ހަބަރު

ޝިމްހާގަށް އިންސާފު ލިބޭނެކަމުގެ އުއްމީދެއް

ދިވެހި އާޓިސްޓެއް ކަމަށްވާ އަލީ ޝިމްހާގުގެ ކުރެހުމެއް އޭނާގެ ހުއްދަ ނުހޯދައި ހޮލީވުޑްގެ ލަވަކިޔުންތެރިޔާ އެރަން ކާޓާ ބޭނުންކުރި މައްސަލާގައި ޝިމްހާގަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް އާވެއްޖެ އެވެ.

ސިންގާއެއް ފެންނަ ގޮތަށް ޝިމްހާގު އުފެއްދި ޑިޖިޓަލް އާޓްވޯކެއް އެރަން ކާޓާ އޭނާގެ މާޗަންޑައިޒް އާއި އެނޫން ވެސް ތަންތަނުގައި ބޭނުންކުރި މައްސަލަ ފެންމަތިވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އާޓްވޯކް ކޮޕީ ކުރި މައްސަލަ ޝިމްހާގް އެމެރިކާގެ ކޯޓަކަށް ހުށަހެޅީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އޭނާ އެ މައްސަލަ ކޯޓަށް ވެއްދީ ނިއުޔޯކްގެ ލޯ ފާމްއެއް ކަމަށްވާ ލީބޮވިޓްސް ލޯ ފާމާއި ދިވެހި ވަކީލުން ކަމަށްވާ ހަމްޒާ ހަލީލާއި އައިޝަތު ޝައިފާއާ ގުޅިގެނެވެ.

އެރެން ކޮޕީ ކުރީ ހަމައެކަނި ޝިމްހާގްގެ އާޓްވޯކް އެކަންޏެއް ނޫނެވެ. އެގޮތުން ޖޯނަސް ޖޮޑިކޭ ނަމަކަށް ކިޔާ އާޓިސްޓަކު ކުރެހި އާޓްވޯކެއް ކޮޕީ ކުރި މައްސަލައެއް ވެސް ފެންމަތިވެ އެރަން މިދިޔަ މަހު ވަނީ ޖޯނަސް 12،500 އެމެރިކާ ޑޮލަރުގެ ބަދަލެއް ދީފަ އެވެ.

"އަޅުގަނޑު އޭނާ ގޮވައިގެން ކޯޓަށް ގޮސް ދޮޅު އަހަރު ފަހުން ފައިސާ ދޭން ކޯޓުން ބޭރުގައި އެރަން އެއްބަސްވީ،" ޖޯނަސް ބުނެފައި ވެއެވެ.

ޖޯނަސްއަށް ބަދަލު ލިބުމާއެކު ޝިމްހާގަށް ވެސް ލިބުނު ގެއްލުމުގެ ބަދަލު ލިބޭނެ ކަމުގެ އުއްމީދު އާވެއްޖެކަަމަށް ޝިމްހާގް މިއަދު އަވަސްއަށް ބުންޏެވެ.

"ޖޯނަސްއަކީ ވެސް އަޅުގަނޑުގެ ރައްޓެއްސެއް. އަޅުގަނޑު ކޯޓަށް ހުށަހެޅި މައްސަލާގައި ފަނޑިޔާރު ގޮތެއް ނިންމުމުގެ މަގުމަތީގައި އޮތީ. މިހާރު އުއްމީދު ވަަރަށް ބޮޑަށް އާވެއްޖެ އިންސާފު ލިބޭނެ ކަމުގެ" ޝިމްހާގް ބުންޏެވެ.