ކޮވިޑް-19 އިގެ ވަބާގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް ބޮޑެތި ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ. އެ މީހުންނަށް ޑިޕްރެޝަން އާއި އެކަނިވެރިކަން ދިމާވާލެއް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިންޑިއާނާ ޔުނިވަސިޓީގެ ސައިންސްވެރިންގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ. މިފަދަ މީހުންނާއި އާއިލާގެ އެހެން މީހުންނާ އޮންނަ ގުޅުން އިތުރުކޮށް އެކަނިވެރިކަމާއި މާޔޫސްކަން ފިލުވާލަދޭން މަސައްކަތް ކޮށްފިނަމަ މި މައްސަލަތަކުން އެމީހުންނަށް ފަސޭހައިން އަރައިގަނެވޭނެ ކަމަށް ސައިންސްވެރިން ދެކެ އެވެ.
ދަ ޖާނަލް އޮފް ގެރޮންޓޮލޮޖީ: ސީރީޒް ބީ ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި އަކީ ވަރަށް ގިނަ ޔުނިވަސިޓީތަކެއްގެ ސައިންސްވެރިންތަކެއް ބައިވެރިވެގެން ކުރި މަސައްކަތެކެވެ.
"އަހަރެމެންގެ ހޯދުންތައް ދައްކާ ގޮތުގައި ދޮށީ އުމުރުގެ ގިނަ ބަޔަކަށް ވަރަށް ބޮޑެތި ނަފްސާނީ މައްސަލަތައް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިމާވެފައިވޭ. އިޖްތިމާއީ ގޮތުން އެހެން މީހުންނާ ގުޅުން ބޮޑު މީހުންނަށް މި މައްސަލަ ދިމާވާލެއް މަދުކަން ފާހަގަ ކުރެވޭ. އެފަދަ މީހުންގެ ހިތުގައި ރަނގަޅުނޫން ޚިޔާލުތައް ހުރި މިންވަރު މަދު،" މި ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ވަބާގެ ސަބަބުން ބޭރަށް ނުނުކުމެ ގޭގައި ތިބެން ޖެހުމުގެ ސަބަބުން ދޮށީ އުމުރުގެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހިތް ބިރުގަތުމާއި ބޭރަށް ނުކުންނަން ޖެހިލުން ވުމެވެ. ހާއްސަކޮށް ގޭގޭގައި އެކަނި މާއެކަނި ދިރިއުޅޭ މީހުންގެ ހިތަށް ތަފާތު ނެގެޓިވް ޚިޔާލުތައް ވަދެ އެމީހުން މާ ބޮޑަށް ތިބެނީ ބިރުގަނެ ހިތު ޖެހޭ ގޮތް ވެފަ އެވެ. އަދި އެކަނިވެރިކަމުގެ އިހްސާސްތައް މިފަދަ މީހުންނަށް ކުރަމުންދަނީ އިންތިހާއަށެވެ.
މި ބަލިމަޑުކަން ފެށުމުގެ ކުރިން އެމީހުންގެ ގޭގެއަށް ޒިޔާރަތްކުރަމުންދިޔަ އާއިލާގެ މީހުންނާއި އެކުވެރިންނާ ބައްދަލުނުވާތާ ގިނަ ދުވަސް ތަކެއް ވުމުގެ ސަބަބުން އެމީހުންގެ އެކަނިވެރިކަން މާބޮޑަށް އިތުރުވެފައި ވެއެވެ. ބޭރަށް ނުކުމެލާ ހިނގާލަން ގޮސްލާ ރައްޓެހިންނަށް ޒިޔާރަތްކޮށްލާ ހެދި މީހުންނަށް އެ ފުރުސަތު ނެތުމުން އިތުރަށް މައްސަލަ ގޯސްވަނީ އެވެ. މިފަދަ ދަނޑިވަޅުގައި ގިނަ ފަހަރަށް ފޫހިފިލުވާލަން ވެސް އެމީހުންނަށް ބަލާލެވޭނީ ޓީވީ އެވެ.
މާޔޫސްކަން ބޮޑުކަމުން މުނިފޫހިފިލާ ކަހަލަ އެއްޗެއް ބަލާލާހިތެއް މިފަދަ މީހުން ނުވެ އެވެ. ނަތީޖާއަކަށް ވަނީ އަބަދު ހާބަރުތައް ގެނެސްދޭ ޗެނަލްތައް ބެލޭ ގޮތް ވުމެވެ. ކޮންމެ ދުވަހަކު ކޮރޯނާވައިރަސް ޖެހިގެން އެތައް ބަޔަކު މަރުވާ ހަބަރާއި އެތައް ބަޔަކަށް ބަލި ޖެހޭ ހަބަރަކީ އެކަނިމާއެކަނި ގޭގައި ހިތްދަތިވެފައި ތިބި ދުވަސްވީ މީހުން އިތުރަށް ހިތް ބިރުގަންނަ ވާހަކަ ތަކަކަށް ވެއެވެ.
އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރި މި ދިރާސާގެ ރިޕޯޓުގައި ސައިންސްވެރިން ބުނެފައިވަނީ މި ބަލިމަޑުކަމުން އަރައިގަނެވޭއިރު ނަފްސާނީ ބޮޑު ބަލިމަޑުކަމެއް ދޮށީ އުމުރުގެ މީހުންނަށް ކުރިމަތިވުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.
ވީމާ ދޮށީ އުމުރުގެ މީހުންގެ ދަރިންނާއި ގާތް ތިމާގެ މީހުން ވީވަރަކުން އެމީހުން އެކަނިކޮށްނުލާ އަދި އެމީހުން ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނޫންނަމަ މި ބަލީގައި އެމީހުންގެ ފުރާނައަށް ގެއްލުންވުން ވަރަށް ގާތް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ބަލިމަޑުކަމަކާ ގުޅިގެން ދިމާވާ ނަފްސާނީ މައްސަލަތަކަކީ އެކަމެއް ނިމުމުން ރަނގަޅު ވެދާނެ ކަންކަމަށް ވިޔަސް ދޮށީ އުމުރުގެ މީހުންނަށް މިފަދަ ކަންކަން ދިމާވުމުން އެމީހުންނަށް އާއްމު ސިއްހަތަށް އޭގެންވާ ގެއްލުމަކީ ދާއިމީ ކަމަކަށް ވެދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.