ލޮކްޑައުންގައި ހުރިހާ ފިލްމީ ތަރިންގެ އެމީހުންގެ ގޭގައި ވަގުތު ހޭދަ ކުރަމުން ދާއިރު މީގެ ތެރެއިން ބައެއް ތަރިން ދަނީ ފޭނުންގެ މުނިފޫހި ފިލުވައި ދިނުމަށް އެކި ކަންތައްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރަމުންނެވެ. މިގޮތަށް އެންމެ ގިނައިން ފޭނުންނާ ބައްދަލުކޮށް އެމީހުންގެ ހިތްހަމަޖައްސައި ދޭން މަޖާ ކަންތައްތައް ކުރުމުގައި އެންމެ ކުރީގައި އުޅެނީ އަލަށް ވިދަން ފެށި ޒުވާން އެކްޓަރު ކާރްތިކް އާރްޔަން އެވެ. މީގެ ދެ ދުވަހެއް ކުރިން ވެސް ކާރްތިކް ވަނީ އިންސްޓަގްރާމްގައި ލައިވް ސެޝަނެއް ބާއްވައި ފޭނުންނާ ބައްދަލުކޮށްފަ އެވެ.
މި ސެޝަންގައި ކާރްތިކް ވަނީ އޭނާގެ ފޭނުންނަށް ވަރަށް މުހިއްމު ސުވާލެއް ހުށަހަޅާފަ އެވެ. އެއީ ލޮކްޑައުން އަށް ދިޔުމާ ގުޅިގެން އޭނާ ދިގު ކުރަމުން އައި ތުނބުޅި ބާލަން ފެނޭތޯ އެވެ. ނޫނީ މިހާރު ހުރި ގޮތަށް ތުނބުޅި ދިގުކޮށްފައި ބަހައްޓަން ފެނޭތޯ އެވެ.
ކާރްތިކް މި ލައިވް ސެޝަންގައި އޭނާގެ ތުނބުޅި ސިފަ ކުރީ "ޖަންގައްޔެއް" ގޮތަށެވެ. ކާރްތިކްގެ ސެޝަން ކުރިޔަށް ދިޔައިރު ގިނަ ބަޔަކަށް އެންމެ އަޅައިގަންނަ ކަމަކަށްވީ މި ސެޝަންގައި ކާރްތިކް ކުރި ސުވާލަށް ދީޕިކާ ޕަދުކޯން ކޮމެންޓް ކުރުމުންނެވެ. އަންހެންކުއްޖެއްގެ ދެ އަތް ޖޯޑުކޮށްފައިވާ އީމޯޖީއަކާއެކު ދީޕިކާ ކުރި ކޮމެންޓުގައި ކާރްތިކް ތުނބުޅި ބާލަން އެދިފައި ވެއެވެ.
ކާރްތިކްގެ ސެޝަންގައި ދީޕިކާގެ ކޮމެންޓެއް ފެނުމުން ގިނަ ބަޔަކު ހައިރާންވީ އެއް ސަބަބަކީ ދީޕިކާ އަކީ އާއްމުކޮށް ސޯޝަލް މީޑީއާގައި އެހާ އެކްޓިވްކޮށް އުޅޭ ތަރިއަކަށް ނުވުމެވެ. ނަމަވެސް ކާރްތިކް އާއި ދީޕިކާގެ އޮތް އެކުވެރި ކަމަށް ބަލާއިރު އެކުވެރިއަކަށް އެމީހަކަށް ފެންނަ ރަނގަޅު ގޮތެއް ބުނެ ދިނުމަކީ ވެސް ހަމަ ވަރަށް ރަނގަޅު ކަމެއް ކަމަށް މި ދެ ތަރިންގެ ފޭނުން ގަބޫލު ކުރެ އެވެ.
ކާރްތިކްގެ ސެޝަންގައި ދީޕިކާގެ އިތުރުން އަރްޖުން ކަޕޫރާއި އަނައިޓާ އަޑާޖާނިއާ ވެސް ކޮމެންޓް ކޮށްފައި ވެއެވެ. ބެލެވޭ ގޮތުގައި ކާރްތިކް އަށް ވަކި ގޮތެއް ނުނިންމިގެން އުޅޭ މި މައްސަލައަށް ހައްލެއް ހޯދައިދޭން އެންމެން ވެސް ބޭނުން ވަނީ އެވެ.
މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަނީ ކާރްތިކް ކަންތައް ކުރާ ގޮތެއް ބެލުމަށެވެ. ދީޕިކާ ބުނާ ބަސް އަހާތޯ ނޫނީ އޭނާ ގަބޫލުކުރަނީ އެހެން ކޮންމެވެސް އެކުވެރިއެއްގެ ބަސްތޯ ބެލުމަށެވެ.