ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ލޮކްޑައުނުން ނުކުންނާނެ ޑިސިޕްލިން އެބަހުރިތަ؟

ކޮވިޑް-19 އާއެކު ހުރިހާ ކަމެއް ހުއްޓިފައިވާތީ، ދުނިޔެ މިއޮތީ "ނިމިފަ" އެވެ. އެކަމަކު ދުނިޔޭގެ ގައުމުތަކުގެ ތެރޭގައި ކޮވިޑް-19 ބޮޑަށް ފެތުރުުނު ގައުމުތައް ދެ މަަހެއްހާ ދުވަސް ފަހުން އެމީހުންގެ ލޮކްޑައުންގެ ހަރުކަށިކަން ދޫކޮށް މަޑުމަޑުން އާއްމު ދިރިއުޅުން ފަށާ މަންޒަރު މިހާރު ފެންނަން ފަށައިފި އެވެ. ވައިރަހުގެ ފުރަތަމަ ފޭހަށް ފަހު މުޅިން އެހެން ފޭހަކަށް އެ ގައުމުތައް އެ ހިޖުރަ ކުރަނީ އެވެ.

ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވުހާން އިން ފެށިގެން ޔޫރަޕުގެ ސްކޫލްތަކާއި ބާޒާރު ހުޅުވާލަނީ އެވެ. އެހެންނަމަވެސް އެމީހުން ތިބީ ރައްކާތެރި ފިޔަވަޅުތަކެއް އަޅައިގެންނެވެ. ޗައިނާގެ ވޫހާންގައި ސުކޫލްތައް ހުޅުވާލިއިރު އިޖްތިމާއީ ގައިދުރުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ކުދިންގެ ބޮލުގައި ހާއްސަ ތޮއްޕެއް އެޅުވި އެވެ. މާސްކް އާއި ސެނިޓައިޒާގެ ބޭނުން އާއްމު ކުރި އެވެ. ތޮއްޖެހުން ވީހާވެސް މަދު ކުރުމަށް ގައިދުރުކޮށް ކިއުކުރަން ވީގޮތް ދައްކާ ނިޝާންތައް ބޭނުން ކުރި އެވެ.

އިންފެކްޝަން ރޭޓް ދަށްވެ، ހޮސްޕިޓަލަށް ދާންޖެހުން އަދި މަރުތައް އެ ގައުމުތަކުގައި މަދުވި ކަމުގައި ވިއަސް ކޮވިޑް-19 އަކީ އަދި ޝިފާއެއް ނެތް ބައްޔެކެވެ. އަދި އާއްމު ހާލަތަަށް އަވަސް އަރުވާލައިގެން ދާން އުޅެން ހަދައިގެން ބަލިފެތުރުމުގެ ރިސްކް އެބައޮތް ކަން އެމީހުން ދަނެ އެވެ. ބައެއް ގައުމުތަކުގައި ލޮކްޑައުން ހަރުކަށިކަން ދޫކޮށްލުމުން ކޮންމެވެސް ވަރަކަށް އިތުރު ކޭސް އައިސްފައި ވެއެވެ. އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނެވެ.

ރާއްޖޭގައިވެސް ލޮކްޑައުން ނިމިގެން ދެން އަމަލު ކުރާނެ އުސޫލް ކަނޑައަޅާ ވާހަކަތައް ދައްކަން ފެށުނީ އެވެ. ސްކޫލްތަކުގެ ދަންފަޅިތަކަށް ބަހާލައިގެން ކިޔަވައިދޭން ޖެހިދާނެ ވާހަކަ އެވެ. ރިސޯޓްތައް އަލުން ޓުއަރިސްޓުންނަށް ހުޅުވާލުމުގެ ޕްލޭންތަކެވެ. އަދި އެންމެ ގިނަ މީހުންނަށް ކެތް މަދުވެފައި ކުރާ ސުވާލަކަށް ވެގެން އުޅެނީ "ދެން ކޮންއިރަކުހޭ އަހަރުމެން ކުރީގެ ދިރިއުޅުމަށް ދެވޭނީ" މި ސުވާލެވެ.

އެހެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނަނީ ކުރީގެ ދިރިއުޅުމެއް ދެނެއް ނުލިބޭނެއޭ އެވެ. ދާން ޖެހެނީ މުޅިން އާ ނޯމަލް އަކަށެވެ. އެހެންވީމާ ރާއްޖޭގައި ލޮކްޑައުންގެ ހަރުކަށިކަން ދޫކޮށްލާ އާއްމު ހާލަތަށް ދިއުމުގެ ޑިސިޕްލިން އެބަހުރިތޯ އެއީ ވެސް ކުރުން ރަނގަޅު ސުވާލެކެވެ. ދިރިއުޅުމުގައި ކޮންމެކަމެއްގެ ކާމިޔާބީއަކީ އެ ކަމައްގައި ގެންގުޅޭ ޑިސިޕްލިން އެވެ.

ދިވެހިންގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޯ ނުލަނބައިގެން ކުރި ޖޫރިމަނާއިން އެނގިގެން ދަނީ އަދި އަަހަރުމެންގެ އެފަދަ ޑިސިޕްލިން ވަރަށް ދަށް ކަމެވެ. ބައެއް މީހުނަށް އިރުޝާދުތަކުގެ އަޑެއް ނީވެއެވެ. އުޅޭނެހާ ގޮތަކަށް ބޭރުގައި އުޅެނީ އެވެ. އެއްބަޔަކު މަސްދަތުރާއި ޕާޓީތަކުގައެވެ. ކެފޭތަށް ބަންދު ކުރީމަ ކޮފީ ބުއިމަށް ޓޭކްއަވޭ ގަތުމުގަ އެވެ. ދެން ލޮކްޑައުން ކުރީމަ ތަށިބަރި ބަހަނީ އެވެ. މިހެން ގޮސް އެތައް ކަމެއް އެބޮއެތެވެ.

ކަން މިހެން އޮތް އިރު އަހަރުމެން ދަންނަންޖެހޭ ހަގިީގަތަކީ މިކަމުން އަރައިގަނެވޭނީ އެއްމެން އެކީގައި މަސައްކަތް ކޮށްގެނެވެ. އަމިއްލަ ފައިދާއަށް ވުރެ ބޮޑަށް ގައުމިއްޔަތު ކުރިއަރުވައިގެނެވެ. ކަމާބެހޭފަރާތްތަކުގެ އިރުޝާދު ރަނގަޅަށް އަޑުއަހައިގެންނެވެ. ޑިސިޕްލިންޑް ލައިފްސްޓައިލްއަކަށް މީހާގެ ލައިފްސްޓައިލް ބަދަލު ކޮށްގެންނެވެ.

އަލިމަގެއް އަހަރުމެންނަށް ފެންނާން އޮތީ ސޯޝަލް މީޑިއާގެ ފިތުނަ އާއި ހިތްނުތަނަވަސް ކަން ފެތުރުމުގެ ބަދަލުގައި ސައްހަ މައުލޫމާތާއެކު އެއްބަޔަކު އަނެއް ބަޔަކަށް ހިއްވަރުދީގެންނެވެ. އަވަސް އަރުވާ ނުލައި ހަމަޖެހިލައިގެން ކަންކަން ރޭވުންތެރިކަމާއި ވަކި އިންތިޒާމްތަކެއްގެ ތެރޭގައި ބަހައްޓައިގެން ކޮށްގެންނެވެ. ދަތިއުނދަގޫ ވަގުތުތަކަކީ އަހަރުމެންގެ ތެރޭގައި ބައިބައިވެ ތަފާތުކުރުމުން އެއްކިބާވެ، އެކަކު އަނެކަކަށް ވާގިވެރިވެ އަދި އޯގާތެރިކޮށްހިތާ މަސައްކަތްކޮށްގެން މެނުވީ މިކަމުން އަހަރުމެންނަށް އަރައި ނުގަނެވޭނެ އެވެ.