ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދަރިވަރުންނަށް ފައިސާގެ އެހީ ދެނީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ދޭން ހަޔާ އެޑިއުުކޭޝަނުން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އެހީ ދޫކުރަން ހަމަޖެހިފައިވަނީ މިހާރުވެސް ރާއްޖޭން ބޭރުގައި އަމިއްލަ ހަރަދުގައި ނުވަތަ ސްޕޮންސަޝިޕެއްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު އާންމުކޮށްފައިވާ އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ.

މިނިސްޓްރީން ބުނީ މިއެހީ އަށް ކުރިމަތިލެވޭނީ ރޭއްޖެއިން ބޭރުގައި މިހާރުވެސް ތިބި ޝަރުތުހަމަވާ ދަރިވަރުންނާއި ދިވެހި ސަރުކާރުގެ ސްކޮލާޝިޕެއް ނުވަތަ ލޯން އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ސްޕޮންސަޝިޕް ނިމި އަދި ކޯސް ފުރިހަމަ ކުރުމަށްފަހު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެ ނާދެވި ތިބި ދަރިވަރުންނަށެވެ.

ފައިސާގެ އެހީ ހަމަޖެހޭނީ އެހީއަށް އެދި ހުށަހަޅާ ފޯމާއި، ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހެޅުމުގެ އިތުރުން ހަޔާ އެޑިއުކޭޝަނުގެ އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ޝާރުތުތައް ފުރިހަމަ ވުމުންނެވެ. އެހީ ދަރިވަރުންނަށް ޖަމާކޮށްދޭނީ ކޮންމެ 14 ދުވަހަކުން އެއް ފަހަރު، ދަރިވަރު އެކަމަށް އެދި އީ-މެއިލްއަކުން އެދުމުން އެއިރުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށްވެސް ބަޔާނުގައި ވެ އެވެ.

ފައިސާގެ އެހީ ދެވޭނީ ދެ މަސްދުވަހުގެ މުއްދަތަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފައިސާގެ އެހީގެ މިންވަރު ކަނޑައެޅުމުގައި، އެ ދަރިވަރެއް ކިޔަވަމުންދާ ގައުމަށް ސަރުކާރުން ސްޓައިޕެންޑްގެ ގޮތުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓެއް ވަނީ ރިޔާއަތްކުރެވިފަ އެވެ. އެގޮތުން، ދިރިއުޅުމުގެ ހަރަދަށް ދުވާލަކަށް 50.00 ޑޮލަރަށްވުރެ މަދުން ކަނޑައެޅިފައިވާ ގައުމުތަކުގައި އުޅޭ ދަރިވަރުންނަށް ލިބޭނީ މިހާރުވެސް އެ ގައުމަކަށް ދުވާލަކަށް ކަނޑައަަޅާފައިވާ އަދަދަށެވެ.

ނަމަވެސް، ދިރިއުޅުމުގެ ހަރަދުގެ ގޮތުގައި ދުވާލަކަށް 50.00 އެމެރިކާ ޑޮލަރަށްވުރެ ބޮޑަށް ކަނޑައެޅިފައިވާ ގައުމުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ދެވޭނީ 50.00 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

މި އުސޫލާއި، އެހީއަށް އެދި ހުށަހަޅާ ފޯމް މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބޭނެ އެވެ. އަދި އެހީއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް އީމެއިލް ([email protected]) ކުރުމަށް ވަނީ އެދިފަ އެވެ.

މިނިސްޓްރީން ބުނީ މި އެހީގެ ފައިސާ ދެވޭނީ އުސޫލު ގެޒެޓްކުރާ ތާރީހުން ފެށިގެން، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމަށްފަހު، އެކަން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އިއުލާންކުރާ ތާރީހެއްގެ ނިޔަލަށް ކަމަށެވެ.

ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ބައެއް ދަރިވަރުން ރާއްޖެ އަންނަ ބޭނުންވެ ނާދެވިފައި އަދިވެސް އެބަ ތިއްބެވެ. މި ހަފްތާގައި ސަރުކާރުން ވަނީ އިންޑިއާގައި ތިބި 200 އަށް ވުރެ ގިނަ މީހުން ރާއްޖެ ގެނެސްފަ އެވެ. މީގެ ތެރޭގައި ދަަރިވަރުންވެސް ހިމެނެ އެެވެ.