ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވެއްޖެ

ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ގެންދެވި މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ) އުމުރުފުޅުން 88 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް ޖެހިގެން "ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 88 އަހަރުގެ މީހާ" މަރުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި ހަތަރުވަނަ މީހާއެވެ.

މިރޭ އަވަހާރަވި ހުސައިން އަބްދުﷲ އަކީ އެމްއެޗްއޭގެ ވެރިޔާ އެވެ. ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ ރާއްޖެއިން އަވަހާރަވީ ހުސައިންގެ އަނބިކަނބަލުންނެވެ.

މަރޮށީ ހުސައިން އަބްދުﷲ ނުވަތަ މަރޮށީ ހުސައިން ކަލޭފާނަކީ، ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްގީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ހިދްމަތްތަކެއް ކޮށްދެއްވިއެވެ.

މަރޮށީ ހުސައިން ކަލޭފާނަކީ، އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތުން ކުރިއަށް ވަޑައިގެން، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުރީ ސަފުން ޖާގަ ހޯއްދެވި ކުޅަދާނަ، ހިންގުންތެރި ވިޔަފާރިވެރިއެކެވެ. މަޝްހޫރު އެމްއެޗްއޭގެ ބާނީއަކީ އޭނާއެވެ.

ހުސައިން ކަލޭފާނު، ވިޔަފާރީގެ ފައިދާއިން އެންމެބޮޑު ހޭދައެއް ކުރައްވާފައިވަނީ، އުފަން ރަށް މަރޮށްޓަށެވެ. ރަށުގައި ހުރި މައުލޫދު ހަރުގޭގައި، އޭނާގެ ސީދާ ބެއްލެވުމުގެ ދަށުން ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ. ފުރަތަމަ ދަސްކޮށްދެއްވީ ދީނީ ކަންތައްތަކެވެ. އޭގެއިތުރުން، އުރުދޫބަސްވެސް ކިޔަވައިދެއްވިއެވެ. އަދި ނޮވެންބަރު 11، 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، [އަލްމަދްރަސަތުލް މުނައްވަރާ]ގެ ނަމުގައި އަމިއްލަ ގޭގައި ރަށުގެ ދަރިންނަށާއި، އަތޮޅުގެ ދަރިންނަށް އެ ސްކޫލް ތައުލީމް ދެއްވަން ފެށްޓެވިއެވެ. މުޅިން ހިލޭ ސާބަހަށެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި، ޒަމާނާ ގުޅޭގޮތަށް ސްކޫލް ތަރައްގީ ކުރެއްވިއެވެ. އެގޮތުން 10 ކްލާސްރޫމާއި، ހޯލަކާއި، އޮފީސް އިމާރާތެއް ބިނާކުރެއްވިއެވެ. އެ މަދަރުސާގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަފަހަރަށް ޖީސީއީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވިއެވެ.

ހުސައިން ކަލޭފާނަކީ އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ދަށް ރަށްރަށުން ކުދިން މަރޮށްޓަށް ގެންނަވައިގެން، އަމިއްލަފުޅު ހަރަދުގައި އެކުދިންނަށް ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި އަތޮޅުތެރޭގައި ތިބި ބައެއް ނިކަމެތި އާއިލާތަކުގެ ކުދިންނަށްވެސް އަމިއްލަފުޅު ހަރަދުގައި ކިޔަވައިދެއްވިއެވެ.

27 އަހަރު ސްކޫލް ހިންގެވުމަށްފަހު، ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، މަދްރަސަތުލް މުނައްވަރާއަކީ، ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

ހުސައިން ކަލޭފާނުގެ ހިދްމަތް އިޖްތިމާއީ، އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ ދާއިރާއިންވެސް ފާހަގަކޮށްލެވެއެވެ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އޭނާވަނީ މިސްކިތްތައް ބިނާކޮށްދެއްވާފައެވެ.

ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ހުސައިން ކަލޭފާނަށްވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ސަރުކާރުން އަރުވާފައިވެއެވެ.

ކޮވިޑް ޖެހިގެން މީގެ ކުރިން ނިޔާވީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ ނިޔާވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.