ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލި ފުޓްބޯޅަ ސީޒަން ދެ މަސް ދުވަހުގެ ބުރޭކަކަށް ފަހު އެނބުރި އައި މެޗުގައި ބުރޫޝިއާ ޑޯޓަމުންޑުން ވާދަވެރި ޝާލްކޭގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ.
ކޮރޯނާ ވައިރަސްއަށް ފަހު ހިމޭން ކަމާއެކު އަލުން އެނބުރި އައި ފުރަތަމަ މެޗު ޑޯޓަމުންޑުން ކާމިޔާބު ކުރީ 4-0 ންނެވެ. ޖަރުމްނަގެ ސިޓީ ނޯތުރެން ވެސްޓްފާލެންއަށް ނިސްބަތްވާ ޝާލްކޭ އާއި ޑޯޓަމުންޑްގެ ކުރިމަތިލުން މަޝްހޫރު ވެފައި ވަނީ ރިވިއާ ޑާބީގެ ނަމުންނެވެ. އެ މެޗަކީ ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޑޯޓަމުންޑުން އަމިއްލަ ދަނޑުގައި ޝާލްކޭގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.
މެޗުގެ ކުރިން ފެނިގެން ދޔައީ ޓީމުގެ ވޯމްއަޕްގައި ކުޅުންތެރިން މާސްކް އަޅައިގެން ތިބި ތަނެވެ. ބަދަލު ކުޅުންތެރިންވެސް ތިބެނީ ޓީމުގެ އެހެން އޮފިޝަލުންނާ ދުރުގަ އެވެ. ސަޕޯޓަރުން ވަނުން މަނާ ކޮށްފައި ވުމުން މުޅި މާހައުލަށް ވެރިވެފައި އޮތީ ހިމޭން ކަމެވެ. މީގެ ކުރިން ރިވިއާ ޑާބީގެ މެޗުގައި ޑޯޓަމުންޑްގެ ސިގްނަލް އިޑްނާ ޕާކުގައި ކުޅޭނަމަ 81000 ސަޕޯޓަރުން ދަނޑަށް ވަދެ އެވެ.
އާލިންގް ހާލޭންޑް ވަނީ މެޗުގެ ފުރަތަމަ ލަނޑު ޑޯޓަމުންޑަށް ކާމިޔާބު ކޮށްދީ އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ. ޓޯގަން ހަޒާޑް ވެސް ވަނީ ލަނޑު ޖަހައި އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޕައޮލޯ ގުއެރޭރޯ އެވެ.