ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

38 މީހުން ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު 1000 މައްޗަށް

އިތުރު 38 މީހުން ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު 1000 މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދުވެސް 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ 29 ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގަލްދޭޝްއަށް ނިސްބަތްވާ އަށް މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1020 އަށް އަރާފަ އެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 46 މީހުންނެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ވައިރަހުގައި މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲވެސް ވަނީ އަވަހާރަވެފައެެވެ.