނަމަ އެ ފުރުސަތު ރައްޔިތުންނަށް ފަހި ކޮށްދެވޭނެ ކަމަށެވެ.

"އިންޝާﷲ. އާހިރުގައި ކާމިޔާބު ހޯދާނީ ރައްޔިތުން... ސަރުކާރު ވަނީ ސިޔާސަތެއް އެކަށައެޅުމަށް ނުކުޅެދިފައި. ދަތުރު ކުރަނީ، ދެމިގެންދާނެ އިގްތިސޯދީ ހަލާކަކަށް. ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ." މަޖިލީހުން ސަރުކާރު ހިންގުމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާ ސައީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ސައީދުގެ ބިލުގައިވާ ގޮތަށް އެ ހުރިހާ ކަމެއް ކުރަން ޕެންޝަން ފަންޑުގެ ފައިސާއިން ހޭދަ ކުރާކަށް ނުޖެހޭނެ ކަމަށެވެ. ޕެންޝަން ފަންޑުގައި ފައިސާ ބޭނުން ކުރުމަކީ އެމްޑީޕީގެ ސަރުކާރަކުން ތާއީދު ކުރާނެ ސިޔާސަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭނެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމަ އެ ގައުމެއްގެ މާޒީ އެކީގައި ދިޔައީ. އެމްޑީޕީގެ މެނިފެސްޓޯއެއްގެ ދަށުން ހިނގާ ސަރުކާރަކުން ޕެންޝަން ފަންޑަށް މިފަދަ ގޮތެއް ހެދުމަށް އެއްބަސްވުން އެއީ ވަރަށް ދަތިކެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.