ކޮރޯނާވައިރަހަށް ތައްޔާރުކުރާ ވެކްސިން ކާމިޔާބު ވުމުގެ އުންމީދު ވަރަށް ބޮޑަށް އާ ވެއްޖެ އެވެ. އުންމީދު އާވީ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާފައިވާ ވެކްސިން ރާމާމަކުނުތަކަކަށް ދީގެން ހެދި ޓެސްޓްތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ލިބުމާ ގުޅިގެންނެވެ.
މި ވެކްސިން ދިން މަކުނުތަކުގެ ދިފާއީ ނިޒާމު ހަ ވައްތަރެއްގެ ވައިރަހަކަށް ވަރަށް ރަނގަޅަށް ރެސްޕޮންސް ކުރި ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި މީގެން އެއްވެސް ރާމާމަކުނަކަށް އެއްވެސް ސައިޑް އިފެކްޓެއް ވެސް ދިމާވެފައެއް ނުވެ އެވެ.
ރާމާމަކުނުތަކަށް ދީފައިވަނީ އިންސާނުންނަށް ދީފައިވާ ވެކްސިންގެ ޑޯޒްގެ ދެބައިކުޅަ އެއްބައެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި ވެކްސިން ދިން މީދާތަކުގެ ހަށިގަނޑުގައި ވެސް ވެކްސިން ދިންތާ ދެ ހަފުތާ ތެރޭގައި ކޮވިޑް-19 ގެ އެންޓިބޮޑީޒް އުފެދިފައި ވެއެވެ. އަދި 28 ދުވަސް ތެރޭގައި މުޅިން މި ވައިރަހާ ދެކޮޅަށް މި ޖަނަވާރުތަކުގެ ހަށިގަނޑު ފުރިހަމައަށް ތައްޔާރުވިކަން ވެސް މި ދިރާސާގައި ބުނެފައި ވެއެވެ.
އަދި ބަލި ޖެހުމުގެ ސަބަބުން ފުއްޕާމެޔަށް ލިބޭ ގެއްލުންތަކުން ވެސް ދިފާއުވެވޭކަން ސާބިތުވެފައިވާ ކަމަށް ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި ވެކްސިން ނުދޭ ރާމާމަކުނުތަކާ އަޅާ ބަލާއިރު ވެކްސިން ދިނުމަށްފަހު ކޮވިޑް-19 ބަލި ޖެއްސި ރާމާމަކުނުތަކުގެ ހަށިގަނޑުން ވައިރަސް ހުރި މިންވަރު ވަރަށް މަދުކަމަށާއި އަދި އެއްވެސް ޖަނަވާރަކަށް ނިއުމޯނިއާ ނުޖެހޭ ކަމަށެވެ.
ނަމަވެސް ނޭފަތުން ނުކުންނަ ވައިރަސްތައް މަދުވާކަން އަދި އޮބްޒާވްކުރެވިފައި ނުވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
އިންސާނުންނަށް ވެކްސިން ދީގެން ހަދަމުންދާ ޓްރައަލްގެ ނަތީޖާ ވެސް ފެންނަނީ ވަރަށް އުންމީދީ ގޮތަކަށް ނަމަވެސް ޖަނަވާރުންނަށް މި ވެކްސިން އިން އަސަރުކުރާ ގޮތަށް އިންސާނުންނަށް ކޮންމެހެން ކުރަން ނުޖެހޭނެ ކަމަށާއި ނަތީޖާ މުޅިން އެއްގޮތަކަށް ދިމާ ނުވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
ލަންޑަން ސްކޫލެއްގެ ޕްރޮފެސަރެއް ވިދާޅުވި ގޮތުގައި މި ހޯދުމުގެ ނަތީޖާއަކީ ހަގީގަތުގައި ވެސް "އުފާވެރި ޚަބަރެ"ކެވެ.
އިންސާނުންނަށް މިހާރު ވެކްސިން ދީފައިވާއިރު އެ މީހުންގެ ނަތީޖާތަކަށް މުޅި ދުނިޔެވެސް މިހާރު ތިބީ ނޭވާ ހިފަހައްޓާލައިގެން ބަލަ ބަލަ އެވެ.