ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދުވަހަކުވެސް ކޮވިޑް-19 ނެތިގެން ނުދާނެކަމުގެ އިންޒާރު

May 14, 2020

ކޮވިޑް-19 ދުވަހަކު ވެސް ނެތިގެން ނުދާނެ ކަމަށާއި، އެ ބަލި ދުނިޔޭގައި އަބަދު ވެސް އޮންނާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ދީފި އެވެ.

އިއްޔެ ކޮވިޑް-19 އިން ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑަބްލިޔުއެޗްއޯގެ އެމެޖަންސީސް ޑިރެކްޓަރު ޑރ. މައިކް ރަޔަން ވަނީ، އެ ބަލި ނެތިގެން ހިނގައިދާނެ ދުވަހަކަށް އިންތިޒާރު ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

އަދި އެ ބައްޔާ ދެކޮޅަށް ވެކްސިނެއް ހޯދުނު ނަމަވެސް، އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 4.3 މިލިއަނަށް އަރާފައިވާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 300،000 މީހުން ވަނީ އެ ބަލީގެ ޝިކާރައަކަށް ވެފަ އެވެ.

"މިކަން ވިސްނުމުގައި ބެހެއްޓުން މުހިއްމު. އެއީ މި ބަލި މުޖުތަމައުގެ ތެރޭގައި އަބަދު ވެސް އޮވެދާނެކަން،" އެޗްއައިވީގެ މިސާލު ނަންގަވަމުން ރަޔަން ވިދާޅުވި އެވެ.

މިހާރުވެސް 100 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރައްވަމުން ރަޔަން ވިދާޅުވީ، ހިމަބިހި ފަދަ ބަލިތަކާ ދެކޮޅަށް ވެކްސިނެއް ހޯދިފައިވީ ނަމަވެސް، އެ ބަލިތައް ވެސް މުޅީން ނެތިގެން ގޮސްފައި ނުވާ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން މިފަދަ އިންޒާރެއް ދީފައި މިވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ގިނަ ގައުމުތަކުން އަޅާފައިވާ ލޮކްޑައުންތައް ލުއި ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅޭގޮތުން، އެ ޖަމިއްޔާގެ އެންމެ އިސްވެރިޔާ ޑރ. ޓެޑްރޯސް ވިދާޅުވީ، މުޅި ދުނިޔެ ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ، ކޮވިޑް-19 ކޮންޓްރޯލްކޮށްފައި ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.