ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ރާއްޖޭގައި ނުހުޅުވި އޮތީ ހަތް ރިސޯޓާއި 229 ގެސްޓްހައުސް

ބޯޑަރު ހުޅުވިފަހުން މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި އޮތީ ހަތް ރިސޯޓާއި 229 ގެސްޓްހައުސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން މިހާތަނަށް އަލުން ހުޅުވާފައިވާ ރިސޯޓުގެ އަދަދަކީ 156 އެކެވެ. ރާއްޖޭގެ ޓޫރިޒަމްގައި މިހާތަނަށް އޮޕަރޭޓް ކުރަން ލައިންސަސް ދީފައިވާ ރިސޯޓުގެ ޖުމްލަ އަދަދަކީ 163 އެކެވެ. އެހެންވެ އަލުން އޮޕަރޭޝަނަށް ނުގެނެވި ހުރި ރިސޯޓުގެ އަދަދަކީ ހަތެކެވެ.

އެނދުގެ ނިސްބަތުން ބަލާނަމަ ރިސޯޓުތަކުގައި ކުރިން ހުރި 38،394 އެނދުގެ ތެރެއިން 36،772 އެނދެއް ވަނީ އަލުން އޮޕަރޭޝަނަށް ގެނެސް ހިދުމަތް ދޭން ފަށާފަ އެވެ. އެހެންވެ މިހާރު ރިސޯޓުތަކުގެ ތެރެއިން އަލުން އޮޕަރޭޝަނަށް ނުގެނެވި ވަނީ 1،622 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޖުމްލަ 706 ގެސްޓްހައުސް އޮޕަރޭޓް ކުރަމުން ދިޔަ ނަމަވެސް މިހާރު އަލުން އޮޕަރޭޝަނަށް ގެނެވިފައިވަނީ 477 ގެސްޓްހައުސްއެއްގެ 8،616 އެނދެވެ. ބޯޑަރު ބަންދު ކުރުމާ ހަމައަށް 11،466 އެނދު ހިދުމަތަށް ނެރެފައިވެ އެވެ. އަދި ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖޭގައި 160 އުޅަނދެއްގައި ހިދުމަތް ދެމުން ދިޔަ ނަމަވެސް މިހާރު ހިދުމަތްދޭ ސަފާރިތަކުގެ އަދަދަކީ 141 އެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖޭގައި ހިދުމަތް ދޭން ހުއްދަ ދީފައިވާ ޖުމްލަ ޓޫރިސްޓު އެނދުގެ އަދަދަކީ 54،373 އެވެ. ނަމަވެސް މިހާތަނަށް ހިދުމަތަށް ނެރެފައިވަނީ 49،514 އެނދެވެ.