ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބުޅަލުން ބުޅަލަށް ކޮވިޑް އަރާ ކަމަށް ޓެސްޓުން ދައްކައިފި

ބަލި ޖެހިފައިވާ ކަމުގެ އެއްވެސް އަލާމާތެއް ނެތި ވެސް އެއް ބުޅަލުން އަނެއް ބުޅަލަށް ކޮރޯނާވައިރަސް އަރާ ކަމަށް ލެބޯޓްރީ ތަހުލީލަކުން ދައްކައިފި އެވެ.

މި ތަހުލީލުކުރި ސައިންސްވެރިން ބުދަ ދުވަހު ވިދާޅުވެފައި ވަނީ އިންސާނުންގެ ގައިން ބުޅަލަށް އަދި ބުޅަލުން އިންސާނުންގެ ގަޔަށް މި ބަލި އަރާތޯ ބަލަން އިތުރު ތަހުލީލުތައް ކުރުން ވަރަށް މުހިއްމު ކަމަށެވެ. ސިއްހީ ތަޖުރިބާކާރުން މިވަގުތު އަދި ބުނަނީ އިންސާނުންގެ ގައިން ބުޅަލަށް އަދި ބުޅަލުން އިންސާނުންގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު ނެތް ކަމަށެވެ.

އެމެރިކަން ވެޓެރިނަރީ މެޑިކަލް އެސޯސިއޭޝަނުން އަލަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލެބޯޓްރީގައި ގަދަކަމުން ޖަނަވާރަކަށް ބަލި ޖެއްސިޔަސް މިއީ އާއްމު ހާލަތެއްގައި އެހާ ފަސޭހައިން ވައިރަސް ޖަނަވާރުންގެ ގަޔަށް އަރާފާނެ ކަމެއް ކަން ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. ވައިރަސް އެކްސްޕާޓް ޕީޓާ ހާފްމަން ވިދާޅުވީ މިފަދަ ނުރައްކަލެއް އޮވެދާނެތީ ކަންބޮޑުވާ މީހުން ހަމަ ބުއްދީގެ ބޭނުން ކުރުން ރަނގަޅު ކަމަށެވެ.

އެގޮތުން ބުޅަލަށް ދޮން ދީ ނުހެދުމަށާއި އަދި ބުޅާ އުޅޭ ތަންތަން ސާފުކޮށް ބެލެހެއްޓުމުން ބުޅަލާއި އެނޫންވެސް ޖަނަވާރުގެ ގައިގައި ހުންނަ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޓާ އާއި އޭނާ އާއެކު މަސައްކަތްކުރާ ތަޖުރިބާކާރުން އެކުވެގެން ލެބޯޓްރީގައި ކުރި މި ތަހުލީލުގެ ނަތީޖާ ވަނީ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފަ އެވެ.

މި ތަހުލީލުކުރުމަށް ސައިންސްވެރިން ވަނީ ކޮރޯނާވައިރަސް ހުރި އިންސާނެއްގެ ހަށިގަނޑުން ވައިރަސް ނަގައި ތިން ބުޅަކަށް އިންފެކްޝަން ޖެއްސި އެވެ. ދެން މީގެން ކޮންމެ ބުޅަލެއް ބަލި ނެތް ބުޅަކާއެކު އެއް ތަނެއްގައި ބޭތިއްބި އެވެ.
ފަސް ދުވަސް ފަހުން ޓެސްޓް ކުރިއިރު ބަލި ނުޖެހި ތިބި ތިން ބުޅަލަށް ވެސް ވަނީ ބަލި ޖެހިފަ އެވެ. ނަމަވެސް މީގެން އެއްވެސް ބުޅަލެއްގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.

"އެ ސޮރުމެން ކެއްސާ، ކިނބިހި އަޅައެއް ނުހަދާ. އަދި ހުން އައުމާއި ބަރުދަން ލުއި ވުން ފަދަ ކަމެއް ވެސް މެދުވެރިއެއް ނުވޭ،" ހަފްމަން ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ބުޅާ ގެންގުޅޭ މީހާ އަށް ވެސް އެ ސޮރަށް ބަލި ޖެހިފައި ހުއްޓަސް އެކަން ފާހަގައެއް ނުކުރެވޭނެ އެވެ.

މިދިޔަ ހަފުތާގައި ނިއު ޔޯކް ސްޓޭޓްގެ ވަކި ދެ ހިސާބެއްގައި ދިރިއުޅޭ ދެ ބުޅަލެއް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި ވެއެވެ. މި ސޮރުމެންގެ ފަރާތުން ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ކުޑަކޮށް ފެނިފައިވެއެވެ. މި ސޮރުމެންނަށް ބަލި އެރީ އެ ސޮރުމެން ދިރިއުޅޭ ގޭގެއިން ނުވަތަ އެ ގެއާ އިން ވެގެން ހުރި އަވަށްޓެރި ގޭގެއިން ކަމަށް ވަނީ ބެލެވިފަ އެވެ.
ބުޅަލުގެ އިތުރުން ބްރޮންކްސް ޒޫގައި ތިބި ބައެއް މިނިކާވަގާއި ސިންގާ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި ވެއެވެ. އެހެންވެ އިންސާނުންގެ ފަރާތުން ޖަނަވާރަށް އަދި ޖަނަވާރުންގެ ފަރާތުން އިންސާނުންނަށ ބަލި ޖެހިދާނެތޯ ތަހުލީލުކުރުން ވަރަށް މުހިއްމުކަމަށް ހުރިހާ ސައިންސްވެރިން ވެސް އެއްބަސް ވެއެވެ.

އެމެރިކާ އާއި އެނޫންވެސް ބައެއް ގައުމުތަކުގައި ނެރެފައިވާ ގައިޑްލައިންތަކަށް ބަލާއިރު ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އަދި އިންސާނުންގެ ކިބައިން ޖަނަވާރުންނަށް ބަލި ޖެހިދާނެ ކަމުގެ ހެކި ލިބިފައިވާލެއް އެފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ކުޑަކަމަށް ކަނޑައަޅާފައި ވެއެވެ.

ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ އެކި ޖަމާއަތްތަކުން ބުނެފައިވަނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރާއި އެނޫންވެސް ޖަނަވާރުތަކުން އިންސާނުންނަށް ކޮރޯނާވައިރަސް އަރާފާނެކަމުގެ އެއްވެސް ކޮވިޑް-19 ފެތުރިދާނެކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ. އަދި މި ސޮރުމެންގެ ފަރާތުން ބަލި އިތުރަށް ފެތުރިދާނެކަމުގެ ހެއްކެއް ވެސް ނެތެވެ. ހަމައެކަނި މި ބަލި މިހާރު ފެތުރެނީ އިންސާނުންގެ ފަރާތުން އިންސާނުންނަށް ކަމަށް ވެސް ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ވަނީ ބުނެފަ އެވެ.

ނަމަވެސް މި ގްރޫޕުން ބުނަނީ ކޮރޯނާވައިރަސް ނޫނަސް ވަރަށް ގިނަ ވައްތަރުގެ ވައިރަސްތައް ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮންނާތީ ވީހާވެސް ސާފުތާހިރުކަން އިތުރުކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންގެ ގައިގައި ވެސް އަތްލުމަށްފަހު ރީއްޗަށް އަތް ދޮވުމަށާއި، ޖަނަވާރަށް ކާން ދޭން ގެންގުޅޭ ތަށި ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓޫމަށް ވެސް މި ގްރޫޕުން އިލްތިމާސް ކުރި އެވެ.

ހަފްމަން އަކީ ވެސް ދެ ބުޅާ އޮޅުކޮށްގެން ގެންގުޅޭ މީހެކެވެ. އޭނާ ބުނީ މިގޮތަށް ގޭގައި ވަކިން ގެންގުޅޭ ބުލަލަށް ވުރެ ނުރައްކާ ބޮޑީ އެކި ޝެލްޓާތަކުގައި ބޮނޑިއަކަށް ތިބޭ ބުޅާ ތަކަށެވެ.