ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑްގެ ކޭސްތައް ހޯދާ އެޕުން ފަޅާއެރީ ބޭވަފާތެރިން!

ސައުތު ކޮރެއާގެ ސަރުކާރުން ވަރަށް ކުރިއްސުރެ ވަނީ ކޮރޯނާވައިރަސް ކޭސްތަކުގެ ޕަބްލިކް ޑޭޓާބޭސް އެއް ގާއިމްކޮށްފަ އެވެ. މި ޑޭޓާބޭސް އިން އެ ގައުމުގައި ބަލި ޖެހުނު ކޮންމެ މީހެއްގެ މައުލޫމާތު ބެލޭނެ އެވެ. އަދި އެމީހާ ދިޔަ ތަންތަނާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް ޑޭޓާބޭސްގައި ރައްކާ ކުރެވިފައި ވެއެވެ.

މި ޑޭޓާބޭސްގައިވާ މައުލޫމާތުތައް އަބަދުވެސް އަޕްޑޭޓް ވަމުން ދެއެވެ. މިގޮތުން ރެކޯޑް ކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި އެމީހާ ދިޔަ ލޮކޭޝަންތަކާއި ކްރެޑިޓް ކާޑް ޓްރާންސެކްޝަންސް، މޯބައިލް ފޯން ސިގްނަލް ޑޭޓާ އަދި ސީސީޓީވީ ފުޓޭޖް ވެސް ހިމެނެ އެވެ.

ކޮވިޑް-19 ވަބާއިން ސަލާމަތްވާން ސައުތު ކޮރެއާއިން ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން މަސައްކަތް ކުރަމުންދިއުމުގެ ސަބަބުން އެ ގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން މަދުކުރެވިފަ އެވެ.

މި މައުލޫމާތުތަކުގެ އެހީގައި ދާދިފަހުން އެ ގައުމުގެ 19 އަހަރުގެ އައިޓީ ކިޔަވާ ދަރިވަރަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓީވްވާ މީހުން ޓްރެކް ކުރެވޭނެ އެޕެއް ތަރައްގީ ކޮށްފަ އެވެ. ނަމަވެސް މި އެޕުން ނުކުންނަމުން ދަނީ ހީނުކުރާ ކަހަލަ ނަތީޖާ ތަކެކެވެ.

މެޓްރޯ ޔޫކޭ ގައިވާ ރިޕޯޓެއްގައިވާ ގޮތުން "ދަ ކަންޓްރީ ދެޓް ބީޓް ދަ ވައިރަސް" ގެ ނަމުގައި ޗެނަލް 4 އިން ދެއްކި ޑޮކިއުމެންޓްރީ އަކުން ހާމަވި ގޮތުގައި ސައުތު ކޮރެއާގެ ކޮރޯނާވައިރަސް ޓްރެކިން އެޕުން އެކްސިޑެންޓަކުން ފަޅާ އަރަމުންދަނީ ބައިވެރިންނަށް މަކަރު ހަދާ މީހުންނެވެ.

މި ހައި-ޓެކް އެޕުން ފޯނުތަކުގެ ޖީޕީއެސް ބޭނުން ކޮށްގެން މައުލޫމާތު އެއްކުރެ އެވެ. އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމުންނާއި ސީސީޓީވީ ފުޓޭޖުން ވެސް އެމީހާ އުޅޭ ތަންތަން މޮނިޓާ ކުރަމުން ގެންދެ އެވެ.

"ބައެއް މީހުންގެ ވިސްނުން ރަނގަޅު ކަމުން އެވެނި މީހަކު މިވެނި ތަނަކުން ފެނުނޭ. އޭނާ ކީއްކުރަނީހޭ އެތަނުގަ. އޭނަގެ ގެ ހުންނަނީ މި ވެނި ހިސާބެއްގައިއޭ އޮފީސް ހުންނަނީ މިވެނި ތަނެއްގައޭ އެހެންވީމަ އޭނާ އެވެނި ގެސްޓް ހައުސް އެއްގައި ނުވަތަ މިވެނި ހޮޓަލެއްގައި އެ ކުރަނީ ކީއްހޭ ކިޔާ އެކި ކަންކަން ގުޅުވާލައިގެން އަސްލު ކަންތައް ވެގެން އުޅޭގޮތް ދެނެގަންނަނީ،" މި އެޕުން އެހާ ފަސޭހައިން މަކަރު ހަދާ މީހުން ފަޅާ އަރާގޮތް އޮޅުން ފިލުވައިދެމުން މި ޑޮކިއުމެންޓްރީގައި ވާހަކަ ދެއްކި މީހަކު ކިޔައިދީފައި ވެއެވެ.

މުޅި ގައުމު ލޮކްޑައުން އަކަށް ނުގޮސް ކޮރޯނާވައިރަހުގެ ވަބާ އިން ސަލާމަތްވާން ސައުތު ކޮރެއާއިން ކުރަމުންދާ މަސައްކަތް ކުރިޔަށް ގެންދާ ގޮތް ވެސް މި ޑޮކިއުމެންޓްރީގައި ކިޔައިދީފައި ވެއެވެ.

ބަލިޖެހިފައިވާ މީހަކު ފެނުމުން އެމީހާ އާ ގުޅުން ހުރި ހުރިހާ މީހުން ހޯދާ ގޮތާއި އެމީހުންގެ ފަރާތުން އިތުރު މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވުމުގެ އަސްލު މި ޑޮކިއުމެންޓްރީގައި ދައްކަ އެވެ.

އެ ގައުމުގެ ހޮސްޕިޓަލުތަކާއި ލެބޯޓްރީތައް އަދި ޓެސްޓް ސެންޓަރުތަކާއި އެތަންތަނުގައި މަސައްކަތްކުރާ ސައިންސްވެރިންނާއި ސިޔާސީ މީހުންގެ އިންޓަވިއުތައް ވެސް މި ޑޮކިއުމެންޓްރީގައި ހިމަނާފައި ވެއެވެ.

ބަލި ޖެހިފައިވާ މީހެއްގެ ޓްރެކް ރެކޯޑް ބެލެހެއްޓުމުން އޭނާ ދިޔަ ތަންތަނުން އޭނާއާ ބައްދަލުވީ މީހުން ހޯދަން ފަސޭހަވެ އެމީހުން ހޯދައި ޓެސްޓްކުރުން އަވަސް ކުރެވެ އެވެ. ބަލި މީހުން އިތުރުނުވެ ހިފެހެއްޓެނީ އެހެންވެ ކަމަށް ސައުތު ކޮރެއާގެ އޮފިޝަލުން މި ޑޯކިއުމެންޓްރީގައި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.