އޮފްބީޓް

ކޮއްކޮ ގެންގުޅުނު ބަޑިއަކުން ބޭބެ މަރުވެއްޖެ

އެމެރިކާގެ އެޓްލާންޓާގައި ފަސް އަހަރުގެ ކުއްޖެއް އަތުން އޭނާގެ 12 އަހަރުގެ ބޭބެ މަރުވެއްޖެ އެވެ. އެ ކުއްޖާ މަރުވާން ދިމާވީ ކުޅޭ ބަޑިއެއް ކަމަށް ހިތާ އެ ކުއްޖާ ގެންގުޅުނީ އަސްލު ބަޑިއަކަށް ވެފައި އެ ބަޑިޔަށް ފުރެން ދެން ވަޒަންލާފައި ހުރީމަ އެވެ.

މި ކުއްޖާ އެ ބަޑި ހޯދީ ޖަންގަލި ތެރެއިންނެވެ. ބަޑި ފެނުމުން އެ ކުއްޖާ އެއީ ކުޅޭ ކުޅޭ ބަޑިއެއް ކަމަށް ހިތާ ނަގައިގެން ގެނެސް ކުޅެން ގެންގުޅުނީ އެވެ.

އިނގިރޭސި ވިލާތު ނޫހެއްގައިވާ މި ޚަބަރުގައިވާ ގޮތުން ގްރިފިން ސަރަހައްދުގެ ފުލުހުންނަށް 12 އަހަރުގެ ކުއްޖާ ފެނުނުއިރު އެ ކުއްޖާގެ މެޔަށް ވަޒަނެއް އަރާފައި ހުއްޓެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އެ ކުއްޖާ މަރުވީ އެވެ.

މަރުވި 12 އަހަރުގެ ކުއްޖާ އާއެކު ވަލުތެރޭގައި ކުޅެން އުޅުނީ އޭނާގެ ހަތް އަހަރުގެ ކޮއްކޮ އަކާއި ފަސް އަހަރުގެ ކޮއްކޮއެކެވެ. ވަލުތެރޭގައި އޮތް ބަޑި ފެނިގެން ނެގީ މިތަނުން ފަސް އަހަރުގެ ކުއްޖާ އެވެ.

ފުލުހުން ބުނި ގޮތުގައި މި ކުދިންނާ ސުވާލު ކުރުމުން އެއީ ކުޅޭ ކުޅޭ ބަޑިއެއް ކަމަށް ހިތާ އެ ކުދިން އެ ނަގައިގެން ކުޅެން ގެންގުޅުނީކަން އެނގުނެވެ. އަދި ބޭބެގެ ގަޔަށް ބަޑި ޖެހީ ކުޅުމުގެ ތެރޭގައި މަޖަލަކަށެވެ.

މި ކުދިންނަކީ ޝާޕްސްބާގްގައި ދިރިއުޅޭ އެކުދިންގެ ތިމާގެ މީހެއް ކައިރިއަށް ޗުއްޓީއަކަށް އައިސް އުޅުނު ކުދިން ތަކެއް ކަމަށް ވެސް ޚަބަރުގައި ވެއެވެ.

މި ކުދިންނަށް ބަޑި ފެނުމުގެ ދެ ގަޑިއެއްހާއިރު ކުރިން ފުލުސް އޮފިސަރުންތަކެއް އެ އޭރިޔާ ބަލާ ފާސްކޮށްފައި ވެއެވެ. އެއީ ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ޓްރެފިކް ފުލުހުންނަށް ފިލުމުގެ ސަބަބުންނެވެ. އެމީހުން އުޅުނީ ފައިމަގުގައި ނަމަވެސް ފަހުން އެމީހުން ހޯދަން އުޅެ އުޅެ ފުލުހުންނަށް އެމީހުން ވަނީ ނުފެނިފަ އެވެ.

އެ ހިސާބު ހޯދުމުގެ ތެރޭގައި މަސްތުވާއެއްޗެތި އަޅާ ފުރާފައިވާ ބޮޑު ދަބަހެއް ފުލުހުން ހޯދި ނަމަވެސް އެ ބަޑިއެއް އޭރު ނުފެނެ އެވެ.

ފުލުހުން ބުނީ އެ ބަޑި ވަލުތެރެއަށް އެއްލާލި މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ބަޔެއްގެ މިފަދަ އަމަލެއްގެ ސަބަބުން މައުސޫމް ކުއްޖެއްގެ ފުރާނަ ދިއުމަކީ ވަރަށް ހިތާމަކުރަން ޖެހޭ ކަހަލަ ކަމެއް ކަމަށެވެ.

އެމެރިކާގައި ބަޑި ފަދަ ހަތިޔާރުތައް ލިބޭލެއް ފަސޭހަކަމުން އަބަދުވެސް ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. މި ހާދިސާއިން ވެސް މިފަދަ ޝަކުވާތަކުގައި ހަގީގީ ކަންބޮޑުވުމެއް ވާކަން ޔަގީންކުރެވޭ ކަމަށް ވެސް ޚަބަރުގައި ބުނެފައި ވެއެވެ.