ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ސްޕޭނުގެ 113 އަހަރުގެ މީހަކު ކޮވިޑުން ފަސޭހަވެއްޖެ

ސްޕޭނުގައި މިވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ އަންހެންމީހާ ކަމަށް ބެލެވޭ އުމުރުން 113 އަހަރުގެ މީހަކަށް ކޮރޯނާވައިރަސް ޖެހި އެ ބަލިން ފަސޭހަ ވެއްޖެ އެވެ.

މި މީހާ ދިރިއުޅުނު ރިޓަޔަމަންޓް ހޯމްގައި ތިބި ވަރަށް ގިނަ މީހުންނަށް ބަލި ޖެހި މި ދުނިޔޭ ދޫކޮށްފައިވާއިރު އެ ތަނުގައި ހުރި އެންމެ އުމުރުން ދޮށީ މީހާ ސަލާމަތް ވުމަކީ ވަރަށް އަޖައިބެއް ފަދަ ގޮތަކަށް ދިމާވި ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެމެރިކާއަށް އުފަން މާރިއާ ބުރަންޔަސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެޕްރީލް މަހު އެވެ. އޭރު ސާންޓާ މާރިއާގައި ހުންނަ ރިޓަޔަމަންޓް ހޯމްގައި މާރިއާ ދިރިއުޅޭތާ 20 ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި ކުރިއްސުރެ ވެސް އޭނާގެ ނޭވާލުމުގެ ނިޒާމުގެ ބައްޔެއް ހުންނާތީ ހުރިހާ ވަގުތެއް ހޭދަކުރަނީ އަމިއްލަ ކޮޓަރީގަ އެވެ.

މާރިޔާ ދިރިއުޅޭ ތަނުގައި މަސައްކަތްކުރާ މީހަކު ބުނީ މާރިއާގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނީ ވަރަށް ކުޑަކޮށެވެ. އަދި މިހާރު އޭނާގެ ޓެސްޓް ނެގެޓިވްވެ ބަލި ނެތްކަން ވަނީ ޔަގީން ކުރެވިފަ އެވެ.

މާރިއާ އަށް ފަރުވާ ދީފައިވަނީ ރިޓަޔަމަންޓް ހޯމްގައި އޭނާ ދިރިއުޅޭ ކޮޓަރީގައި ބާއްވައިގެންނެވެ. އޭނާއަށް ފަރުވާ ދިނުމަށް އެ ތަނުގައި މަސައްކަތްކުރާ މީހަކު ޕްރޮޓެކްޓިވް ގިއާ ލައިގެން ކޮންމެ ދުވަހަކުވެސް އޭނާ އޮންނަ ކޮޓަރިއަށް ވަދެ އޭނާގެ ހާލަތު ބަލައި ހަދަ އެވެ.

ސްޕޭނުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި މާރިއާ ބުނެފައިވަނީ އޭނާ ހުންނަ ރިޓަޔަމަންޓް ހޯމުގެ މުވައްޒަފުން އޭނާއަށް ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށާއި އެމީހުން ވަރަށް ހެޔޮ ކަމަށެވެ.

އޭނާގެ ދިގު އުމުރުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން މާރިއާ ބުނީ އެއީ އޭނާ އެހާ ދިގު އުމުރެއްގައި ދުނިޔޭގައި ހުރީ ސަލާމަތް ސިއްހަތެއްގެ ވެރިއަކަށް ވާތީ ފެންނަ ކަމަށެވެ.

މާރިއާ ހުރި ތަނުން ވަރަށް ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ އަދި ބައެއް މީހުން މަރުވެސް ވެފައި ވެއެވެ.
ކޮވިޑް-19 އިން މިހާ ދުވަސްވީ މީހަކު ރަނގަޅުވުމަކީ ސްޕޭނުން ވަރަށް ފަޚުރުވެރިވާ ކަމެކެވެ. އަދި މާރިއާގެ ވަރަށް ގިނަ އިންޓަވިއުތައް އެ ގައުމުގެ އެކި ޓީވީ ޗެނަލްތަކުން މިހާރު ދައްކަމުން އެބަދެ އެވެ.

މާރިއާ އުފަންވީ މާޗް 4، 1907 ގައި ސެން ފްރެންސިސްކޯގަ އެވެ. އެ މާރިއާގެ ބައްޕައަކީ އޭރު އެ ރަށުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

މާރިއާ އާއި އާއިލާ ސްޕޭނަށް ހިޖުރަކުރީ އެއްވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަނޑު ބޯޓެއްގަ އެވެ. ސްޕެނިޝް ފުލޫގެ ވަބާ ދުނިޔެއަށް ކުރިމަތިވެ 1919-1918 އާ ދެމެދު އެތައް ލައްކަ ބަޔަކު މި ދުނިޔެ ދޫކުރިއިރު މާރިއާ ދިރިއުޅުނީ އެންމެ ބޮޑަށް ބަލި ފެތުރިފައިވާ ހިސާބުގަ އެވެ. އަދި ސްޕޭނުގައި 1939-1936 އަށް ކުރެވުނު އަހުލީ ހަނގުރާމައިގެ ދުވަސްވަރު ވެސް މާރިއާ ވަނީ ހަނގުރާމައިގެ ބިރުވެރިކަން ވެސް ތަޖުރިބާ ކޮށްފަ އެވެ.