މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހީމަށް ހާއްސަ ވެބްސައިޓަކާއި ޔޫޓިއުބް ޗެނަލެއް އިފްތިތާހު ކޮށްފި އެވެ.
ދިވެހި އަދީބުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މި އިލްމުވެރިޔާގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލް އިފްތިތާހު ކޮށްފައި ވަނީ އޭނާ ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ބައެއް ޅެން އެއްކޮށްލައި "ކާއިނާތުގެ ހިލަން" ގެ ނަމުގައި ނެރުނު ޅެން ފޮތުގެ އީ-ވާޝަން ރާއްޖޭގެ އިސް އަދީބުންނަށް ވެދުން ކުރަން ރޭ ބޭއްވި ހަފުލާއެއްގަ އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ހަފުލާގައި ނަސީރުގެ ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ސޯދިގެވެ. ނަސީރުގެ ޔޫޓިއުބް ޗެނަލް އިފްތިތާހު ކޮށްދެއްވީ ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ނަސީރު ރޭ ވިދާޅުވީ އޭނާގެ ވެބްސައިޓްގައި ކުރިން އޭނާ ލިޔުއްވާފައިވާ ގިނަ ލިޔުންތައް ފެންނަން ހުންނާނެ ކަމަށެވެ.
"ވެބްސައިޓްގެ ހާއްސަ ކަމެއް ފާހަގަ ކޮށްލާނަމަ އެއްކަމަކީ ވެބްސައިޓްގައި ފޯރަމެއް އޮންނާނެ، އެ ފޯރަމް މެދުވެރިކޮށް ދިވެހި ބަހާއި ދިވެހި ސަގާފަތާ ބެހޭ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ. އަދި އެ ސުވާލުތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޖަވާބު އެރުވޭތޯ ބަލާނަން." ނަސީރު ވިދާޅުވި އެވެ.
މީގެ އިތުރުން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ދިވެހި ބަހާބެހޭ އާންމު ހަމަތަކާއި ގަވާއިދުތަކަށް އަހުލުވެރި ކުރުވަން ތަފާތު ވީޑިއޯތައް ގެނެސްދޭނެ އެވެ. އަދި ދިވެހި ސަގާފަތާއި ތާރީހާ ބެހޭ ބައެއް މައުލޫމާތާއި މުއާމަލާތު ކުރުމުގެ ހުނަރުތައް ބުނެދޭ ވީޑިއޯތައް ވެސް ހިމަނާނެ އެވެ.
ކުރީގެ އުއްތަމަފަނޑިޔާރު، އަބްދުﷲ ފަހުމީ ދީދީ އެކުލަވާލެއްވި "ގިޔާމަތު ނާމާ" ގެ އެޕިސޯޑްތައް ވެސް ނަސީރުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބެލޭނެ އެވެ. އެ ސިލްސިލާގައި މިހާރު ބާކީ އޮތީ ދެ އެޕިސޯޑެވެ.
މީގެ އިތުރުން އިހުގެ އިލްމީ އަދަބީ ތަފާތު އުފެއްދުންތައް މިހާރުގެ ދަރިވަރުންނަށް ދޭހަވާނެ ގޮތަށް އެ ޗެނަލް މެދުވެރިކޮށް ގެނެސްދޭން ވެސް އޭނާ ނިންމަވާފައި ވެއެވެ.
"ކާއިނާތުގެ ހިލަން" ޅެން ފޮތުގައި 250 ވުރެ ގިނަ ޅެން ހިމެނެ އެވެ. އެ ފޮތުގައި ހިމެނެނީ 2017 ވަނަ އަހަރާއި ހަމައަށް އޭނާ ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޅެންތަކެވެ.
ޅެންވެރިކަމާ ބެހޭ ބައެއް ފަންނީ މައުލޫމާތު ވެސް ހިމަނާފައިވާ އެ ފޮތުގައި ނަސީރުގެ ޅެންތަކަށް ޝާއިރުންނާއި އަދީބުންގެ ފާޑުވިދާޅުވުންތަކަށް ވެސް ޖާގަ ދީފައި ވެއެވެ. އޭގެ ތެރޭގައި ޅެންވެރިޔާ، އުތީމް އާދަމް އަބްދުއްރަހްމާނާއި ކުޑަފަރީ ޑރ. އަޝްރަފް އަބްދުއްރަހީމާއި މުލީ އަބްދުﷲ ސޯދިގާއި މުހައްމަދު ޝާހިދު ހަލީމާއި ޑރ. މުހައްމަދު ގުބާދު ފަދަ ޅެންވެރީންގެ ފާޑުވިދާޅުވުން ހިމެނެ އެވެ.
މީގެ ކުރިން "ނަސީރުގެ ވިންދު" ގެ ނަމުގައި ވެސް ވަރަށް ހާއްސަ ޅެން ފޮތެއް އޭނާ ނެރުއްވި އެވެ.
ނަސީރަކީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރާއެކެވެ. އަދި ކޮލެޖު ޔުނިވާސިޓީތަކުގެ މާސްޓާސް ލެވެލްގެ ކުލާސްތަކަށް ޅެންވެރިކަން ކިޔަވައި ދެއްވާ ބޭފުޅެކެވެ. ބައިނަލްއަގުވާމީ ބައެއް ޕްލެޓްފޯމްތަކާއި ފެސްޓިވަލްތަކުގައި ޅެން ހުށަހަޅުއްވަމުން ވެސް ގެންދަވާ ނަސީރަކީ ރާއްޖޭ އާ ޒަމާނުގެ އެންމެ ފާހަގަ ކޮށްލެވޭ ޅެންވެރިޔާއަށް ވެފައި ވެއެވެ.
އޭނާގެ ވަރަށް ގިނަ ޅެންތަކަކީ ރާއްޖޭގައި ވަރަށް މަގުބޫލު، ފާހަގަ ކޮށްލެވޭ ޅެންތަކެވެ. އޭގެ ތެރޭގައި ދޮންބަންޑާރައިންގެ ގައުމީ ޖިހާދާއި މިނިވަން ފަންސާހުގެ ލަވަ އާއި ޖުމްހޫރީ ފަންސާހުގެ ލަވަ އާއި އަދި ކޮންމެ ރޯދަމަހަކު އެންމެ ގިނައިން އަޑު އިވޭ "ނަފުސު ހޭލައްވާލަދޭށޭ އަންނަނީ ރަމަލާން ކަރީމް" އަދި ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން މި ފަދަ އެތައް ޅެމެއް ފާހަގަ ކޮށްލެވެ އެވެ.