ކޮރޯނާވައިރަހާ ގުޅޭ ގޮތުން ނެރެފައިވާ އާ ރިޕޯޓެއް ބުނާ ގޮތުގައި މައުތު ވޮޝްއިން އަނގަ ދޮންނަނަމަ ކޮރޯނާ ވައިރަހަށް އަނގައިގެ ތެރޭގައި ހަރުލައި ނުތިބެވެ އެވެ. އަދި މިއީ ވައިރަހުން ދިފާއުވާން ރަނގަޅު ގޮތެކެވެ. ކޮރޯނާވައިރަސް އަނގައިގެ ތެރެއަށް ވާސިލުވިޔަސް މައުތުވޮޝް އިން އަނގަ ދޮވުމުން އެ ތަކެތި މަރުވާ ކަމަށާއި އިންސާނުންގެ ސެލްތައް އިންފެކްޓްކުރާނެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.
ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމަކުން ނެރެފައިވާ މި ރިޕޯޓުގައިވާ ގޮތުން މައުތުވޮޝް އިން ވައިރަސްގެ ބޭރު "އުރަ" ހަލާކުކޮށްލަ އެވެ. އަދި މިކަމުގެ ސަބަބުން އަނގަޔާއި ކަރުތެރޭގައި އިތުރަށް ވައިރަސް ގިނަ ކުރުމުގެ ފުރުސަތު ގެއްލި ކޮރޯނާވައިރަހުން އެ މީހާ ދިފާއު ކޮށްދެ އެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހުން ދިފާއުވުމުގައި މައުތުވޮޝް އަދާ ކުރާ ދައުރެއް ބެލުމަށް ޓްރައަލްތަކެއް ވީހާވެސް އަވަހަކަށް ފަށަން ޖެހިފައިވާ ކަމަށެވެ. ސަބަބަކީ މިކަމާ ގުޅޭ ކްލިނިކަލް ޓްރައަލްތަކެއް ނަހަދާ މީގެ ސައިންޓިފިކް ހެކި ނުހޯދޭނެތީ އެވެ.
އެހެންވީމާ މި ރިޕޯޓުގައި ދައްކާފައިވާ ވާހަކަތައް އަހަރެމެން ގަބޫލުކުރަންވީ ކިހާ ވަރަކަށް ހެއްޔެވެ؟ އިނގިރޭސި ވިލާތުގެ ޑެންޓަލް ކްލިނިކެއްގައި މަސައްކަތްކުރާ ޑެންޓިސްޓަކު ބުނި ގޮތުގައި މިއީ ގަނޑުކޮށް މައުތުވޮޝް ގަނެ އެއްކުރަންވީ ވަގުތު ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެ ވެއެވެ.
އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ސަބަބުތަކާ ހުރެ މިއީ ވަރަށް އުންމީދު އާވާ ކަހަލަ ޚަބަރެއް ނަމަވެސް ހަމައެކަނި މައުތުވޮޝް އިން އަނގަ ދޮވެގެން ކޮރޯނާވައިރަހުން ދިފާއު ވެވޭނެ ކަމަށް ނުވަތަ ވައިރަސް ހަށިގަނޑަށް ވަންނަ މިންވަރު މަދު ކުރެވޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ކަމެކެވެ.
މައުތުވޮޝް އިން އަނގަ ދޮވުން އާދަކޮށްފިނަމަ ކޮރޯނާވައިރަސް އަނގައިގެ ތެރޭގައި އާލާވާލެއް މަދުކުރަން އެހީތެރިވާނެ ކަމަށް ޑެންޓިސްޓް ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް މިއީ އަދި އެއްގޮތަކަށް ވެސް ތަޖުރިބާކޮށްފައިވާ ކަމަކަށް ނުވާތީ ނޭނގޭ ކަމެއް އެހާ ބޮޑަށް ގަބޫލުކުރުން ރަނގަޅު ނޫންކަމަށް އޭނާ ދެކެ އެވެ.
މިފަދަ ދަނޑިވަޅެއްގައި ކޮންމެ މީހަކުވެސް އެ މީހާގެ އަނގައިގެ ސިއްހަތަށް ފަރުވާތެރިވުން މުހިއްމު ކަމަށް ޑެންޓިސްޓް ބުންޏެވެ. ހެނދުނާއި ހަވީރު އަނގަ ރީއްޗަށް ސާފުކުރުމަކީ ކޮރޯނާވައިރަސް ނޫނަސް އެހެން ބަލިތަކުން ވެސް ސަލާމަތްވުމަށް އޮތް ރަނގަޅު ގޮތެއް ކަމަށް އޭނާ ބުންޏެވެ.
މި ރިޕޯޓަށް ޑަބްލިޔުއެޗްއޯ އިން ވެސް އިޖާބަ ދީފައި ވެއެވެ. ޑަބްލިޔުއެޗްއޯ އިން ބުނީ މައުތުވޮޝް އިން އަނގައިގެ ތެރެ ދޮވެގެން ކޮރޯނާވައިރަސް ނައްތާލެވޭކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
"ބައެއް ބްރޭންޑްތަކުގެ މައުތުވޮޝް އިން އަނގަ ދޮވުމުން އަނގައިގައި ހުންނަ ކުޅުފައި ހުންނަ މައިކްރޯބްސް މަދު މިނިޓަކަށް ނައްތާލާ. ނަމަވެސް މީގެ މާނައަކީ ކޮވިޑް-19 ކަހަލަ އިންފެކްޝަނެއް ޖެހެން މެދުވެރިވާ ވައިރަސް ނައްތާލައެކޭ ނޫން،" ޑަބްލިޔުއެޗްއޯ އިން ބުނެފައި ވެއެވެ.
ޑެންޓިސްޓް ބުނި ގޮތުގައި މައުތުވޮޝް އިން ވައިރަސް މަރުވަނީ ހޭންޑް ސެނިޓައިޒާ އުނގުޅުމުން އަތުގައި ހުންނަ ވައިރަސްތައް ނައްތާލާ ގޮތަށެވެ. ސަބަބަކީ ހޭންޑް ސެނިޓައިޒާ އާއި މައުތުވޮޝްގައި ވެސް ބަނގުއާވި ގިނަ މިންވަރަކަށް ހުންނާތީ އެވެ. އެހެންކަމުން ކޮންމެ ދުވަހަކު ދެ ދަޅައަށް މައުތުވޮޝް އިން އަނގަ ދޮންނަ ނަމަ އަނގައިގައި ހުންނަ އެއްވެސް ކަހަލަ ވައިރަސް އެއް އެއްޗަކަށް ދިރިއެއް ނުހުރެވޭނެ އެވެ.
ނަމަވެސް މިއީ ކޮރޯނާވައިރަހުން ދިފާއުވާން އޮތް ރަނގަޅު ހައްލެއް ކަމަށް ނުބެލެވެނީ ވައިރަސް ވަންނަނީ ހަމައެކަނި އަނގައިން ކަމަށް ނުވާތީ އެވެ. އިންސާނާގެ ނޭފަތާއި ލޮލުގެ ޒަރިއްޔާއިން ވެސް ކޮރޯނާވައިރަސް ހަށިގަނޑަށް ވާސިލުވެ އެވެ. އެހެންވީމާ އަދި ހަމައެކަނި އަނގަ ދޮވުމަކުން ސަލާމަތެއް ނެތެވެ.