ޝެލީ ގުން އޭނާގެ 103 އަހަރުވީ މާމަ ސިފަ ކުރަނީ ޖޯޝުން ފުރިފައިވާ ހިތްވަރުގަދަ އަންހެނެއްގެ ގޮތަށެވެ. އެމެރިކާގެ މެސަޗޫސެޓްސްގައި ދިރިއުޅޭ މި މާމަ ޖެނީ ސްޓެޖްނާއަކީ ހަމަ ހަގީގަތުގައި ވެސް ގޮތް ދޫ ނުކުރާ ހިތްވަރުގަދަ މީހެއްކަން އޭނާ ވަނީ ކޮވިޑް-19 ޖެހިގެން އެ ބައްޔާ ކުރި ހަނގުރާމައިގައި ސާބިތު ކޮށްދީފަ އެވެ. އޭނާއަށް ވުރެ އުމުރުން މާ ހަގު ގިނަ ބަޔަކު ވެސް މި ބަލީގައި ދުނިޔެ ދޫކޮށްފައިވާއިރު ޖެނީއަށް ބަލިން ސަލާމަތް ވެވުނީ އޭނާ ބަލި ގަބޫލު ނުކޮށް ކުރި ހިތްވަރުންނެވެ.
ޝެލީ ބުނީ މާމަގެ އަބަދު ވެސް ކަންކަމާ ކުރިމަތިލާ ހަނގުރާމަ ކުރުމުގެ ޖޯޝް ހުންނަ ކަމަށެވެ. މާމައަކީ އެހާ ފަސޭހައިން ގޮތް ދޫކުރާ މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މީގެ ތިން ހަފުތާ ކުރިން ކޮވިޑް-19 އަށް ޖެނީ ޕޮޒިޓިވް ވީއިރު އޭނާ ވެފައިވަނީ އޭނާ ދިރިއުޅެމުން އައި ނާސިން ހޯމުން ޕޮޒިޓިވްވީ ފުރަތަމަ މީހާ އަށެވެ.
ބަލީގައި ޖެނީގެ ހާލަތު ވަރަށް ގޯސްވެގެން އުންމީދު ކަނޑާލާ ހިސާބަށް ވެސް ދިޔަ އެވެ އަދި އެއް ދުވަހު ޝެލީ އޭނާގެ މާމަ އާ ގުޅައިގެން ވާހަކަ ދައްކަމުން އަލްވަދާއު ކިޔަން ތައްޔާރުތޯ އެހުމުން ވެސް ޖެނީ ދިން ޖަވާބުން އެ މީހުން ހައިރާންވި އެވެ. އަދި މާމަ އެހާ ފަސޭހައިން އަދި އުންމީދު ކަނޑާ ނުލާނެކަން އެމީހުންނަށް ޔަގީންވި އެވެ.
މާމަ ކޮވިޑް-19 އިން ފަސޭހަ ވެއްޖެ ކަމުގެ ޚަބަރު މޭ 13 ވަނަ ދުވަހު ޝެލީ އަށް ލިބުމުން އޭނާއަށް ލިބުނީ ބަޔާން ކުރަން ވެސް ނޭނގޭ ވަރުގެ އުފަލެކެވެ.
ކޮވިޑް-19 ގައި ވެސް އަދި އެހެން ބޮޑެތި ބަލިތައް ޖެހުމުން ވެސް ބަލިން ރަނގަޅު ވުމުގައި، އެ ބައްޔާ ހަނގުރާމަ ކުރުމަށް އެމީހެއްގެ ގައިގައި ހުރި ޖޯޝާއި ހިތްވަރު ވަރަށް މުހިއްމު ރޯލެއް ކުޅެ އެވެ. ބިރުގަތުމުގެ ސަބަބުން ސްޓްރެސް އިތުރުވުމާއި ދިރިއުޅުމުގެ އުންމީދު ކަނޑާލުމުގެ ސަބަބުން ބައެއް މީހުންގެ ދިގު އުމުރު ކުރުވެ އެވެ. މި ފަހަރު ޖެނީ މި ދެއްކީ މީގެ ރަނގަޅު ނަމޫނާ އެކެވެ.
މިހާޜު އޭނާގެ މާމަ ދަރިންނާއި މުނި މާމަ ދަރިން އިންތިޒާރު ކުރަމުން ދަނީ ޖެނީ ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހަކަށް އޭނާއަށް މަރުހަބާ ކިޔުމަށެވެ.