ދީން

ލައިލަތުލް ގަދްރިވިލޭރޭ ކިޔަންވީ ދުއާގެ ޝަރަހަ

ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތަކަކީ ހާއްސަ ވެގެންވާ ރޭތަކެކެވެ. އެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެއްގައި ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވާ ކަމަށްޓަކަވެ. ލައިލަތުލް ގަދްރި ވިލޭރެއަކީ އެރޭގެ އަޅުކަން އެންހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ. އަދި ލައިލަތުލް ގަދްރި ވިލޭރޭގެ ހެޔޮކަން ހޯދަމަށް ގަދައަޅާ މަސައްކަތް ކުރުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އުއްމަތަށް އުރުޝާދު ދެއްވާފައެވެ.

އެންމެ މޮޅު އިތުރު ގޮތަކީ ފަހު ދިހައެއްގެ ހުރިހާ ރޭތަކެއްގައި ރޭ އަޅުކަމާއި، ކީރިތި ގުރްއާން ކިޔެވުމާއި ދުއާކޮށް ޒިކުރު ކުރުމުގައި ހޭދަ ކޮށްލުމެވެ. އޭރުން، ލައިލަތުލް ގަދްރި ވިލޭރޭގެ ހެޔޮކަން ހާސިލުވެއްޖެ ކަމުގެ ހިންހަމަޖެހުން ލިބިގެންދާނެ އެވެ.

އެރޭ ކިޔުމަށް ހާއްސަ ދުއާއެއް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުނގަންނައި ދެއްވާފައެވެ. އާއިޝާ رضي الله عنها ގެ ވިދާޅުވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ލައިލަތުލް ގަދްރި ވިލޭރެއާ ބައްދަލުވެއްޖެނަމަ ތިމަން ކަމަނާ ކުރަންވީ ކޮން ދުއާއެއް ހެއްޔެވެ؟" އެހިނދު ހަދީސް ކުރެއްވި އެވެ. ކަމަނާ ވިދާޅުވާށެވެ. اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي މި ހަދީސް ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީ އެވެ.

މި ދުއާގެ މާނައީ: "އޭ ﷲ އެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ، ގިނަގިނައިން އަފޫ ކުރައްވާ، އަފޫކުރެއްވުމަށް ލޯބި ކުރައްވާ ރަސްކަލާނގެ އެވެ. ފަހެ، އިބަރަސްކަލާނގެ މިއަޅާގެ ފާފަ ފުއްސަވާނދޭވެ!"

ދުއާ ކުރާއިރު، ދުއާގެ މާނަ ހިތްމައްޗަށް ގެނެސްގެން، މާނަ އެނގިގެން ދުއާ ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ވީމާ، މިދުއާގައި ހިމެނޭ ވަކިވަކި ކަލިމަތަކުގެ މާނައާމެދު ވިސްނާލަމާ ހިނގާށެވެ.

اللهم މި ބަސްފުޅުގެ މާނައަކީ يا الله އެވެ. ދިވެހި ބަހަށް މިކަލިމަ ތަރުޖަމާކޮށްފައި ހުންނަނީ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިފަދައިންނެވެ.

إِنَّكُ عَفُّوٌ މާނައީ: "އިބަރަސްކަލާނގެއީ ގިނަގިނައިން އަފޫ ކުރައްވާ (ރަސްކަލާނގެއެވެ.)" މިއީ މާތް ﷲ އަށް ކިޔޭ މަދަހައެކެވެ. އެއިލާހުއީ އަޅުތަކުންގެ ފާފަތަކުގެ ގިނަ ކަމާއެކު ވެސް އަފޫކުރައްވާ އޯގާވަންތަ އިލާހެވެ. އަފޫކުރެއްވުމަކީ ފާފަތައް ފުއްސަވައި ދެއްވުމެވެ. ދުއާ ކުރާހިނދު މާތް ﷲ ގެ ރިވެތިވެގެންވާ އިސްމުފުޅުތަކުން އެދި ދެންނެވުމަށްވަނީ އަމުރު ކުރައްވާފައެވެ. عَفُّوٌ މިކަލިމަ މި ގޮތަށް ކީރިތި ގުރްއާނުގައި ފަސް ފަހަރު ވާރިދުވެފައި ވެއެވެ. މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. "إِنَّ اللّهَ كَانَ عَفُوّاً غَفُوراً "(النّساء 43) މާނައީ: ހަމަކަށަވަރުން ﷲ އީ ގިނަގިނައިން އަފޫ ކުރައްވާ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާންގެ ކަމުގައި ވެއެވެ.

تُحِبُّ العَفْوَ "(އިބަ އިލާހުއީ) އަފޫ ކުރެއްވުމަށް ލޯބި ކުރައްވާ ރަސްކަލާނގެ އެވެ." އެއިލާހުއީ ގިނަގިނައިން ތައުބާވާ އަޅުންދެކެ ލޯބިވެވޮޑިގެންވާ އިލާހެވެ. އަދި ގިނަގިނައިން ފާފަ ފުއްސަވާ އޯގާވަންތަ އިލާހު ކަމުގައި ކީރިތި ގުރްއާނުގެ އެތައް އާޔަތެއްގައި ވަނީ އަންގަފަ އެވެ. އަދި އެ އިލާހުގެ ކޯފާގެ މައްޗަށް ރަހުމަތްވަންތަކަން ތަނަވަސްވެ، އިސްވެގެންވާ ކަމުގައި ވަނީ އަންގަވާފަ އެވެ.

فَاعْفُ عَنِّي "ފަހެ، އިބަރަސްކަލާނގެ މިއަޅާގެ ފާފަ ފުއްސަވާނދޭވެ!" ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމަކީ ސުންނަތެކެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކުގެ ތެރޭގައިވެސް އިސްތިގުފާރު ކުރުން (ފާފަ ފުއްސެވުންއެދި ދުއާކުރުން) ހިމެނެއެވެ. އަދި ލައިލަތުލް ގަދްރި ވިލޭރޭ ކިޔުމަށް އެންމެ މޮޅު އިތުރު ދުޢާއަކީ ވެސް މިއީއެވެ.

ލައިލަތުލް ގަދްރިވިލޭރޭގެ މާތް ކަން ލިބިގަންނަން އެދޭ އަޅަކު ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރުން މުހިންމެވެ. އޭގެ ތެރޭގައި ތަރާވީހު ނަމާދު ކުރުމާއި، ކީރިތި ގުރްއާން ކިޔެވުމާއި އަދި ދުއާކޮށް ޒިކުރުކުރުން ގިނަ ކުރާށެވެ. ވަކީން ހާއްސަކޮށް މި ދުއާ ކިޔާށެވެ. ތިމާއަށް ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކޮށް، ތައުބާވެ، އެފާފަތަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައަޅައި، ތެދުވެރި ހިތަކާއެކު މި ދުއާ ކުރާށެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ