ފަންނު

"އަންވެއިލިން ވިޝަންސް" ގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން ބާއްވާ ކޮންޓެމްޕަރަރީ އާޓް އެގްޒިބިޝަން، "އަންވެއިލިން ވިޝަންސް 2021" ގައި ބައިވެރި ވާން ފުރުސަތު ހުޅުވާލައިފި އެވެ.

އަންވެއިލިންގް ވިޝަންސް އަކީ ރާއްޖޭގެ ބާއްވާ އަދި ފަސް އަހަރުވެފައިވާ އެންމެ ބޮޑު އާޓް އެގްޒިބިޝަނެވެ. ގުރޫޕް އެގްޒިބިޝަނެއްގެ ގޮތުގައި ބާއްވާ މި އެގްޒިބިޝަންގައި މިއަހަރު 80 އާޓިސްޓުންގެ މަަސައްކަތް ދައްކާލުމަށް ނިންމާފައިވާ ކަމަށް އާޓިސްޓް ކޮމިއުނިޓީން ބުންޏެވެ.

އެގްޒިބިޝަންގައި ބައިވެރިވުމަށް އާޓިސްޓުން ހޮވަނީ ހުނަރާއި އާޓިސްޓް ޕްރޮފައިލް އަދި ކުރީގެ ތަޖުރިބާ އާއި މަސައްކަތަށް ބެލުމަށްފަހު އެވެ.

މިދިއަ ތިން އަހަރު ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ މި އެގްޒިބިޝަނަކީ އާޓިސްޓުން ވެސް ވަރަށް އުއްމީދު ކުރާ އެގްޒިބިޝަނެކެވެ. އާޓިސްޓް ކޮމިއުނިޓީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އިފްހާލް އަހުމަދު ވިދާޅުވާ ގޮތުގައި އެގްޒިބިޝަންގައި ބައިވެރިވާން ހުޅުވާލަނީ 15 އަހަރުން މަތީގެ ކޮންމެ އާޓިސްޓަކަށެވެ.

އޭނާ ވިދާޅުވީ ހަފުތާއެއްހާ ދުވަސް ތެރޭ ގިނަ އެޕްލިކޭޝަންތައް ލިބިފައިވާއިރު ގަސްދުކޮށްފައި ވަނީ މި އަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ހިސާބުގައި އެގްޒިބިޝަން ބާއްވާށެވެ.

"އަންވެއިލިންގ ވިޝަންސްއަކީ ކާމިޔާބު އެގްޒިބިޝަނެއް. ވަރަށް ގިނަ އާޓިސްޓުން ލުކްފޯވާޑް ކުރާ އިވެންޓެއް. ތަޖުރިބާ ހުރި އާޓިސްޓުންގެ މަސައްކަތްތަކާއި އަލަށް ނުކުންނަ އާޓިސްޓުން ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް މިއީ" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ އެގްޒިބިޝަން ގައި ބައިވެރިވާން ހުޅުވާލާފައިވ ކެޓަގަރީ ތަކަކީ ޑްރޮވިން އާއި ޕެއިންޓިން އާއި ޑިޖިޓަލް އާޓާއި ސްކަލްޕްޗާ އިންސްޓޮލޭޝަން އާއި ކެލިގްރެޕީ އާއި މިކްސް މީޑިއާ އެވެ. ޝައުގުވެރިވާ ފަރާތްތަކަށް ފޯމް އޮންލައިންކޮށް ހުށަހެޅެ އެވެ.
އެޕްލިކޭޝަން ހުށެހެޅުމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 16 ވަނަ ދުވަހެވެ.