ލައިފްސްޓައިލް

ރޯދަ މަހުގެ ކެއުންތައް ބަހައްޓާނީ ކިހިނެއް؟

އެހެން މަސްތަކާ ހިލާފަށް ރޯދަމަހަކީ ތަފާތު ކާބޯތަކެތި ތައްޔާރު ކޮށްގެން ބޭނުންކުރާ މަހެކެވެ. ކާބޯތަކެތި ތައްޔާރުކުރުމުގައި ބޮޑަށް ބަލަނީ އަނގަޔަށް މީރު ގޮތަކަށް ތައްޔާރު ކުރެވޭތޯ އެވެ. އެއާހިލާފަށް ސިއްހަތަށް ފައިދާހުރި ގޮތަށް ކާބޯތަކެތި ތައްޔާރު ކުރެވޭތޯ ބެލުމަކީ މާ މުހިންމު ކަމެކެވެ.

ރޯދަ މަހަކީ އަޅުކަމުގެ މަހަކަށް ވާއިރު އެންމެ އިސްކަމެއް ދޭން ޖެހޭނީ ދީނީ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަ ދާކުރުމަށް ކަމުގައިވާއިރު އެ ކަންކަން އެންމެ ފުރިހަމައަށް އަދާ ކުރެވޭނީ ވެސް ރޯދަ މަހުގެ ކެއުން ބުއިން ދުޅަހެޔޮގޮތަކަށް ބައްޓަން ކޮށްގެނެވެ.

ރޯދަ ވީއްލަން އެންމެ ރަނގަޅީ ކަދުރެވެ. އޭގައި ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވެ އެވެ. ކަދުރު ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދީ، ހަކުރުގެ މިންވަރު ހަމައަކަށް އަޅުވައި ދެއެވެ. އަދި ކަދުރަކީ ކެލްސިއަމް، ސޯޑިއަމް، ޕޮޓޭސިއަމް، ދަގަނޑު، މެގްނީޒިއަމް، ކޮޕާ، މެންގަނީޒް، ސަލްފާ، އަދި ފޮސްފަރަސް ފަދަ މައުދަންތައް ހިމެނޭ ބާވަތެކެވެ.

ފައިބަރުން މުއްސަނދި އެހެން ބާވަތްތަކަށް ބަލާލާއިރު ވައްތީނި އާއި ހިކި މޭބިސްކަދުރާއު ހިއްކާފައި ހުންނަ އެޕްރިކޮޓް އަދި ޕްރޫން ވެސް ފާހަގަކޮށްލެވެ އެވެ. ރޯދަ ވީއްލުމަށް ކަދުރުގެ ބަދަލުގައި މި ތަކެތިވެސް ބޭނުން ކޮށްލެވިދާނެ އެވެ.

ރޯދަ ވީއްލާ ވަގުތަށް ކާން ތައްޔާރު ކުރާ ތަކެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި ގޮތަށް ތައްޔާރުކުރާ އެއްޗެއްސަށް ހަދަން ޖެހެ އެވެ. ރޯދަ ވީއްލަން ބޭނުންކުރަން އެންމެ ރަނގަޅީ ކަދުރާއި ފެނާއި އަދި ތާޒާ މޭވާ ޖޫސް ފަދަ އެއްޗެކެވެ.

ރޯދަ ވީއްލަން މިތަކެތި ބޭނުން ކުރުމަކީ ރޯދައަށް ހުންނައިރު ހަށިގަނޑުން އުނިވެގެން ދިޔަ ފެނާއި ލޮނުގެ ބައި އަނބުރާ ހަށިގަނޑަށް ގެނެސްދޭނެ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ހަށިގަނޑުގައި ވަރުޖެހި، ރޯދަ ވަރުބަލިކަން ފިލުވައިދީ، މީހާއަށް ތާޒާކަން ގެނެސްދޭނެ ކަމެކެވެ.

އާދަކާދަ ހުންނަގޮތުން ރޯދަ ވީއްލައިގެން މޭވާ އެއް ކެއުމުގެ ބަދަލުގައި ގިނައިން ތައްޔާރު ކުރަނީ މޭވާއިން ކޮންމެވެސް ޖޫހެކެވެ. މޭވާއަކީ އޭގެ ޒާތުގައި ހަކުރު އެކުލެވޭ ބާވަތަކަށް ވީނަމަވެސް މޭވާއިން ޖޫސް ތައްޔާރު ކުރާއިރު އިތުރަށް އެޔަށް ހަކުރު އެޅޭތަން އާދެ އެވެ. ނަމަވެސް ރަނގަޅު ގޮތަކީ ޖޫހެއް ތައްޔާރު ކުރާނަމަ އެޔަށް އިތުރަށް ހަކުރު ނާޅާ ތައްޔާރު ކުރުމެވެ. ނޫނީ މޭވާ ކޮޅެއް ކާލާފައި ފެންބުއިމަކީ ވެސް ރަނގަޅު ގޮތެއްކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން އިރުޝާދު ދެއްވައެވެ.

ޖޫހުގެ ބަދަލުގައި މޭވާ ހަފައިގެން ކާއިރު މޫނުމަތީގެ މަސްތަކަށް ލިބޭ ހަރަކާތުގެ ސަބަބުން މޫނުމަތީގެ މަސްތައް ގިނަ ދުވަހު ރީތިކޮށް ބެހެއްޓުމަށް ވެސް މަގުފަހިވެ އެވެ. އަނެއްކޮޅުން ގިނައިން ހަކުރު އަޅައިގެން ތައްޔާރު ކުރާ ބުއިންތައް ބުއިމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

ކަދުރު އަދި ކުޑަ މޭވާކޮޅެއް ކާލައި ފެން ބުއިމަށް ފަހު އެހެން ތަކެތި ކެއުމާ ދޭތެރޭ މަދުވެގެން 15 ވަރަކަށް މިނެޓުގެ ވަގުތުކޮޅެއް މަޑުކޮށްލުން ވެސް މުހިންމެވެ. އޭގެ ފަހަށް ކާ ކެއުމަކީ ފައިދާހުރި ކާނާއެއް ކަމަށް ހެދުމަށާއި ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތައް ލިބޭ ކެއުމަކަށް ހެދުން ވެސް ވަރަށް މުހިންމެވެ.

ތަރުކާރީއާއި މޭވާގެ ބާވަތްތަކާ ފައިބަރުން މުއްސަނދި ކާނާގެ އިތުރުން ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތަކާއި، ޕްރޮޓީން ހިމެނޭ ބާވަތްތައް ބޭނުން ކުރުމުގައި އިސްކަން ދެވިދާނެ އެވެ. މިސާލަކަށް އާޓާފުށު ރޮއްޓާއި ބާސްމަތީ ހަނޑުލުގެ ބަތާއި އޯޓު، ފަތު ސަޓަނި އަދި ފިހުނު މަސް ފަދަ ބާވަތްތައް ހިމަނައި ލެވިދާނެ އެވެ.

ރޯދަ ވީއްލާ ގަޑީގައި އެއްފަހަރާ މާގިނައިން ކެއުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މާގިނައިން އެއްފަހަރާ ކެއުމަކީ އޭގެ ސަބަބުން މަތިން އެރުމާއި، މޭ ނުބައި ކުރުން ފަދަ ގޭހުގެ އުދަނގޫތަކަށް މަގުފަހިކުރާ ކަމެކެވެ.

މީގެ އިތުރުން ހަވާދުގެ ބާވަތްތަކާއި ގިނައިން ސަރުބީ ހިމެނޭނެ ތެލުގެ ބާވަތްތައް ހިމެނުމަކީ ވެސް މިދެންނެވި ކަންކަމަށް މަގުފަހިކުރުވާ ކަންކަމެވެ. މިކަންކަން މިގޮތަށް ދިމާވާނަމަ ރޭގަނޑުގެ އަޅުކަން އެންމެ އެދެވޭގޮތުގައި ފުރިހަމަ ކުރުމަށް ވެސް އުނދަގޫ ވުމަކީ ގާތް ކަމެކެވެ.

ރޯދައަށް ހުރުމުގެ ސަބަބުން ދިމާވާ ހަޖަމުގެ މައްސަލަތަކާއި ގޭސްވުމުގެ މައްސަލަތައް ކުޑަ ކުރުމަށް ރޯދަ ވީއްލާ ގަޑީގައި ކެއުމުގައި ހިމަނާ ބާވާތަތްކުގެ އިތުރުން ހާރު ކެއުމަށް ބޭނުންކުރާ ކާ ތަކެއްޗާމެދު ވެސް ވިސްނާލަން ޖެހެ އެވެ. ހާރުކާ ގަޑިއަކީ ވީހާވެސް ލަސް ގަޑިއަކަށް ހެދުމުގެ އިތުރުން ކުޅި ނުވަތަ ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމަށް ވަރަށް ބޮޑަށް ސަމާލުވާން ވާނެ އެވެ. ހާރުގަޑީގައި ފިނި ކިރުތައްޓެއް ނުވަތަ ޔޯގަޓެއް ވެސް ކާލެވިދާނެ އެވެ.

ގިނަ މީހުންނަކީ ކޮފީ ބުއިމަށް ދެވި ހިފައި އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާ ވަރަށް ބޮޑަށް ދޯޅުވެފައިވާ މީހުންނެވެ. ރޯދަ މަހުގައި މިދެންނެވި ފަދަ ބުއިންތަކާ ދުރުހެލިވާން ޖެހެ އެވެ. ކެފެއިން އެކުލެވޭ ބުއިންތައް މާ ގިނައިން ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުތަކުގައި ހަށިގަނޑުން ފެންބޭރުވާ މިންވަރު އިތުރުކޮށް، ނޫނީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުމަށް ބާރުއަޅައި، ކަރުހިއްކުން އިތުރުކުރުވައި، ވަރުބަލިކަމާ ލޮޑުކަން ގެނެސްދޭނެ ކަމެކެވެ.

ފިޒީ ޑްރިންކްސް ގެ ވައްތަރުތަކާއި، ޕެކެޓް ކޮށްފައިވާ އުފެއްދުން ތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭތީ މިފަދަ ބުއިންތައް މާގިނައިން ބޭނުން ކުރުމަކީ ހަށިގަނޑު ބަރުހެލިވެ، ފަލަވުމަށް މަގުފަހި ވާނެ ކަމެކެވެ. މީގެ އިތުރުން ބޭރުން އޯޑަރު ކޮށްގެން ގެނެވޭ ޖަންކް ފުޑް ގެ ބާވަތްތަކަކީ ވެސް އެތަކެތީގައި ފުދޭވަރަކަށް ލޮނު އެކުލެވޭ ބާވަތްތަކެވެ. ލޮނު އަޅާފައި ހުންނަ ތަކެތި މާގިނައިން ބޭނުން ކުރުމަކީ ކަރުހިއްކުމާއި، ފެންބޮވާ މިންވަރު އިތުރު ކުރާނެ ކަމެކެވެ.

ކެފެއިން އެކުލެވޭ ބުއިންތަކާއި، ހަކުރު އެޅި ބުއިންތަކާއި، ގިނައިން ލޮނު އެކުލެވޭ ބާވަތްތަކާއި، ހަވާދުގެ ބާވަތްތަކާއި، ތެލާއި ސަރުބީ ގިނަ ބާވަތްތަކުން ދުރުހެލިވުމަށް މަސައްކަތް ކުރާށެވެ. ސިއްހީގޮތުން ކުރިމަތިކުރުވާ އުނދަގޫތައް ލުއިކޮށްދީ ދުވާލުގެ ވަގުތުގައި ވަރުބަލިކަންކުޑަކޮށްދީ، މުޅި ދުވަސް ތާޒާކަންމަތީ ހޭދަކުރެވޭނީ އޭރުންނެވެ.