ކޮވިޑް-19 އަށް ޕޮޒިޓިވް ވެވެފައިވާ ބަޔަކަށް ނުގުޅިގެން ފުލުހުން އެ މީހުން ހޯދަން ފަށައިފި އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެކި ސައިޓްތަކާއި ރެންޑަމްކޮށް ނަގަމުންދާ ސާމްޕަލްތައް ނެގުމަށްފަހު އެ މީހުންގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ހޯދުމަށްފަހު ޓެސްޓް ނަތީޖާ ހިއްސާ ކުރަމުންދާ ކަމަށެވެ.
އެގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ގުޅިފައި ނުވާ ކަމަށާއި އެހެންވެ ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރުމުން އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަބުރޫކް ވިދާޅުވީ ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ހޯދާފައިވާ ކަމަށާ ނަމަވެސް މިހާތަނަށް ތިން މީހަކު ފެނިފައިނުވާ ކަމަށެވެ. މަބުރޫކް ވިދާޅުވީ އެ މީހުންގެ ސާމްޕަލްތައް ޕޮޒިޓިވްވުމުން އައިސޮލޭޝަންއަށް ގެންދިއުމަށް މިދިޔަ ހަފްތާގައި ގުޅުމުން ފޯނަށް ގުޅޭގޮތް ވެފައިނުވާ ކަމަށެވެ. އަދި އެމީހުންދިން އެޑްރެސްތަކުގައި އެމީހުން ނޫޅޭ ކަމަށްވެސް ވިދާޅުވިއެވެ. އެމީހުންގެ ފުރިހަމަ މައުލޫމާތު އެޗްޕީއޭގައި އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ހަތް މީހުންނަށް ގުޅޭނެ ގޮތެއް ނެތިގެން ފުލުހުންނަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ހިއްސާކޮށްފައި. މި ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިމަންޓް ސައިޓްތަކުގައި އުޅެމުންދިޔަ މީހުން. އަދި ތިން މީހުންނަކީ އެހެން ތަފާތު ތިން އެޑްރެސްއެއްގައި އުޅެމުންދިޔަ މީހުން. އެޗްޕީއޭގެ ފަރާތުން ފުލުހުންނަށް މިކަން އެންގުމާއި ގުޅިގެން މީގެ ތެރެއިން ހަތަރު މީހަކު ވަނީ ހޯދާފައި."
އެ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް މަބުރޫކް ވިދާޅުވިއެވެ.