ޅެންވެރިކަން

ޅެންވެރިކަމުގެ ދަރިވަރުން ދަސްވެނިވެއްޖެ

މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހީމް ކުރިޔަށް ގެންދަވާ ޅެންވެރިކަމުގެ މަތީ ފެންވަރުގެ ހުނަތައް އުނގަންނާދޭ ޕްރޮގްރާމުގެ އާ ބެޗެއްގެ ދަސްވެނިވުން ބާއްވައިފި އެވެ.

އާދަމް ނަސީރު އިބްރާހީމްގެ "އަދަބީ އުފާ" މި ޝިއާރުގެ ދަށުން އޮންލައިންކޮށް ކުރިޔަށް ގެންދާ އަދަބީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގެ މި ފަހަރުގެ ބުރުގައި ވެސް 25 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުތައް ކުރިޔަށް ގެންދެވެނީ ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ތެރޭގައި ނަސީރު އުނގަންނަވާދެއްމުންދާ އަދަބިއްޔާތު ރީތިކުރުމުގެ އިލްމުތައް ހިމަނައިގެންނެވެ.

ފަނަރަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދެވުނު މި ފަހަރުގެ ޕްރޮގްރާމުގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވީ ނިޝާން އިއްޒައްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ސޯދިގެވެ. މީގެ އިތުރުން ވެސް އަދަބީ ދާއިރާގެ ބައެއް އިސް އުސްތާޒުންނާއި އަދަބަށް ލޯބިކުރައްވާ އެހެން ބައެއް ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލްވުމުގައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި ދިވެހި ޅެންވެރިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި ދަރިވަރުން ހިންމަތާއެކު ދެމިތިބުމަށް އިރުޝާދު ދެއްވައި ހިތްވަރު ދެއްވިއެވެ. އަދި ދިވެހި ރައިވަރުގެ ދުނިޔެއަށް ޅެންވެރީން ނިކުތުމަށް އެދިވަޑައިގަތެވެ. ސާދިގު ވިދާޅުވީ ނަސީރުގެ އަދަބީ އުފަލަކީ އެކަމަށް އޮތް ރަނގަޅު މަންސައެވެ.

"އަޅުގަނޑުގަނޑަށް ދެންނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އަޅުގަނޑުގެ ލޮބުވެތި ދަރިވަރު އާދަމް ނަސީރު އިބްރާހީމަކީ މިހާރު ރާއްޖޭގައި ހުންނެވި އެންމެ މޮޅު ޅެންވެރިޔާ." ނަސީރުގެ އަދަބީ ހިދުމަތްތަކުގެ ފެންވަރާ މެދު ވާހަކަފުޅު ދައްކަވަމުން ސޯދިގް ވިދާޅުވިއެވެ.

ނަސީރުގެ މި ޕްރޮގްރާމަކީ ޖުމުލަ 50 ގަޑި އިރުގެ މައްޗަށް އެކުލެވޭ ޕްރޮގްރާމެކެވެ. މި ގަޑިތަކުގައި ރާއްޖޭގެ މަޝްހޫރު އެކި ޅެންވެރިން ބައިވެރީންނަށް ތަގުރީރުކޮށްދެއްވައެވެ. މި ގޮތުން މި ފަހަރުގެ ޕްރޮގްރާމުގައި ކުޅަދާނަ ޝާއިރު އުތީމު އާދަމް އަބްދުއްރަހްމާނު ވަނީ ތަގުރީރުކޮށްދެއްވާފައެވެ. އަދި ދިވެހި ފަރިއްސާއި ރައިވަރުގެ ތަޖުރިބާކާރެއްކަމުގައިވާ ފިއްލަދޫ ގާސިމް މުހަންމަދު ވެސް ވަނީ ބައިވެރީންނަށް މައުލޫމާތުދެއްވާފައެވެ.