ދުނިޔެ

އަފްޣާނު ހޮސްޕިޓަލަށް ހަމަލާދިނީ އައިއެސް: އެމެރިކާ

May 16, 2020

ވޮޝިންގްޓަން (މެއި 16) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ހޮސްޕިޓަލަކަށް މިދިއަ އަންގާރަ ދުވަހު ހަމަލާދިނީ ތާލިބާނުން ނޫން ކަމަށާއި، އެ ހަމަލާގެ ފަހަތުގައި ތިބީ އިސްލާމިކް ސްޓޭޓްކަމަށް އެމެރިކާއިން ބުނެފި އެވެ.

ހަމާލާގައި މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އަލަށް ވިހޭ ތުއްތު ކުދިންނާއި، އަންހެނުންގެ އިތުރުން މެޓާނިޓީ ވޯޑުގައި މަސައްކަތް ކުރާ ނަރުހުން ހިމެނެ އެވެ.

މަންޒަރު ދުށް ބައެއް މީހުނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހޮސްޕިޓަލަށް ހަމަލާދިން މީހުން ތިބީ ފުލުހުންގެ ޔުނީފޯމު އަޅައިގެނެވެ. އަފްޣާނިސްތާނުގެ ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު އެތައް ގަޑިއިރަކަށް ދިގު ދެމިގެންދިއަ ކުރިމަތިލުންތަކަށް ފަހު، ހަމާލާގައި ބައިވެރިވި ހުރިހާ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލަށް ހަމަލާއާ ދާދި އެއް ވަގުތެއްގައި، ފުލުހުންގެ އިސް ކޮމާންޑަރެއްގެ ޖަނާޒާއަށް ދިން ބޮމުގެ ހަމަލާއެއްގައި ވެސް 24 މީހުން ވަނީ މަރުވެފަ އެވެ. އެ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގައިފަ އެވެ.

ހޮސްޕިޓަލު ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައި ނުވި ނަމަވެސް، އަފްގާނިސްތާނުގެ ސަރުކަރާއި ތާލިބާނުންނާމެދު ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ޒަލްމޭ ހަލީލުޒާދު ވިދާޅުވީ ޖަނާޒާއަށް ދިން ހަމަލާގެ އިތުރުން ހޮސްޕިޓަލު ހަމަލޭގެ ފަހަތުގައިވެސް ވަނީ އައިސިސް ކަމަށެވެ.

އަދި އެ ހަމަލާތަކުގެ މަގުސަދަކީ ސުލްހަ ގާއިމުކުރުމުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށާއި، އެކަން ކާމިޔާބުވެ ނުދިނުމަށްވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.