ހަބަރު

ނަސީރުގެ އަދަބީ ހަރަކާތުގެ ދެ ޕްރޮގްރާމެއްގެ ދަސްވެނިވުން ބާއްވައިފި

Jan 26, 2021
1

އާދަމް ނަސީރު އިބްރާހީމް އޮންލައިންކޮށް ކުރިޔަށް ގެންދާ އަދަބީ ހަރަކާތުގެ ތެރޭން ދެ ޕްރޮގްރާމެއްގެ ދަސްވެނިވުން ބާއްވައިފި އެވެ.

ރޭ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ދަސްވެނިވީ ވާހަކަ ދެއްކުމުގެ މަތީފެންވަރުގެ ހުނަރުތައް ދަރަޖަ 1 ގެ ފަސްވަނަ ބުރާއި ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް ދަރަޖަ 1 ގެ ހަވަނަ ބުރުގެ ބައިވެރީންނެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ ޑރ މުހަންމަދު އުމަރެވެ. އޭނާގެ ވާހަކަފުޅު ބިނާ ކުރެއްވީ ފޮތް ކިޔުމުގެ ހުނަރު އާލާ ކުރަން ފެންވަރު ހުރި ރަނގަޅު އަދަބީ އުފެއްދުންތައް އުފެއްދުމުގެ އަހަންމިއްޔަތާއި އެ ފަދަ އުފެއްދުންތަކުގެ ސިފަތަކުގެ މައްޗަށެވެ.

ދިވެހި ބަސް ކުރި އެރުވޭނީ ޒަމާނީ ވަސީލަތްތަކާ ބަސް ރައްޓެހިކޮށް ކިޔަވައިދިނުމުގައި އެ ގޮތްތައް ބޭނުން ކޮށްގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ބަހެއް ދިރިގެން އައުމުގައި އެ ބަހެއް ބޭނުންކުރާ މިންވަރާ އަދި އެ ބަހަކުން އުފައްދާ އުފެއްދުންތަކުގެ ފެންވަރު ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ވިދާޅުވި އެވެ.

ރޭ އާދަމް ނަސީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ކްލާސްތަކުގެ އެއް މަގުސަދަކީ ދިވެހި އަދަބިއްޔާތު އޭގެ މަތީފެންވަރުގައި އުނގަންނާދިނުންކަން ފާހަގަ ކުރެއްވި އެވެ. އެ ގޮތުން އިހުގެ މޮޅު އަދީބުންގެ ކިބައިން ފިލާވަޅު ލިބިގަތުމާއި ޒަމާނީ އާ ހުޅުވުންތަކަށް ދަރިވަރުން ހުޅުވައި ހޭނުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

ސިވިސް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ޑރ އަލީ ޝަމީމާއި މަޝްހޫރު ދެ އަދީބުން ކަމުގައިވާ އުތީމު އާދަމް އަބްދުއްރަހްމާނާއި މުހަންމަދު ޝާހިދު ހަލީމު ފަދަ އެތައް ބޭފުޅުންނެއް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ބައިވެރީންގެ ސުވާލުތަކަށް ޝަރަފުވެރި މެހުމާނު ޖަވާބު ދެއްވާފައި ވެއެވެ.