ޅެންވެރިކަން

އޮންލައިންކޮށް ޅެންވެރީންގެ ހަވީރެއް ބާއްވައިފި

Aug 24, 2020

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޅެންވެރީންގެ ހަވީރެއް ބާއްވައިފިއެވެ.

މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހީމު ކުރިޔަށް ގެންދަވާ ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް އުނގަންނާދޭ ޕްރޮގްރާމުގެ ދަށުން އޭނާ އިންތިޒާމު ކުރެއްވި މި ހަވީރު ހާއްސަ ކުރެވިފައިވަނީ ކުޅަދާނަ ޅެންވެރިޔާ އަލްމަރުޙޫމު ޔޫސުފު މުހަންމަދުފުޅުގެ މައްޗަށެވެ.

"އާދަމް ނަސީރު އިބްރާހީމްގެ އަދަބީ އުފާ" މި ނަމުގައި ރޭ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޅެމަށް އިންސާފުކުރެއްވި ބޭފުޅުންގެ ތެރޭގައި އުތީމު އާދަމް އަބްދުއްރަހުމާނު، ޑރ. އަޝްރަފު އަބްދުއްރަހީމު، އަދި ގައުމީ އަރުޝީފުގެ ޑިރެކްޓަރ މުހަންމަދު އާމިރު (ފަރެސް) ހިމެނެއެވެ. މީގެ އިތުރަށް އިޔާޒު ޖާދުﷲ ނަސީމު ވެސް މި ހަވީރުގައި ޅެންވެރިކަމުގެ މައްޗަށް ޝުއުރު ފާޅުކުރެއްވިއެވެ. އަދި ޅެންވެރިކަމުގައި އިހުގެ އިސް އެދުރުންނަށް ލޯބިކުރުމާއި އެބޭފުޅުންނަށް މިހާރުގެ ޅެންވެރީން ގަދަރުކުރުމުގެ މައްޗަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ޅެންވެރިކަމުގެ ފަންނުގެ އެތައް ބޭފުޅުންނެއް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތު ތައާރަފު ކުރެއްވުމުގައި ޔޫސުފު މުހަންމަދުފުޅުގެ ހަޔާތްޕުޅުގެ މައްޗަށް އަލި އަޅުއްވައިލައްވައި އާދަމް ނަސީރު ތަޤުރީރު ކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ޔޫސުފު މުހަންމަދު ފުޅު ޅެން ހައްދަވައިފައިވަނީ ކޮންކޮން ދާއިރާއަކަށް ތޯ ސުވާލު ނުކުރައްވާށޭ. އޭގެ ބަދަލުގައި އަޅުގަނޑު ދަންނަވާނީ ޔޫސުފު މުހަންމަދު ޅެން ނުހައްދަވައި އޮތީ ކޮން ދާއިރާޔަކަށް ތޯ ނިކަން ސުވާލު ކުރައްވައިބައްލަވާށޭ،" ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދަބީ ނަޒަރަކުން ބަލާ ނަމަ ޔޫސުފު މުހަންމަދު ފުޅުގެ ޅެންވެރިކަމަކީ ރާއްޖެ މިއަދު މިދެކޭ ތަރައްގީގެ ފުރާނަކަމަށް ބުނަން ޖެހިލުން ނުވާ ކަމަށެވެ. އެ ގޮތުން އޭނާ ފާގަކުރެއްވީ އަސާސީ ތައުލީމުގެ ލަވަތަކުން އުފެއްދެވި އުނގެނުމުގެ ރޫހުވެ. މަސްވެރިކަމުގެ ލަވަތަކުން އުފެއްދެވި ހަކަތައެވެ. ދަނޑުވެރިކަމުގެ ލަވަތަކުން އުފެއްދެވި މަސައްކަތް ކުރުމުގެ ފޯރިއެވެ. ތިމާވެށީގެ ލަވަތަކުން ދިވެހި ވެށީގެ މައްޗަށް މީހުންގެ ހިތްތަކުގައި އުފެއްދެވި ލޯތްބެވެ. ގައުމީ ލަވަތަކުން ދިވެހީންގެ ހިތްތަކުގައި ޖެހި ވަތަނީ ވިންދެވެ. މަދަހަތަކުގައި ހުރި އާދަޔާ ހިޔާލު ފުން އަސަރެވެ.

ރޭގެ ޕްރޮގްރާމަށް ގިނަބައެއްގެ ތަރުހީބު ލިބިފައިވާތީ ޅެމުގެ މުޝާއަރާއެއް ބޭއްވުމަށް ޑރ އަޝްރަފު ހިޔާލު ހުށަހެޅުއްވިއެވެ. އަދި އުތީމު އާދަމްބެއާއި ފަރެސް މުހަންމަދު އާމިރު މި ކަމަށް ތާއީދު ކުރެއްވިއެވެ.

ބައިވެރީންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ގޭގެ ކޮޓަރި ތެރޭގައި އިނދެގެން އަދަބީ މި ފަދަ އުފަލެއް ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. މި ހަވީރު ވަރަށް ފުރިހަމަ ކަމަށެވެ.