ޅެންވެރިކަމުގެ އާ ހުނަރު ދަސްކޮށް ދޭނެ ކޯހެއް ފަށަން ނިންމަވައި މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމް އެކަން އިއުލާން ކުރައްވައިފި އެވެ.
މި މަހުގެ 25 ގައި ފަށާ މި ކޯހަކީ ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރާއި އާ ޒަމާނުގެ އުކުޅުތައް ކިޔަވައިދޭ ގޮތަށް ފަރުމާ ކޮށްފައިވާ އަދި "ބަލާޣަތުގެ އިލްމު" ހިމަނައިގެން ހިންގާނެ ކޯހެކެވެ.
މިއީ ރާއްޖޭގެ ޅެން ކޯހެއްގައި ބަލާޣަތުގެ އިލްމު ހިމަނާ ފުރަތަމަ ފަހަރެވެ. މި ކޯހުގެ މުގަރައްރު ލިޔެ އެކުލަވައިލައްވާ ކިޔަވައި ދެއްވާނީ ވެސް ލިޔުންތެރި، ޅެންވެރިޔާ ނަސީރެވެ.
ނަސީރުގެ މި ކޯސް ފަށާއިރު ކުރީގެ ދިވެހި ބަހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން އެންމެ ފަހުން ހިންގި އަސާސީ ޅެންކޯހުގެ މުގައްރަރު ލިޔުއްވައި އެކުލަވައިލެެއްވީ ވެސް އޭނާ އެވެ. އެ ކޯހުގައި ނަސީރު ކިޔަވައި ވެސް ދެއްވި އެވެ. މީގެ އިތުރުން ޒާދު އެކަޑެމީއާ ގުޅިގެން އޭނާ ވަނީ ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދޭ ދަރަޖަ އެކެއްގެ ކުލާސްތަކެއް ވެސް ހިންގަވާފަ އެވެ.
މި ފަހަރުގެ ހިންގާ ދަރަޖަ ދޭއްގެ 20 ގަޑި އިރުގެ އޮންލައިން ކޯހާ ބެހޭ ގޮތުން ކުރުކުރުކޮށް އަވަސް އަށް ޖަވާބެއް ދެއްްވައި ނަސީރު ވިދާޅުވީ އާ ކޯހުގައި އަދަބީ ގޮތުން ޅެންވެރިކަން ރީތި ކޮށްލައިދޭ އުކުޅުތަކުގެ އިލްމުތައް ކަމަށްވާ ބަލާޣަތުގެ އިލްމުގައި ހިމެނޭ އިލްމުލްމައާނީ އާއި އިލްމުލްބަދީއު އާއި އިލްމުލްބަޔާން އަދި ޅެންވެރިކަމަށް ހާއްސަ އިލްމުލްގާފިޔާ ފަދަ ބައިތައް ހިމަނާފައި ވާނެ އެވެ.
"ހަގީގަތުގައި ދިވެހީންގެ އިހުގެ ގިނަ ޅެންވެރީންނަކީ އިލްމުވެރި އުސްތާޒުންތަކެއް. އެބޭފުޅުންގެ ޅެންތަކުގައި މި އުސޫލުތައް ހުރުން އެއީ އެ ޅެންތައް މޮޅުވާ އެއް ސަބަބު... ނަމަވެސް ފަހަކަށް އައިސް [ރާއްޖޭގައި] އެ ފޭރާން ތަންކޮޅެއް ދަށްވެއްޖެ ކަމަށް [އަޅުގަނޑަށް] ވިސްނުނީ. އެހެންވީމާ ހިތަށް އެރީ މި ޒަމާނުގެ ޅެންވެރީންނަށް މި އުސޫލުތައް ކިޔަވައިދެވިއްޖެ ނަމަ ފޭރާން ހެޔޮ ޅެންތަކެއް ދިވެހި ބަހުން ވެސް ފެންނާނެއޭ. އެހެންކަމުން މީ ޅެން ހަދާ މީހުން ޅެންވެރީންނަށް ބަދަލުކޮށް ދޭނެ ކޯހެއް،" ނަސީރު ވިދާޅުވި އެވެ.
މި ކޯހުގައި ބައިވެރިވާ ބޭނުން މީހުނަށް ނަސީރު އޮފިޝަލް ފޭސްބްކް ޕޭޖާއި ޒާދު އެކަޑެމީގެ ފޭސްބްކް ޕޭޖުން ފޯމް ލިބޭނެ އެވެ.
ނަސީރަކީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރާއެކެވެ. އަދި ކޮލެޖު ޔުނިވާސިޓީތަކުގެ މާސްޓާސް ލެވެލްގެ ކުލާސްތަކަށް ޅެންވެރިކަން ކިޔަވައި ދެއްވާ ބޭފުޅެކެވެ. ބައިނަލްއަގުވާމީ ބައެއް ޕްލެޓްފޯމްތަކާއި ފެސްޓިވަލްތަކުގައި ޅެން ހުށަހަޅުއްވަމުން ވެސް ގެންދަވާ ނަސީރަކީ ރާއްޖޭ އާ ޒަމާނުގެ އެންމެ ފާހަގަ ކޮށްލެވޭ ޅެންވެރިޔާއަށް ވެފައި ވެއެވެ.
އޭނާގެ ވަރަށް ގިނަ ޅެންތަކަކީ ރާއްޖޭގައި ވަރަށް މަގުބޫލު، ފާހަގަ ކޮށްލެވޭ ޅެންތަކެވެ. އޭގެ ތެރޭގައި ދޮންބަންޑާރައިންގެ ގައުމީ ޖިހާދާއި މިނިވަން ފަންސާހުގެ ލަވަ އާއި ޖުމްހޫރީ ފަންސާހުގެ ލަވަ އާއި އަދި ކޮންމެ ރޯދަމަހަކު އެންމެ ގިނައިން އަޑު އިވޭ "ނަފުސު ހޭލައްވާލަދޭށޭ އަންނަނީ ރަމަލާން ކަރީމް" ފަދަ އެތައް ޅެމެއް ފާހަކޮށްލެވެ އެވެ.
އޭނާގެ އެތައްކެއް ސަތޭކަ ޅެންތަކުގެ ތެރެއިން ބައެއް ޅެންތައް އެކޮށްލައްވައި "ކާއިނާތުގެ ހިލަން" ގެ ނަމުގައި ދާދި ފަހުން ޅެން ފޮތެއް ނެރުއްވާފައި ވެސް ވެއެވެ.