އެމްޑަބްލިއުއެސްސީ

ބޮޑު ޕްރޮޖެކްޓަކަށް ފެން ކުންފުނިން ދިވެހި އާޓިސްޓުން ހޯދަނީ

މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އާޓިސްޓުން ހޯދަން އިއުލާނު ކޮށްފި އެވެ. ފެން ކުންފުނިން ހޯދަނީ ދިވެހި އާޓިސްޓުންނެވެ.

އެ ކުންފުނިން މިއަދު ބުނީ، ރާއްޖޭގައި އާޓްގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހުން، ހާއްސަކޮށް ރާއްޖޭގެ ރީތި ކަމާއި ސަގާފަތާއި ގުޅޭ އާޓަށް ޝައުގުވެރިކަން ހުންނަ އާޓިސްޓުން ހޯދަން ބޭނުންވާ ކަމަށެވެ. އަދި ބުނީ އެ ކުންފުނިން އަލަށް ތައާރަފުކުރާ އުފެއްދުމެއްގެ ބޭނުމަށް ދިވެހި އާޓިސްޓުންނަށް ފުރުސަތު ހުޅުވާލާއިރު އެ އުފެއްދުމަކީ ރާއްޖޭގެ އިތުރުން ބޭރުގެ މާކެޓަށް ވެސް ތައާރަފު ކުރާނެ އުފެއްދުމެއް ކަމަށެވެ.

މި ފުރުސަތުގެ ސަބަބުން ޒުވާން ދިވެހި އާޓިސްޓުނަށް ރާއްޖެ އަދި ބޭރުގެ މާކެޓުގައި އަމިއްލަ ހުނަރު ދައްކައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުނި އިރު އިނާމާކަށް 30،000 ރ. ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ކުންފުނީގެ އަމާޒަކީ މުޅި އެ ޕްރޮޑަކްޓް އުފެއްދުމާއި، ޑިޒައިނިން އަދި މެނުފެޗަރިން ގައި ދިވެހި އާޓިސްޓުން ބޭނުން ކުރުން." ފެން ކުންފުނިން ބުންޏެވެ.

ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތުތަކަކަކީ، ދިވެއްސަކަށް ވުމާއި މަދުވެގެން އާޓްގެ 15 ޕްރޮޖެކްޓް ނިންމުމަށްފަހު ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން، އިންސްޓަގްރާމްގައި އާޓް ޕޭޖެއް ހިންގުމާއެކު މަދުވެގެން 200 ފޮލޯވަރުން ތިބުމެވެ.

ފެން ކުންފުނިން ބުނީ އަލަށް ތައާރަފްކުރާ އެ އުފެއްދުން ކައިރި މުސްތަގުބަލެއްގައި އިއުލާން ކުރާނެ ކަމަށާއި، އެޔާއި ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ޝައުގުވެރިވާ ދިވެހި އާޓިސްޓުން މިމަހުގެ 16 އިގެ ކުރިން ޕޯޓްފޯލިއޯ އާއި އެކީ ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ.