ޓެއިލާ ސްވިފްޓްގެ "ސްކުއަޑް" ގެ މަޝްހޫރުކަން މުޅި ދުނިޔޭގައި އެނބުރެމުން ދިޔަ ނަމަވެސް ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޕޮޕް ލަވަކިޔުންތެރިޔާއެއް ކަމަށްވާ ރިހާނާ އެ "ގާލް ގޭންގް" އާއި ގުޅޭކަށް އެއްވެސް ޝައުގުވެރި ކަމެއް ނެތެވެ.
"އެންއެމްއީ" މެގަޒިންގެ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރިހާނާ ބުނެފައިވަނީ ޓެއިލާގެ ޓުއާގައި ސްޓޭޖަށް އަރާކަށް އޭނާ އެއްވެސް އުއްމީދެއް ނުކުރާ ކަމަށެވެ. އަދި ބޭނުމެއްވެސް ނުވާ ކަމަށެވެ. އެއީ އެދެމީހުން ދޭތެރޭ އެއްވެސް ހަސަދައެއް ރުޅިވެރި ކަމެއް އޮވެގެނެއް ނޫނެވެ.
ރިހާނާ ބުނެފައިވަނީ ޓެއިލާއާއި އޭނާގެ ލަވަތަކަކީ ޕޮޕް މިޔުޒިކަށް ވިޔަސް އެއީ މުޅިންވެސް ތަފާތު ދެވައްތަރެއްގެ ޕޮޕްއެއް ކަމަށެވެ. ދެމީހުންގެ ބްރޭންޑް ތަފާތުވެ އޯޑިއެންސުންވެސް ތަފާތު ކަމަށެވެ. ގިނަ މީހުންގެ ނަޒަރުގައި ޓެއިލާއަކީ ނަމޫނާއެއް ކަމުގައި ބެލެވުނަސް ރިހާނާ ނުބެލޭވޭ ކަމަށެވެ. އޭނާގެ ލަވައެއް އަޑުއަހާ ބައެއް ޓެއިލާގެ ލަވަތަކެއް އަޑުނާހާ ކަމަށްވެސް އޭނާ ބުންޏެވެ.
ޓެއިލާ އަކީ އޭނާގެ ހަޔާތުގައި ދިމާވާ އެކިއެކި ލޯބީގެ ގުޅުންތަކާއި މައްސަލަތަކާއި ބެހޭގޮތުން ލަވަ ލިޔެ، ކިޔާ މީހެކެވެ. ހުރިހާ އުމުރަކަށް އޭނާގެ ލަވަތަކެއް އަޑުއެހުނު ކަމުގައިވިޔަސް ރިހާނާ އޭގެ އިދިކޮޅެވެ. ތަންކޮޅެއް ކުރީގައި ރިހާނާގެ ލަވަތަކަކީ ހިތްހަމަޖެހޭ އަޑުއަހަން ބޭނުންވާ ލަވަތަކެއް ކަމުގައިވިޔަސް ފަހަކަށް އައިސް ރިހާނާ ނެރިފައިވާ ވީޑިއޯ އާއި ލަވަތަކަކީ ހުރިހާ އުމުރަކަށް އެކަށީގެންނުވާ ލަވަަތަކެއް ކަމަށް ފާހަގަ ކުރެވެއެވެ.
އޭނާ މިހާރު ދަނީ "އާރް އެއިޓް" އަލްބަމް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އަލްބަމް ނެރުމަށް މަސައްކަތް ކުރަމުންދާތާ އެތަކެއް މަހެއްވެ ގިނަ ސަޕޯޓަރުން ޓްވިޓާގައި ޝަކުވާ ކުރިއަކަސް އޭނާ ހިތްހަމަޖެހޭ ވަރަށް އަދި ލަވަތަކެއް ނުނިމޭ ކަމުގައި ރިހާނާ ބުންޏެވެ.
މިއަހަރު ކުރީކޮޅު "ބީޓިލްސް"ގެ މަޝްހޫރު ޕޯލް މެކާޓްނީ އާއި ކަންޔޭ ވެސްޓާއި އެއްކޮށް "ފޯފައިވް ސެކަންޑްސް" ލަވަ ނެރުނު ފަހުން ގިނަ ސަޕޯޓަރުންދަނީ މިއަލްބަމް ތަފާތުވާނެ ކަމަށް އުއްމީދު ކުރަމުންނެވެ.