ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވޫހާންގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި ޓެސްޓުކޮށްފި

May 16, 2020

ވޫހާން (މެއި 16) - ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ދިރިއުޅޭ އާބާދީގެ ތެރެއިން މިދިއަ މަހުން ފެށިގެން މިހާތަނަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޓެސްޓު ކޮށްފައިވާކަމަށް ބުނެފި އެވެ.

ވޫހާން ސިޓީގައި އެޅި ލޮކްޑައުން އުވާލިތާ މަސް ދުވަސް ފަހުން، އެ ސިޓީން އެ ބަލީގެ ކްލަސްޓާއެއް ފެނުމާ ގުޅިގެން، އެ ސިޓީގައި ދިރިއުޅޭ 11 މިލިއަން މީހުން ބައްޔަށް ޓެސްޓު ކުރުމުގެ ޕްލޭނަށް ދަނީ އަމަލު ކުރަމުންނެވެ. އެގޮތުން، މިދިއަ މަހުން ފެށިގެން މިހާރު ވެސް އާބާދީގެ ތިން ބައި ކުޅަ އެއްބައި ޓެސްޓުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ޗައިނާ ސަރުކާރުގެ އަމާޒަކީ، ބައްޔަށް ޕޮޒިޓިވް، އެކަމަކު އަލާމާތްތައް ނުފެންނަ މީހުން ދެނެގަތުމެވެ. މިދިއަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، ކޮވިޑް-19 އިގެ އެއްވެސް އާ ކޭހެއް ފެނިފައި ނުވި ނަމަވެސް، މިދިއަ ހަފުތާ ބަންދުގައި އެ ސިޓީން ހަ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެ ހަ މީހުނަކީ ވެސް އެއް އިމާރާތެއްގައި ދިރިއުޅޭ މީހުން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އެ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ވެސް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ ބުންޏެވެ.

ވޫހާން ސިޓީން އާ ކޭސްތަކެއް ފެނިފައި މިވަނީ، ޗައިނާގެ އެކި ހިސާބުތަކުގައި އެތަކެއް މަސްތަކެއް ވަންދެން ބަންދުކޮށްފައިވާ ސިނަމާތަކާއި، މިޔުޒިއަމް ފަދަ ތަންތަން މަޑުމަޑުން ހުޅާލުމަށް ސަރުކާރުން ނިންމައި، އެކަން އިއުލާނު ކޮށްފައި ވަނިކޮށެވެ.

ވޫހާނުން އިން އަނެއްކާ ވެސް ބަލި ޖެހިފައިވާ މީހުންގެ ކްލަސްޓާއެއް ފެނުމާއެކު، މުޅި ގައުމުގައި އަނެއްކާ ވެސް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ޗައިނާގައި މިހާތަނަށް ކޮވިޑް-19 ޖެހުނު ކަމަށް ރަސްމީކޮށް ރިޕޯޓު ކޮށްފައިވާ އަދަދަކީ 82،933 މީހުނެވެ. އަދި އޭގެ ތެރެއިން، މިހާތަނަށް 4،633 މީހުން ވަނީ މަރުވެފަ އެވެ.