ކާތިކް އާރްޔާން

ބޭނުމީ ދީޕިކާ ކަހަލަ މީހަކާ ކައިވެނި ކުރަން: ކާރްތިކް

އެކްޓަރު ކާރްތިކް އާރްޔަންގެ ހިތުގައި ދީޕިކާ ޕަދުކޯން އަށް ހާއްސަ ކަމެއް އަބަދުވެސް އޮވެ އެވެ. ދާދި ފަހުން އޭނާ ބޭއްވި އިންސްޓަގްރާމް ލައިވް ސެޝަނެއްގައި ވެސް ކާރްތިކް ވަނީ ދީޕިކާ އަށް އޮންނަ ގަދަރު ބަޔާން ކޮށްދީފަ އެވެ. މި ސެޝަންގައި ކާރްތިކް ބުނި ގޮތުގައި އޭނާ ކައިވެނި ކުރަން ބޭނުމީ ވެސް ދީޕިކާ ކަހަލަ އަންހެން ކުއްޖަކާ އެވެ. ސަބަބު ވެސް އޭނާ ބުންޏެވެ. "ފިރިމީހާ އާ މެދު ފަޚުރުވެރިވެ އެންމެންނަށް އޭނާ ދައްކާތީ" އެވެ.

ދީޕިކާ އާއި ރަންވީރު ސިންގް ކައިވެނި ކުރިތާ މިހާރު ދެ އަހަރު ފުރެން ދާއިރު ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ރަންވީރުގެ ފޮޓޯ ދީޕިކާ ޝެއާ ކުރެ އެވެ.

މި ސެޝަންގައި ކާރްތިކް އާ މީހަކު ކުރި އަނެއް ސުވާލަކީ ކެޓުރީނާ ކައިފް އާއެކު ފިލްމެއް ކުޅޭނީ ކޮން އިރަކުންތޯ އެވެ؟ ޖަވާބުގައި ކާރްތިކް ބުނީ ދީޕިކާ އާއެކު އޭނާ ފެންނަލެއް މާ ރީތިކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެމީހުން އެކުގައި ސްކްރީނުން ބަލާލަން ޝައުގުވެރިވާނެތޯ ފޭނުންނާ ކާރްތިކް ސުވާލު ކުރި އެވެ. އަދި އޭނާއަށް މި ސުވާލުގެ ޖަވާބު ފޮނުވުމަށް ވެސް ފޭނުން ކިބައިން ކާރްތިކް އެދުނެވެ. އަދި ދީޕިކާ އާއެކު އޭނާއަށް ފިލްމެއް ކުޅެން ލިބޭތޯ މަސައްކަތް ކޮށްދިނުމަށް ވެސް އެދުނެވެ.

ދީޕިކާ އާއެކު ކާރްތިކް ފިލްމެއްގައި އަދި މަސައްކަތް ކޮށްފައި ނުވިޔަސް ދެ މީހުންގެ އެކުވެރިކަން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދެ މީހުން އެކި ކަހަލަ މަޖާ ވާހަކަތައް އަބަދުވެސް ދައްކާފައި ހުރެ އެވެ. އަދި ކާރްތިކްގެ "ޕަތީ ޕަތުނީ އައުރް ވޯ"ގެ ޕްރޮމޯޝަން ދުވަސްވަރު އެ ފިލްމުގެ ދީމޭ ދީމޭ" ލަވައިގެ ހުކް ސްޓެޕް ދަސްކޮށްދިނުމަށް ދީޕިކާ ކާރްތިކް ކިބައިން އެދުމުން ކާރްތިކް ވަނީ ދީޕިކާ ކޮންމެވެސް ބޭރު ގައުމަކަށް އައިސް އެއާޕޯޓުން ނުކުތް ވަގުތު އެ ތަނަށް ގޮސް އޭނާއަށް އެ ސްޓެޕް ދަސްކޮށްދީފަ އެވެ. މި ދެ ތަރިން ވަނީ އެއާޕޯޓަށް އެ ވަގުތު އެއްވެ ތިބި ޕަޕަރާޒީންނާއި ފޭނުންގެ ކުރިމަތީގައި އެ ލަވައިގެ ބައެއް ސްޓެޕްތައް ވެސް ދައްކާލާފަ އެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި ކާރްތިކް ފޭނުންނާ ކުރި ސުވާލަކަށް ވެސް ދީޕިކާ ޖަވާބުދިނެވެ. ކާރްތިކް އެހީ އޭނާ ތުނބުޅި ބާލަންވީތޯ ނުވަތަ މިހާރު ހުރި ގޮތަށް ބަހައްޓަންވީތޯ އެވެ. ދީޕިކާ ވަގުތުން "އާނއެކޭ ބާލާށޭ ފެންނަނީ" ބުނެ ޖަވާބު ދީފައި ވެއެވެ.

ކާރްތިކް އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ އިމްތިޔާޒު އަލީގެ "ލަވް އާޖް ކަލް" އިން ސާރާ އަލީ ޚާނާ އެކުގަ އެވެ. މި ފިލްމު ބޮކްސް އޮފީހުގައި މާ ރަނގަޅަށް ހިނގާފައެއް ނުވެ އެވެ.

ދީޕިކާ އެންމެ ފަހުން ކުޅުނީ "ޗަޕާކް" އެވެ. މި ފިލްމުގެ ވިޔަފާރި ރަނގަޅު ނޫން ނަމަވެސް ކްރިޓިކްސްގެ ތައުރީފު ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ.