ކޮވިޑް-19 އަށްފަހު، ޖުލައި މަހު ޓޫރިޒަމް ހުޅުވާލަން ސަރުކާރުން މަސައްކަތް ކުރާތީ، ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާގެ ކުންފުނިން، ތައްޔާރުވާން ފަށައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ (ސީސީއާރު) ގެ ރިސޯޓުތަކުން ޓޫރިޒަމް ހުޅުވަން ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ރިސޯޓުތަކަށް އަންނަ ބޭނުންވާ މީހުންނަށް ހާއްސަ އޮފާތަކެއް ވަނީ އަޅުވާފަ އެވެ. ހާއްސަ ޑިސްކައުންޓްތައް ލިބޭ މި ހާއްސަ އޮފާތައް އަހަރުގެ ނިޔަލަށް ދެމިގެންދެ އެވެ. މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން މި ހާއްސަ އޮފާތައް އޮންލައިން ބުކިން ސައިޓްތަކުންނާއި ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ބުކިން ހައްދާ ޓޫރިސްޓުންނަށް ވެސް ލިބިގެންދާނެ އެވެ.
ސީސީއާރުގެ ރިސޯޓުތަކުން ދޭ މި ހާއްސަ އޮފާތަކުގެ ތެރޭގައި ކްރެޑިޓް ކާޑުން ބުކިން ތަކަށް ފައިސާ ދެއްކުމުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބުން ހިމެނެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ރިސޯޓުތަކަށް ބުކިން ހެއްދުމުން 20 ޕަސެންޓާއި 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ސީސީއާރުގެ އިން ބުނީ މި ހާއްސަ އޮފާތާއް އެ ކުންފުނިން ހިންގާ އިނަ ހުރާ މޯލްޑިވްސް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓް އަދި ކޮމަންޑޫ އައިލެންޑް ރިސޯޓުގެ އިތުރުން މީރު އައިލެންޑް ރިސޯޓާއި ވެލިގަނޑު އައިލެންޑް ރިސޯޓަށް އަންނަން ތައްޔާރުވާ ޓޫރިސްޓުންނާއި ވިލަމެންދޫ ރިސޯޓުން ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި ހާއްސަ ޑިސްކައުންޓް އެ ކުންފުނީގެ އަނެއް ރިސޯޓް ކަލެކްޝަން ކަމަށްވާ ކުރެއްދޫ ހޯލްޑިންގްގެ ރިސޯޓު ތަކުން ވެސް ދެ އެވެ.
ސަރުކާރުން ވަނީ ކޮވިޑް-19 އަށްފަހު އަލުން ޓޫރިޒަމް ފަށާނެ ޕްލޭނެއް ހަދާފައިވާ ކަމަށް ބުނެފަ އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ވުމުން އަލުން އެއާޕޯޓް ހުޅުވައި، ޓޫރިޒަމް ފަށައި ގަނެވޭނެ ޕްލޭނެއް އެކުލަވާލައި ރައީސް އޮފީހާ މިހާރު ހިއްސާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެނަމަ ކަނޑައެޅޭ އުސޫލެއްގެ ދަށުން ޖުލައި މަހު ޓޫރިޒަމް ހުޅުވާލެވޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތައް ވަނީ ބަންދުކޮށްފަ އެވެ. މީގެތެރޭގައި ކްރައުން އެންޑް ޗަމްޕާގެ ރިސޯޓުތައް ވެސް ހިމެނެ އެވެ.