ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އީޔޫގެ ބޯޑަރުތައް ޓޫރިޒަމަށް ހުޅުވާލަނީ

May 14, 2020

ކުރިއަށް އޮތް ހޫނު މަހާ ދިމާކޮށް، ޔޫރަޕުގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް އަލުން ޓޫރިޒަމަށް ހުޅުވާލުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރު ގައުމުތަކުން ބޯޑަރުތައް ބަންދުކޮށް، ދަތުރުފަތުރު ކުރުން މަނާ ކުރުމާއެކު، އެ ބައްރުގެ އުފެއްދުންތެރިކަމުގެ 10 ޕަސަންޓް ހިއްސާ ކުރާ ޓޫރިޒަމް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެކަމާ ގުޅިގެން، އެ ސިނާއަތުގައި މަސައްކަތް ކުރާ އެތަކެއް މިލިއަން މީހުންގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ.

ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، އޮސްޓްރިއާ އާއި ޖަރުމަނު ފަދަ ގައުމުތަކުން ލޮކްޑައުން ލުއިކޮށް، ދަތުރުފަތުރު ކުރުން އަލުން ހުޅުވާލަން ނިންމާފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޓޫރިޒަމަށް އީޔޫ ހުޅުވާލުމުގެ ޕްލޭނެއް ވަނީ އިއުލާނު ކޮށްފަ އެވެ.

އެގޮތުން މާދަމާ އިން ފެށިގެން ބޯޑަރުތަކުގައި ރެންޑަމްކޮށް މީހުން ސްކްރީން ކުރުމުގެ މަސައްކަތް ފަށައި، ޖޫން 15 އިގެ ފަހުން ކުރީން އޮތް ހާލަތަށް އެނބުރި ދިއުމަށް ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، މި އަހަރުގެ ނިޔަލަށް އީޔޫގެ ގަވައިދުތައް ތަންފީޒު ކުރަންޖެހޭ އިނގިރޭސި ވިލާތަށް ވައިގެ މަގުންދާ މީހުން، 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ގިނަ ގައުމުތަކުން މިހާރު އަޅާފައިވާ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރަން ފަށައިފި ނަމަ، އަނެއްކާ ވެސް އިތުރު ލޮކްޑައުންތަކެއްގެ ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 4.3 މިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 300،000 މީހުން ވަނީ އެ ބަލީގެ ޝިކާރައަކަށްވެފަ އެވެ.