ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޭޑީކޭއަށް މެޝިނެއް ގެނެސް، ކޮވިޑަށް ޓެސްޓްކުރަން ތައްޔާރުވެއްޖެ

May 13, 2020
1

އޭޑީކޭ ހޮސްޕިޓަލަށް ޕީސީއާރް މެޝިނެއް ގެނެސް، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

އަންނަ ދެ ހަފުތާގައި މާލޭގައި ކޮވިޑްގެ ހާލަތު ގޯސް ވާނެ ކަމަށް ލަފާ ކޮށްފައިވާއިރު މި ވަގުތު ރާއްޖޭގައި ޓެސްޓް ކުރެވޭ ހުރީ ދެ މެޝިނެވެ. އެއީ އައިޖީއެމްއެޗްގައި ހުރި މެޝިނަކާއި ފުލުހުންގެ ލެބްގައި ހުރި މެޝިނެކެވެ. އެ ދެ މެޝިނުން މިހާރު ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކުރެވެނީ 300 އާއި 400 އާ ދެމެދުގެ ޓެސްޓެވެ.

ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ވެސް ކުރަމުން އަންނައިރު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން މިއަދު ބުނީ އެ ހޮސްޕިޓަލްގައި ޕީސީއާރް މެޝިނެއް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ. ކުރިއަށް ދެތިން ދުވަސް ތެރޭ ޓެސްޓް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މި މެޝިނާއެކު ކޮވިޑް-19އަށް ކޮންމެ ދުވަހަކު ޓެސްޓް ކުރާ އަދަދު 100 އިން އިތުރުވެގެންދާނެ ކަމަށް ވެސް އޭޑީކޭއިން ބުންޏެވެ.

ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަން ސަރުކާރުން ކުރި މަސައްކަތުން މި މަހުގެ 17 ވަނަ ދުވަހު އާ މެޝިނެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އާ މެޝިނާއެކު ދުވާލެއްގެ މައްޗަށް 600 އާއި 650 އާ ދެމެދު އަދަދެއްގެ ޓެސްޓް ހެދޭނެ އެވެ.

އޭގެއިތުރުން އެސްޓީއޯއިން ވެސް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިހާރު ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދެ އެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެފައިވާ ގޮތުގައި ރަށްރަށުގައި ޖީން އެކްސްޕާޓް މެޝިންތައް ބެހެއްޓުމުގެ އިތުރުން އެހެން މެޝިންތަކެއް ބެހެއްޓޭތޯ ވެސް މަސައްކަތް ކުރަމުން ދެ އެވެ. އެ މެޝިންތަކަކީ ގިނަ ލެބް ޓެކްނީޝަނުންނާ ނުލައި އޮޕަރޭޓް ކުރެވޭ ފަދަ މެޝިންތަކެކެވެ.

އަންނަ ދެ ހަފުތާ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު ޕީކަށް ދާނެ ކަމަށް ލަފާ ކުރެވޭއިރު ޓެސްޓް ކުރެވޭ މިންވަރު މަދު ކަމާއި އެއީ އޮތް ކަންބޮޑުވުމެއް ކަމަށް ކޮވިޑާ ގުޅިގެން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.